Roadha Mihaaru
ސުޕްރީމް ކޯޓުގެ ނިންމުންތައް ބެލޭނެ ވެބް އެޕްލިކޭޝަނެއް

ސުޕްރީމް ކޯޓުގެ ހުރިހާ ނިންމުންތައް ބެލޭނެ ޚާއްސަ ވެބް އެޕްލިކޭޝަނެއް

18 ސެޕްޓެމްބަރ 2021

ސުޕްރީމް ކޯޓުގެ ނިންމުންތައް ބެލޭނެ ޚާއްސަ ވެބް އެޕްލިކޭޝަނެއް ތަރައްގީކޮށް، ބޭނުން ކުރަން ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސުޕްރީމް ކޯޓުގެ ނިންމުންތައް ބެލޭނެ ޚާއްސަ ވެބް އެޕްލިކޭޝަނެއް ތަރައްގީކޮށް، ބޭނުން ކުރަން ފަށައިފި އެވެ.

ސުޕްރީމް ކޯޓުގެ އަހަރީ ދުވަހާ ގުޅިގެން އެ ކޯޓުން މިއަދު ނެރުނު ބަޔާނެއްގައިވަނީ އެ ކޯޓު އުފެދުނު ފަހުން މިހާތަނަށް ނިންމި ހުރިހާ ނިންމުންތަކެއް ބެލޭނެ ގޮތަށް ކޭސް ރިޕޯޓާ އެޕްލިކޭޝަނެއް ތަރައްގީ ކުރުމަށްފަހު އެތެރޭގެ ބޭނުންތަކަށް އެ އެެޕްލިކޭޝަން މިހާރު ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ. އަދި އެ މަސައްކަތުގެ ދެވަނަ ފިޔަވަހި ނިމިގެން ދާއިރު، ވަކީލުންނާއި ގާނޫނު ކިޔަވާ ދަރިވަރުންނަށް ވެސް އެ އެޕްލިކޭޝަން ބޭނުން ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވަނީ އެ އެޕްލިކޭޝަން ތަރައްގީކުރީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އެހީއާ އެކު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސީދާ ބެއްލެވުމުގެ ދަށުން ކަމަށެވެ. އަދި އެ މަސައްކަތަކީ ސުޕްރީމް ކޯޓުގައި ކަރުދާސް މަދުކޮށް، އިލެކްޓްރޯނިކް ވަސީލަތްތަކުގެ އެހީގައި މަސައްކަތް ކުރަން ކުރާ މަަސައްކަތުގެ ދަށުން ތައްޔާރުކުރި އެޕްލިކޭޝަނެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން އެއް އަހަރު ތެރޭގައި 225 މައްސަލަ އެ ކޯޓަށް ހުށަހެޅިފައިވާ ކަމަށާއި އެ މުއްދަތުގައި 369 އަޑުއެހުމެއް ބޭއްވި އަދި 90 މައްސަލައެއް ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 29 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ކޮވިޑް-19 ގެ ހާލަތުގައި ވެސް ހުއްޓުމެއް ނެތި ޝަރީއަތްތައް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދިޔަ ކަމަށާއި އަދި ޝަރީއަތްތަކާ ގުޅޭ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ސުޕްރީމް ކޯޓުގެ ގަވާއިދު މިދިޔަ އަހަރު ބަދަލު ކޮށްފައިވާ ކަން ވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.