Roadha Mihaaru
ޔުނިލީވާ އިން ޕްލާސްޓިކް ދެ ގުނަ މަދުކުރަނީ

ޔުނިލީވާ އިން ޕްލާސްޓިކް ދެ ގުނަ މަދުކުރަނީ

09 އޮކްޓޯބަރ 2019

އާންމު ދިރިއުޅުމަށް ބޭނުންވާ ސާމާނާ އުފައްދާ އިނގިރޭސި ކުންފުނި ޔުނިލީވާ އިން އެ ކުންފުނީގެ އުފެއްދުންތައް ޕެކްކުރުމުގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ދެ ގުނަ ދަށްކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާންމު ދިރިއުޅުމަށް ބޭނުންވާ ސާމާނާ އުފައްދާ އިނގިރޭސި ކުންފުނި ޔުނިލީވާ އިން އެ ކުންފުނީގެ އުފެއްދުންތައް ޕެކްކުރުމުގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ދެ ގުނަ ދަށްކުރަން ނިންމައިފި އެވެ.

ޔުނިލީވާ އިން ޕްލާސްޓިކާ ދެކޮޅަށް ފަށާފައިވާ މަސައްކަތްތަކާ ބެހޭ ގޮތުން ބުނީ އަމާޒަކީ 2025 ވަނަ އަހަރާ ހަމައަށް އަންނަންވާ އިރަށް، ކުންފުނީގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު ދެ ގުނަ މަދުކުރުން ކަމަށެވެ. އެކަމުގެ ސަބަބުން އަހަރަކަށް 100،000 ޓަނަށް ވުރެ ޕްލާސްޓިކް ދަށްކުރެވޭނެ ކަމަށް ބުންޏެވެ.

މި ބަދަލާ އެކު ޔުނިލީވާ އިން ނެރޭ މާމައިޓް، ޕީޖީ ޓިޕްސް އަދި ލިޕްޓަން ފަދަ އުފެއްދުންކުގައި ޕްލާސްޓިކް މަދުކޮށް، ކުރިއަށް އޮތް ތަނުގައި ތަކެތި ޕެކެޖްކުރަން ބޭނުން ކުރާނީ އަލުން ބޭނުންކުރެވޭ އަދި ރިސައިކަލްކުރެވޭ ޒާތުގެ ތަކެތި ކަމަށް ބުންޏެވެ.

ޔުނިލީވާގެ ސީއީއޯ އެލެން ޖޯޕް ވިދާޅުވީ ބޮޑެތި ކުންފުނިތަކުން ޕްލާސްޓިކާ ދެކޮޅަށް ފިޔަވަޅުތައް އެޅުމަކީ ޕްލާސްޓިކް ކުންޏާ ދެކޮޅަށް ކުރާ މަސައްކަތަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"ޕްލާސްޓިކަށް ހަގީގަތުގައި އަހަރެމެންގެ ވެށިން މިހާރު ޖާގަ ވެސް ދެވިގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ. "ހަމަމިއާ އެކު އެބަޖެހޭ ޑިޒައިން ޕްރޮސެސްތެރޭގައި ރިސައިކަލްކުރެވޭ ޕްލާސްޓިކް ބޭނުންކުރެވޭ މިންވަރު އިތުރުކުރަން."

ޕްލާސްޓިކް މަދުކުރަން ޔުނިލީވާ އިން ނިންމުމާ ގުޅިގެން ތިމާވެއްޓަށް މަސައްކަތްކުރާ ޗެރިޓީ އެލެން މެކްއާތާ ފައުންޑޭޝަނުން ވަނީ އެކަމަށް ވަރަށް ބޮޑަށް މަރުހަބާ ވެސް ކިޔައިފަ އެވެ.