Roadha Mihaaru
ދިގު މީހުން އުޅޭ ނެދަލެންޑްސްގެ މީހުން ކުރުވަނީ

ދިގު މީހުންގެ އާބާދީ ބޮޑު ނެދަލެންޑްސްގައި މީހުން ކުރުވަނީ

20 ސެޕްޓެމްބަރ 2021

ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާ އިރު އިސްކޮޅުން ދިގު މީހުންގެ ބޮޑު އާބާދީއެއް އޮންނަ ގައުމެއްގެ ގޮތުގައި މަޝްހޫރު ނެދަލެންޑްސްގެ ފަހުގެ ޖީލުތަކުގެ މީހުންގެ އިސްކޮޅު ކުރުވަމުންދާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާ އިރު އިސްކޮޅުން ދިގު މީހުންގެ ބޮޑު އާބާދީއެއް އޮންނަ ގައުމެއްގެ ގޮތުގައި މަޝްހޫރު ނެދަލެންޑްސްގެ ފަހުގެ ޖީލުތަކުގެ މީހުންގެ އިސްކޮޅު ކުރުވަމުންދާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ނެދަލެންޑްސްގެ އިންސްޓިޓިއުޓް އޮފް ޕަބްލިކް ހެލްތާއި ސްޓެޓިސްޓިކްސް ނެދަލެންޑްސް އާއި މުނިސިޕަލް ހެލްތު ސާވިސް ގުޅިގެން ހަދާފައިވާ ދިރާސާގައި ބުނެފައިވާ ގޮތުގައި ފާއިތުވި ގަރުނެއްހާ ދުވަހުގެ ތެރޭގައި ނެދަލެންޑްސްގައި މީހުންގެ އިސްކޮޅު ދިގު ނަމަވެސް ފަހުގެ ޖީލުތަކުގައި އުފަންވާ މީހުންގެ އިސްކޮޅު ކުރެވެ.

އެގޮތުން 2001 ގެ ފަހުން އުވަންވި ފިރިހެނުންގެ އިސްކޮޅު 1980 ގައި އުފަންވި ފިރިހެނުންނާ އިސްކޮޅާ އަޅާކިޔާ އިރު އެއް ސެންޓިމީޓަރު (0.39 އިންޗި) ކުރުކަން ފާހަގަކުރެވެ އެވެ. އަދި އަންހެނުންގެ އިސްކޮޅަށް އައިސްފައިވާ ބަދަލަށް ބަލާ އިރު އެ މީހުންގެ އިސްކޮޅުން 1.4 ސެންޓިމީޓަރު (0.55 އިންޗި) ކުރެވެ.

ދިރާސާ އިން ދައްކާ ގޮތުގައި 1980 ގައި ނެދަލެންޑްސްގައި އުފަންވި ފިރިހެނުންނާއި 1930 ގައި އުފަންވި ފިރިހެނުންގެ އިސްކޮޅު އަޅާކިޔާ އިރު އިސްކޮޅުގައި 8.3 ސެންޓިމީޓަރު (3.27 އިންޗި) ފަރަގެއް ހުރިކަން ފާހަގަކުރެވެ އެވެ. އެގޮތުން އަށްޑިގައިގައި އުފަންވި ފިރިހެނުންގެ އެވްރެޖް އިސްކޮޅަކީ 6 ފޫޓް (183.9 ސެންޓިމީޓަރު) އެވެ. އެ ދެ ދުވަސްވަރަށް ބަލާ އިރު އަންހެނުންގެ 1980 ގައި އުފަންވި އަންހެނުންގެ އެވްރެޖް އިސްކޮޅަކީ 5 ފޫޓް 6 އިންޗި (170.7 ސެންޓިމީޓަރު) އެވެ. އަދި 1930 ގައި އުފަންވި އަންހެނުންގެ އެވްރެޖް އިސްކޮޅަކީ 5 ފޫޓް 4 އިންޗި (165.4 ސެންޓިމީޓަރު) އެވެ.

ނެދަލެންޑްސްގެ މީހުންގެ އިސްކޮޅަށް އަންނަ ބަދަލާ ބެހޭ ގޮތުން ދިރާސާކޮށްފައި ވަނީ އުމުރުން 19-60 އަހަރާ ދެމެދުގެ މީހުންގެ އިސްކޮޅުގައި ހުރި ފަރަގުތައް ވަޒަންކޮށްގެންނެވެ. އަދި މި ދިރާސާގައި އިސްކޮޅު ބަލާ އުމުރުގެ ބެންޗްމާކަކަށް ބެލީ އުމުރުން 19 އަހަރެވެ.

ދިރާސާ ހެދި ޓީމުން ބުނެފައިވާ ގޮތުގައި އުފަންވާ މީހުންގެ އިސްކޮޅަށް އަންނަ ބަދަލާ ގުޅިފައިވާ އެއް ކަމަކީ އިސްކޮޅު ކުރު މީހުން އުޅޭ އެހެން ގައުމުތަކުން ނެދެލަންޑްސްގެ ހިޖުރަކުރާ މީހުންނެވެ. އެކަމަކު ދިރާސާ އިން ދައްކާ ގޮތުގައި ހަތަރުކަށިމަތި ނެދަލެންޑްސްގެ މީހުންގެ ތެރޭގައި އުފަންވާ މީހުންގެ އިސްކޮޅު ވެސް މިހާރު ދަނީ ކުރުވަމުންނެވެ.

ދިރާސާ އިން ހޯދުނު އިތުރު ކަންކަމުގެ ތެރޭގައި ހިޖުރައާ ގުޅުމެއް ނެތް އާއިލާތަކަށް އުފަންވާ ފިރިހެނުންގެ އިސްކޮޅަށް މާ ބޮޑު ބަދަލެއް އަންނަކަމެއް ފާހަގަނުކުރެވުނަސް ހިޖުރައާ ގުޅުމެއް ނެތް އާއިލާތަކަށް އުފަންވާ އަންހެނުންގެ އިސްކޮޅު ކުރުވާކަން ފާހަގަކުރެވިފައިވެ އެވެ.

ނެދަލެންޑްސްގައި އުފަންވާ މީހުންގެ އިސްކޮޅު މި ފަހުން ކުރުވާ ކަމަށް ދިރާސާ އިން ދެއްކި ނަމަވެސް އަދިވެސް އެ ގައުމަކީ އިސްކޮޅުން ދިގު މީހުންގެ އާބާދީ އެންމެ ބޮޑު ގައުމެވެ. އެކަމަކު މިހާރު 1950 އާއި 2020 ގެ ބޮޑު މަންޒަރު އަޅާކިޔާ އިރު، އިސްކޮޅު ފެންނަ ތަފާތު ދަނީ ބޮޑުވަމުންނެވެ.

ދިރާސާގައި ބުނެފައިވާ ގޮތުގައި 1930-34 ޖީލުގެ އާބާދީ ފިރިހެން އަށް ބަލާ އިރު ތިން ޕަސެންޓް މީހުންގެ އިސްކޮޅަކީ 6 ފޫޓް 2 އިންޗި (190 ސެންޓިމީޓަރު) އެވެ. ދެހާސް ވިއްސާ ހަމައަށް އައި އިރު އެ ނިސްބަތަކީ މިހާރު 20 ޕަސެންޓެވެ. އަދި އިސްކޮޅުގައި 195 ސެންޓިމީޓަރު ހުރި މީހުންގެ ނިސްބަތަކީ 7 ޕަސެންޓެވެ. ނަވާރަ ސަތޭކަ ފަންސާހާއި ދެހާސް ވިއްސާ އަޅާކިޔާ އިރު އިސްކޮޅުގައި 5.7 އިންޗި (175 ސެންޓިމީޓަރު) އަށް ކުރު ފިރިހެނުންގެ ނިސްބަތް 1950 ގައި ހުރީ 42 ޕަސެންޓްގަ އެވެ. އަދި 2020 ގައި އެ ނިސްބަތަކީ 12 ޕަސެންޓެވެ.

އަންހެނުންނަށް ބަލާއިރު 1930-34 ގެ ޖީލުގެ އާބާދީގައި އިސްކޮޅުގައި 5 ފޫޓް 9 އިންޗި (180 ސެންޓިމީޓަރު) ހުރި މީހުންގެ ނިސްބަތަކީ ދެ ޕަސެންޓެވެ. އަދި 1980 ގައި އުފަންވި އަންހެނުންގެ ތެރެއިން އެ އިސްކޮޅު ހުރި މީހުންގެ ނިސްބަތަކީ 10 ޕަސެންޓެވެ.

ދިރާސާ އިން ފާހަގަކުރެވުނު މުހިއްމު އަނެއް ކަމަކީ އުތުރާއި ދެކުނަށް ނިސްބަތްވާ މީހުންގެ އިސްކޮޅުގައި ވެސް ފަރަގުތަކެއް ހުރި ކަމެވެ. އެގޮތުން ދެކުނުން އެންމެ ކުރު މީހުން ގިނައީ ލިމްބާގްގަ އެވެ. އެތަނުގެ މީހުންނާއި އުތުރުގެ ފްރީސްލޭންޑްގެ މީހުންގެ އިސްކޮޅުގައި 3-3.5 ސެންޓިމީޓަރުގެ ފަރަގެއް އެބަހުއްޓެވެ.