Roadha Mihaaru
އެމެޒޯން އިން ވެސް ޕްލާސްޓިކް ހުއްޓާލަނީ

އެމެޒޯން އިން ވެސް ޕްލާސްޓިކް ހުއްޓާލަނީ

06 ސެޕްޓެމްބަރ 2019

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކާ ދެކޮޅަށް، އަންނަ މަހު އިންޑިއާ އިން ބޮޑު ކެމްޕޭނެއް ފަށަން ނިންމައި، ޕްލާސްޓިކް މަދުކުރަން އޮންލައިން ވިޔަފާރިތަކަށް ވެސް އެންގުމާ ގުޅިގެން އެމެޒޯން އިން އިންޑިއާގައި ސިންގަލް-ޔޫޒް ޕްލާސްޓިކް ބޭނުންނުކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކާ ދެކޮޅަށް، އަންނަ މަހު އިންޑިއާ އިން ބޮޑު ކެމްޕޭނެއް ފަށަން ނިންމައި، ޕްލާސްޓިކް މަދުކުރަން އޮންލައިން ވިޔަފާރިތަކަށް ވެސް އެންގުމާ ގުޅިގެން އެމެޒޯން އިން އިންޑިއާގައި ސިންގަލް-ޔޫޒް ޕްލާސްޓިކް ބޭނުންނުކުރަން ނިންމައިފި އެވެ.

އިންޑިއާގައި އެންމެ ފުޅާކޮށް އޮންލައިން ވިޔަފާރި ހިންގާ އެމެރިކާގެ ކުންފުނިން ބުދަ ދުވަހު ބުނީ އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް އިންޑިއާގައި ބޭނުން ނުކުރާނެ ކަމަށެވެ. އެގޮތުން ކަސްޓަމަރުން އޯޑަރުކުރާ މުދާ ފޯރުކޮށްދޭ އިރު، ތަކެތި ޕެކްކުރަން ދެން ބޭނުން ކުރާނީ ތިމާވެއްޓާ ރައްޓެހި އެއްޗެހި ކަމަށް ބުންޏެވެ.

"އަދި އެ ތަކެއްޗަކީ ރިސައިކަލް ކުރެވޭ އެއްޗިއްސަށް ވާނީ،" އެ ކުންފުނިން ބުންޏެވެ.

އެމެޒޯން އަކީ މިހާރު މުދާ ޕެކްކުރަން ޕްލާސްޓިކާއި ތާމަކޮލް ފަދަ ވަސީލަތްތައް ބޭނުންކުރާ ކުންފުންޏެކެވެ.

އަންނަ މަހުގެ 2 އިން ފެށިގެން އިންޑިއާ އިން ޕްލާސްޓިކާ ދެކޮޅަށް ގައުމީ ފެންވަރުގައި ބޮޑު ކެމްޕޭނެއް ފަށާއިރު، ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ގައުމުގައި އަހަރަކު 14 މިލިއަން ޓަނުގެ ޕްލާސްޓިކް ކުނި އުފެދެ އެވެ. އަދި އޭގެ 40 ޕަސަންޓް ހިއްސާކުރަނީ އޮންލައިން ވިޔަފާރިތަކެވެ.

އެހެންވެ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މިދިޔަ ހަފުތާގައި ވަނީ އެމެޒޯން އާއި ވޮލްމާޓާއި ފްލިޕްކާޓް ފަދަ އޮންލައިން ފިހާރަތަކުގައި ޕްލާސްޓިކް މަދުކުރަން މަސައްކަތްތަކެއް ކުރަން އެދިފަ އެވެ.

އިންޑިއާގައި ހުންނަ އެމެޒޯންގެ އޮފީސް ކެމްޕަސް.

އިންޑިއާގައި ހުންނަ އެމެޒޯންގެ އޮފީސް ކެމްޕަސް.

މިކަމާ ގުޅިގެން ފްލިޕްކާޓުން ވަނީ މިހާރު ބޭނުންކުރާ ޕްލާސްޓިކްގެ އަދަދު 25 ޕަސެންޓް މަދުކޮށްފަ އެވެ. އަދި އެ ކުންފުނީގެ އަމާޒަކީ 2021 ގެ މާޗްގެ ފަހުން ރިސައިކަލް ކުރެވޭ ބާވަތްތައް ބޭނުންކުރުމެވެ.

ބޮޑުވަޒީރު ނަދެރެންދުރަ މޯދީގެ އަމާޒަކީ 2022 އާ ހަމައަށް އަންނަންވާ އިރަށް އިންޑިއާގައި އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކް ބޭނުންކުރުން އެއްކޮށް ހުއްޓާލައި، ތިމާވެއްޓާ ރައްޓެހި އުފެއްދުންތައް ބޭނުންކުރަން ހިތްވަރުދީ އެކަން ކުރިއެރުވުމެވެ.