Roadha Mihaaru

ދަރިން ހޯދަން ހިތްވަރުދޭން ޗައިނާގައި ތިން އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށް 500 ޑޮލަރުގެ އިނާޔަތެއް

ދުނިޔޭގެ ދެ ވަނަ އާބާދީ ކަމަށްވާ ޗައިނާގައި އާބާދީ މަދުވަމުންދާ މައްސަލަ ހައްލުކުރުމަށް ގިނަ ދަރިން ހޯދުމަށް ހިތްވަރު ދިނުމުގެ ގޮތުން، އުމުރުން ތިން އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށް އަހަރަކު "500 ޑޮލަރުގެ ސަބްސިޑީއެއް" ދޭން ހުށަހަޅައިފި އެވެ.

ޗައިނާގައި 3 އަހަރުން ދަށުގެ ކުދިންނަށް 500 ޑޮލަރު

ދުނިޔޭގެ ދެ ވަނަ އާބާދީ ކަމަށްވާ ޗައިނާގައި އާބާދީ މަދުވަމުންދާ މައްސަލަ ހައްލުކުރުމަށް ގިނަ ދަރިން ހޯދުމަށް ހިތްވަރު ދިނުމުގެ ގޮތުން، އުމުރުން ތިން އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށް އަހަރަކު "500 ޑޮލަރުގެ ސަބްސިޑީއެއް" ދޭން ހުށަހަޅައިފި އެވެ.

ޗައިނާގެ އާބާދީ މިދިޔަ ތިން އަހަރު ވެސް ދިޔައީ ދަށަށެވެ. އދ.ގެ ޑިމޮގްރަފިކް މޮޑެލްތަކުން ލަފާކުރާ ގޮތުގައި 2100 ވަނަ އަހަރުގެ ނިޔަލަށް އެ އަދަދު މިހާރު އޮތް 1.4 ބިލިއަން އިން 800 މިލިއަނަށް ދަށްވެދާނެ އެވެ.

މި ސަބްސިޑީ ދޭން ނިންމާފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އުފަންވާ ކުދިންނަށެވެ. ޗައިނާގެ ދައުލަތުގެ މީޑިއާ ސީސީޓީވީން ބުނީ މިއީ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީ އާއި ޗައިނާގެ ކެބިނެޓް ކަމަށްވާ ސްޓޭޓް ކައުންސިލް، ޗައިނާއިން ނިންމި ނިންމުމެއް ކަމަށެވެ.

"މިއީ ރައްޔިތުންގެ ލާބައާއި މަންފާއަށް ގައުމީ ފެންވަރުގައި ވަރަށް މުހިންމު ސިޔާސަތެއް،" ސީސީޓީވީން ބުންޏެވެ.

"ގައުމުގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އާއިލާތަކަށް ސީދާ ނަގުދު ފައިސާގެ ސަބްސިޑީ ފޯރުކޮށްދީ، ދަރިން ތަރުބިއްޔަތު ކުރުމުގެ ބުރަ ކުޑަކުރުމަށް އެހީތެރިވެދޭނެ" ކަމަށް ސީސީޓީވީން ބުންޏެވެ.

މިދިޔަ އަހަރު ޗައިނާގައި 9.54 މިލިއަން ކުދިން އުފަންވި އިރު މިއީ 2016 ވަނަ އަހަރު އުފަންވި ކުދިންގެ އަދަދުގެ ދެބައިކުޅަ އެއްބައެވެ. އެއީ އެންމެ ކޮންމެ ދެމަފިރިއަކު އެންމެ ދަރިއަކު ހޯދަން އޮންނަ ސިޔާތު އުވާލި އަހަރެވެ.

މިދިޔަ އަހަރު އާބާދީން 1.39 މިލިއަން މަދުވެފައި ވާއިރު، 2023 ވަނަ އަހަރު ވަނީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުގެ މަގާމު ޗައިނާ އަށް ގެއްލި އިންޑިއާއަށް ލިބިފަ އެވެ.