Roadha Mihaaru
އެންމެ ގިނައިން ޕްލާސްޓިކް ބޭނުންކުރަނީ ކޮކަ ކޯލާއިން

އެންމެ ގިނައިން ޕްލާސްޓިކް ބޭނުންކުރާ ކުންފުންޏަކީ ކޮކަ ކޯލާ

25 އޮކްޓޯބަރ 2019

ތިމާވެށީގެ އެންމެ ބޮޑު އެއް ދުޝްމަން ކަމަށްވާ ޕްލާސްޓިކް އެންމެ ގިނައިން ބޭނުންކުރާ ކުންފުންޏަކަށް، ޖެހިޖެހިގެން ދެވަނަ ފަހަރަށް ކޮކަ ކޯލާ ވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ތިމާވެށީގެ އެންމެ ބޮޑު އެއް ދުޝްމަން ކަމަށްވާ ޕްލާސްޓިކް އެންމެ ގިނައިން ބޭނުންކުރާ ކުންފުންޏަކަށް، ޖެހިޖެހިގެން ދެވަނަ ފަހަރަށް ކޮކަ ކޯލާ ވެއްޖެ އެވެ.

އެކަމަކު މި އަހަރުގެ މާޗް މަހުގެ ތެރޭގައި ވެސް އެ ކުންފުނިން ބުނެފައި ވަނީ ޕްލާސްޓިކް މަދުކުރާނެ ކަމަށެވެ.

އެންމެ ގިނައިން ޕްލާސްޓިކް ބޭނުންކުރާ ކުންފުނިތައް ހިމަނައިގެން، ތިމާވެއްޓަށް މަސައްކަތްކުރާ ގްރޫޕް "ބްރޭކް ފްރީ ފްރޮމް ޕްލާސްޓިކް" އިން އެކުލަވައިލި ގްލޯބަލް ބްރޭންޑް އޮޑިޓް ރިޕޯޓް 2019 ގައި ހިމެނޭ ލިސްޓްގެ ކުރި ކޮކަ ކޯލާ އަށް ލިބުނު އިރު، މިދިޔަ މަހުގެ ތެރޭގައި ދުނިޔޭގެ 50 އަށް ވުރެ ގިނަ ގައުމުން، 484 މޫދު ސާފުކުރަން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން އެއްކުރި ޕްލާސްޓިކްގެ ތެރެއިން އެންމެ ގިނައިން ހޮވާފައި ވަނީ ވެސް ކޮކަ ކޯލާގެ އުފެއްދުންތަކުގެ ޕްލާސްޓިކެވެ.

މިކަމާ ގުޅިގެން އެ ކުންފުނިން ބުނީ ދުނިޔެ އަށް އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް މައްސަލައާ ދެކޮޅަށް މަސައްކަތްކުރާނެ ކަމަށެވެ.

އެގޮތުން މިހާރު ވެސް ކޮކަ ކޯލާއަކީ ތިމާވެއްޓަށް މަސައްކަތްކުރާ އެކި ހަރަކާތްތަކުގައި ހިއްސާވާ ކުންފުންޏެއް ކަމަށް ބުންޏެވެ. އޭގެ ތެރޭގައި ޖީ7 އޯޝަން ޕްލާސްޓިކްސް ޗާޓާ، ސާކިއުލޭޓް ކެޕިޓަލް، ވޯލްޑް އިކޮނޮމިކް ފޯރަމް ގްލޯބަލް ޕްލާސްޓިކް އެކްޝަން ޕާޓްނާޝިޕް (ޖީޕީއޭޕީ) އަދި ވޯލްޑް ވިތައުޓް ވޭސްޓް ޕްރޮގްރާމް ހިމެނޭ ކަމަށް ކޮކަ ކޯލާ އިން ބުންޏެވެ.

ކޮކަ ކޯލާގެ ފަހަތުން ލިސްޓްގެ ދެވަނައިގައި ހިމެނެނީ ނެސްލޭ އެވެ. ތިން ވަނައިގައި އޮތީ ޕެޕްސިކޯ އެވެ.

އެންމެ ގިނައިން ޕްލާސްޓިކް ބޭނުންކުރާ 10 ކުންފުނީގެ ތެރޭގައި ދެން ހިމެނެނީ މޮންޑެލޭޒް އިންޓަނޭޝަނަލް، ޔުނިލީވާ، މާސް، ޕީއެންޑްޖީ، ކޮލްގެޓް-ޕާމްއޮލިވް، ފިލިޕް މޮރިސް އަދި ޕަފެޓީ ވެން މިލީ އެވެ.

ބްރޭކް ފްރީ ފްރޮމް ޕްލާސްޓިކްގެ ގްލޯބަލް ކޯޑިނޭޓަރު ވޯން ހާނަންޑޭޒް ވިދާޅުވީ ޕްލާސްޓިކް އެންމެ ގިނައިން ބޭނުން ކުރާ ކުންފުނިތަކާ ބެހޭ ގޮތުން އެކުލަވާލި ރިޕޯޓަޑް ބަލާ އިރު، ކުންފުނިތަކުން އެކަމާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަން ހާމަވާ ކަމަށެވެ.

"އެ ކުންފުނިތަކުގެ ބައިވެރިވުމާއި އެއްބާރުލުން މިކަމަށް ނުލިބޭ ނަމަ ޕްލާސްޓިކް ކުނީގެ މައްސަލަ ދާނީ ހައްތަހާ ގޯސްވަމުން،" އޭނާ ވިދާޅުވި އެވެ. "ދުނިޔެ ނުރައްކަލުގެ ތެރެއަށް ހުށަހެޅެމުން."