Roadha Mihaaru
ޗައިނާގެ އާބާދީ ދަށްވުން މިދިޔަ އަހަރު އަވަސްވެއްޖެ

ޗައިނާގެ އާބާދީ ދަށްވުން މިދިޔަ އަހަރު އަވަސްވެއްޖެ

18 ޖެނުއަރީ 2024

ޗައިނާގެ އާބާދީ އިތުވަމުންދާތާ 60 އަހަރު ފަހުން އާބާދީ ދަށްވާން ފަށައި މިދިޔަ އަހަރު އެ ނިސްބަތް އިތުރަށް ހަލުވިވެފައިވާ ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޗައިނާގެ އާބާދީ އިތުވަމުންދާތާ 60 އަހަރު ފަހުން އާބާދީ ދަށްވާން ފަށައި މިދިޔަ އަހަރު އެ ނިސްބަތް އިތުރަށް ހަލުވިވެފައިވާ ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އާބާދީ އެންމެ ބޮޑު ގައުމުގެ ޗައިނާ އެތައް އަހަރެއް ވަންދެން އޮތުމަށް ފަހު މިދިޔަ އަހަރު ވަނީ އިންޑިއާ އަށް އެ މަގާމު ލިބިފަ އެވެ. މި ދަށްވުމާ ހެދި ޗައިނާ ސަރުކާރުން ދަނީ ދަރިން ހޯދުން އިތުރުކުރުމަށް ހިތްވަރުދީ، އެކަމާ ގުޅުން ހުރި އިނާޔަތްތައް ވެސް ތައާރަފްކުރަމުންނެވެ.

"ދެހާސް ތޭވީސް ވަނަ އަހަރު ނިމުނުއިރު ގައުމީ އާބާދީއަކީ 1،409.67 މިލިއަން... މިއީ ދެހާސް ބާވީސް ވަނަ އަހަރު ނިމުނު އާބާދީއަށް ވުރެ 2.08 މިލިއަން ދަށްވުމެއް،" ބެއިޖިންގެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ބުދަ ދުވަހު ބުނެފައިވެ އެވެ.

މިދިޔަ އަހަރުގެ ދަށްވުމަކީ 2022 ވަނަ އަހަރާ އަޅާބަލާއިރު ދެ ގުނަ ދަށް އަދަދެކެވެ.

"މިދިޔަ އަހަރު އުފަންވި އަދަދު 9.02 މިލިއަން އަށް އަރާފައިވާއިރު، ވިހެއުމުގެ ނިސްބަތަކީ ހާހަކަށް 6.39 މީހުން،" އެންބީއެސް އިން ބުދަ ދުވަހު ބުންޏެވެ.

މި އަދަދު 2022 ވަނަ އަހަރު ހުރީ 9.56 މިލިއަނުގަ އެވެ.

ޗައިނާއިން 1980 ގެ އަހަރުތަކުގައި، އާބާދީ އިތުރުވެ ނުރައްކާ ހާލަތަކަށް ހިނގައިދާނެ ކަމުގެ ކަންބޮޑުވުމާ އެކު، ކޮންމެ ދެމަފިރިއަކު އެންމެ ކުއްޖެއް ހޯދުމުގެ ސިޔާސަތު 2016 ވަނަ އަހަރު އުވާލައި ތިން ކުދިން ހޯދުމުގެ ހުއްދަ 2021 ވަނަ އަހަރު ދޭން ފެށި އެވެ.

ޗައިނާގެ އިގްތިސާދުގެ ބޮޑު ބާރެއްގެ ގޮތުގައި، މަސައްކަތު ބޮޑު އާބާދީއެއް އޮތުން ވެފައި ވާއިރު، ދަށްވަމުންދާ އާބާދީ އިތުރުކުރެވޭނެ ގޮތެއް އަދި ނުވެ އެވެ.

ޗައިނާގެ ގިނަ ބަޔަކު ބުނަނީ ވިހެއުމުގެ ނިސްބަތް ދަށްވާ ސަބަބަކީ ދިރިއުޅުމުގެ އަގު ބޮޑުވުމާއި، ވަޒީފާ އަދާކުރާ އަދި މަތީ ތައުލީމު ހާސިލްކުރާ އަންހެނުންގެ އަދަދު އިތުރުވުން ކަމަށެވެ.

"ޗައިނާގެ އާބާދީ ދަށްވުމުގެ ޓްރެންޑް ދެން ބަދަލެއް ނުކުރެވޭނެޔޭ ވެސް ބުނެވިދާނެ" ޗައިނާގެ ޑިމޮގްރަފަރެއް ކަމަށްވާ ހެ ޔާފޫ އޭއެފްޕީއަށް ވިދާޅުވި އެވެ.

"ދަރިމައިވުމަށް ހިތްވަރު ދިން ނަމަވެސް ޗައިނާގެ ދަރިމައިވުމުގެ ނިސްބަތް އިތުރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން. ސަބަބަކީ މިހާރު ޒުވާން ޖީލުން މިކަމުގައި ދެކޭ ގޮތް އެއްކޮށް ބަދަލުވެ، ގިނަ ދަރިން ހޯދަން ބޭނުން ނުވުން،" އޭނާ ވިދާޅުވި އެވެ. --އޭއެފްޕީ