Roadha Mihaaru
ކުޅިވަރަށް ހާއްސަ އުފެއްދުންތަކެއް ޕްލާސްޓިކް ފުޅިން

ކުޅިވަރަށް ހާއްސަ އުފެއްދުންތަކެއް ޕްލާސްޓިކް ފުޅިން

09 ޖުލައި 2021

ޓެނިސް ކުޅެން ހާއްސަ އައިޓަމްތަކެއް، ޕްލާސްޓިކް ފުޅި ރިސައިކަލްކޮށްގެން އުފައްދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޓެނިސް ކުޅެން ހާއްސަ އައިޓަމްތަކެއް، ޕްލާސްޓިކް ފުޅި ރިސައިކަލްކޮށްގެން އުފައްދައިފި އެވެ.

"ދި އެކްޓިވް ސްޕޯޓްސް ކަލެކްޝަން" ގެ ނަމުގައި މި އުފެއްދީ މި އަހަރުގެ ވިމްބަލްޑަން ހޯސްޓްކުރާ އިނގިރޭސި ކުލަބް، އޯލް އިންގްލޭންޑް ލޯން ޓެނިސް ކުލަބް (އޭއީއެލްޓީސީ) އިންނެވެ. މިއީ އެ ކުލަބްގެ ތެރޭގައި ކުރިއަށް ގެންދިޔަ އިން-ހައުސް ޑިޒައިނިން މަސައްކަތެއްގެ ތެރެއިންކޮށްފައިވާ ތިމާވެއްޓާ ވަރަށް ރައްޓެހި ހާއްސަ މަސައްކަތެކެވެ.

ޕްލާސްޓިކް ފުޅި ރިސައިކަލްކޮށްގެން ނެރުނު ކަލެކްޝަނުގައި ދެ ޖިންސްގެ މީހުންނަށް ހާއްސަ 100 އަށް ވުރެ ގިނަ އައިޓަމް ހިމެނެ އެވެ. އޭގެ ތެރޭގައި ޕޯލޯ ޓީޝާޓާއި ޓްރެއިނިން ޓޮޕާއި ސްކާޓާއި ސިލްކް ޓައި އާއި ޕެނަމާ ހެޓްސްގެ އިތުރުން ވިމްބަލްޑަން ޗެމްޕިއަންޝިޕް ޓަވަލް ވެސް ހިމެނެ އެވެ.

ވިމްބަލްޑަން ސިގްނޭޗާ ކުލަ އަކީ ދަނބުކުލަ ކަމަށް ވިޔަސް "ދި އެކްޓިވް ސްޕޯޓްސް ކަލެކްޝަން" ގައި ހިމެނޭ އައިޓަމްތަކުގެ މައިގަނޑު ކުލަ އަކީ ހުދާއި ނުލެވެ. އެއިން ވެސް ރަމްޒުކޮށްދޭން ބޭނުންވީ މި ކަލެކްޝަން ތިމާވެއްޓާ ރައްޓެހި ސާފު އުފެއްދުންތަކެއްކަމަށެވެ.

އޭއީއެލްޓީސީ އިން ބުނި ގޮތުގައި ޓެނިހުގެ ތެރެއިން ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކެއް ގެނެސްދީ، ވެށީގެ ހިމާޔަތުގައި މަސައްކަތްކުރުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް އަދި ފަހުރެކެވެ. އެހެންވެ އެ މަސައްކަތުގައި ދެމިތިބޭނެ ކަމަށް ބުންޏެވެ.

"ދި އެކްޓިވް ސްޕޯޓްސް ކަލެކްޝަން" އާ އެކު އޭއީއެލްޓީސީ އިން ބުނީ އަމާޒަކީ އަންނަ އަހަރުން ފެށިގެން ނެރޭ އުފެއްދުންތަކުގެ 99 ޕަސަންޓަކީ ޕްލާސްޓިކް ރިސައިލަކްކޮށްގެން ތައްޔާރުކުރާ އެއްޗިއްސަށް ހެދުން ކަމަށެވެ. އެތަނުގެ ބުނި ގޮތުގައި އާދައިގެ ސައިޒްގެ ޓީޝާޓެއް ތައްޔާރުކުރަން ބޭނުން ވާނީ ވިއްސަކަށް ފުޅި އެވެ.

އޭއީއެލްޓީސީގެ ރިޓެއިލް ހެޑް ޑޭވިޑް ހެވިޓް ވިދާޅުވި ގޮތުގައި ކުޅިވަރަށް ހާއްސަ ސާމާނު ތިމާވެއްޓާ ރައްޓެހިކޮށް ގެނެސް ދިނުމަކީ ކާމިޔާބީއެކެވެ. އެހެންވެ އެފަދަ ތަކެތި ވިއްކަން ހާއްސަ އައުޓްލެޓެއް ހުޅުވަން ވިމްބަލްޑަން އަށް އެހީވާނެ ކަމަށް ވިދާޅުވި އެވެ.

މިހާރު އަމާޒު ހިފާފާފައި އޮތީ ވަރަށް އަވަހަށް ލަންޑަނުގައި ފުރަތަމަ އައުޓްލެޓް ހުޅުވާށެވެ.

"ޔަގީނުން ވެސް މިއީ މާކެޓް އޮންނާނެ ކަމަކަށް ވާނެ. އަހަރެމެން މަސައްކަތް ވެސް ކޮށް ދޭނަން އެކްޓިވް ސްޕޯޓްސް ކަލެކްޝަން މާކެޓްކޮށް، އެއަށް މަގުބޫލުކަން ހޯދައި ދޭން،" ލަގްޒަރީ ފެޝަން ބްރޭންޑެއް ކަމަށްވާ ޑެކްސްގައި ކުރިން މަސައްކަތްކުރެއްވި ޑޭވިޑް ވިދާޅުވި އެވެ. "ސަޕްލައި ނުގެއްލި މި ކަލެކްޝަން ކުރިއަށް ގެންދެވޭ ކަމަށް ވަންޏާ ވަރަށް ޔަގީން ވައިގައި ހިފާނެ."