Roadha Mihaaru

ދެ ދަރިން ތިބޭ އަންހެނުން އަތުން ޓެކްސް ނުނަގަން ހަންގޭރީގައި ނިންމައިފި

ހަންގޭރީގައި އާބާދީ ދަށަށްދާ މައްސަލަ ހައްލުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ދޭއް ނުވަތަ ތިން ދަރިން ތިބި އަންހެނުންގެ އަތުން އާމްދަނީގެ ޓެކްސް ނުނަގާ ގޮތަށް އިއްޔެ ގާނޫނެއް ފާސްކޮށްފި އެވެ.

ދެ ދަރިން ތިބި ނަމަ ހަންގޭރީގައި ޓެކްސްގެ އިސްތިސްނާ

ހަންގޭރީގައި އާބާދީ ދަށަށްދާ މައްސަލަ ހައްލުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ދޭއް ނުވަތަ ތިން ދަރިން ތިބި އަންހެނުންގެ އަތުން އާމްދަނީގެ ޓެކްސް ނުނަގާ ގޮތަށް އިއްޔެ ގާނޫނެއް ފާސްކޮށްފި އެވެ.

ބޮޑުވަޒީރު ވިކްޓަ އޯރްބާންގެ ނޭޝަނަލިސްޓް ސަރުކާރުން 2010 ވަނަ އަހަރުން ފެށިގެން އަންނަނީ އުފަންވާ ނިސްބަތް އިތުރުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އޭގެ ތެރޭގައި ސަބްސިޑައިޒް ކޮށްފައިވާ ލޯނާއި އާއިލާތަކަށް ބޯހިޔާވަހިކަމުގެ އިނާޔަތްތަކާއި ހަތަރެއް ނުވަތަ އެއަށްވުރެ ގިނަ ކުދިން ތިބި އަންހެނުންނަށް ޓެކްސްއިން ލުޔެއް ދިނުން ހިމެނެ އެވެ.

ގާނޫނަށް އަލަށް ގެނައި ބަދަލުގައި އުމުރުން 40 އަހަރުން މަތީގެ އަންހެނުންގެ ތެރެއިން ދެ ދަރިން ތިބޭ މީހުންނަށް، އަންނަ އަހަރުން ފެށިގެން މުޅި އުމުރަށް އިންކަމް ޓެކްސް އިން އިސްތިސްނާ ވާނެ އެވެ. އަދި މި އުސޫލު ހިނގާ އަންހެނުން އިތުރުކުރަމުން ގެންގޮސް، މަދުވެގެން ދެ ދަރިން ތިބޭ ހުރިހާ އަންހެނުންނަށް 2029 ވަނަ އަހަރުގެ ނިޔަލަށް އިންކަމް ޓެކްސް އިސްތިސްނާވާ ގޮތް ހަދާނެ އެވެ.

މި ގާނޫނުގެ ދަށުން، ތިން ދަރިން ތިބޭ އަންހެނުން އިންކަމް ޓެކްސް އިން މި އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްތިސްނާ ވާނެ އެވެ.

ބޮޑުވަޒީރު އޯރްބާން ވަނީ މިއީ ޓެކްސް ލުއިކުރުމަށް ޔޫރަޕްގައި ހިންގާ އެންމެ ބޮޑު ޕްރޮގްރާމް ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ހަންގޭރީ އަކީ "ފެމިލީ ޓެކްސް ހެވަން" އަކަށް ބަދަލުވެގެންދާނެ ކަމަށެވެ.

އިގްތިސާދީ މާހިރުން ވަނީ މި ފިޔަވަޅުތަކުގެ ސަބަބުން ބަޖެޓަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވާނެ ކަމަށް ބުނެފަ އެވެ. ސަރުކާރުން ވެސް އެއްބަސްވާ ގޮތުގައި 2029 ވަނަ އަހަރުގެ ނިޔަލަށް އެ ފިޔަވަޅުތަކަށް 2.38 ބިލިއަން ޔޫރޯ (2.71 ބިލިއަން ޑޮލަރު) ހޭދަވާނެ އެވެ.

އުފަންވާ ކުދިންގެ ރޭޓް ދަށްވަމުން ގޮސް ހަންގޭރީގައި މިދިޔަ މާޗް މަހާ ހަމަޔަށް އެ ރޭޓް ހުރީ ކޮންމެ އަންހެނަކަށް 1.31 ގަ އެވެ. މި ރޭޓް 2021 ވަނަ އަހަރު 1.61 ގައި ހުރުމަށް ފަހު ދަށްވެފައި ވާއިރު އެއީ ޔޫރަޕްގެ އެވްރެޖް ރޭޓް ކަމަށްވާ 1.53 އަށްވުރެ މަތީ ރޭޓެކެވެ.

ސަރުކާރުގެ އަމާޒަކީ ދަރިމައިވުމުގެ ނިސްބަތް 2035 ވަނަ އަހަރުގެ ނިޔަލަށް 2.1 އަށް މަތިކުރުމެވެ. މި ރޭޓަށް މަތިކުރެވިއްޖެ ނަމަ އާބާދީ ދަށަށް ދިއުމުގެ ޓްރެންޑް ބަދަލުވެ އިތުރުވާން ފަށާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އުފަންވާ ރޭޓް ހަންގޭރީގައި އެންމެ ދަށަށް ދިޔައީ 2011 ވަނަ އަހަރު އެވެ. އެ އަހަރުގެ ރޭޓަކީ 1.23 އެވެ. -- އޭއެފްޕީ