Roadha Mihaaru
ކުންފުނިތަކުގެ ހިމާޔަތަށް މައިނޯރިޓީއަށް ދައުވާ ކުރެވޭނެ

ކުންފުނިތައް ހިމާޔަތްކުރަން ދައުވާ ކުރުމުގެ ހައްގު މައިނޯރިޓީ ހިއްސާދާރުންނަށް އޮންނާނެ: ސުޕްރީމް ކޯޓް

23 ޖޫން 2022

ކުންފުންޏަށް ގެއްލުންވާ ގޮތަށް ކުންފުނިތަކުގެ އަޣުލަބިއްޔަތު ހިއްސާދާރުން އަމަލުކުރާ ހާލަތްތަކުގައި ކުންފުނީގެ ހިމާޔަތުގައި ދައުވާ ކުރުމުގެ ހައްގު މައިނޯރިޓީ ހިއްސާދާރުންނަށް އޮންނާނެ ކަމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.

ކުންފުންޏަށް ގެއްލުންވާ ގޮތަށް ކުންފުނިތަކުގެ އަޣުލަބިއްޔަތު ހިއްސާދާރުން އަމަލުކުރާ ހާލަތްތަކުގައި ކުންފުނީގެ ހިމާޔަތުގައި ދައުވާ ކުރުމުގެ ހައްގު މައިނޯރިޓީ ހިއްސާދާރުންނަށް އޮންނާނެ ކަމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.

ކުންފުންޏާބެހޭ ގާނޫނުގައި އޮންނަ ގޮތުން ކޯޓަށް ދެވޭނީ ކުންފުނީގެ ވަކި ހިއްސާދަރަކަށް ގެއްލުންވާ ގޮތަށް ކުންފުނީގެ ކަންކަން ހިންގާ ކަމަށް ބުނާ މައްސަލަތަކުގަ އެވެ. އެކަމަކު މެޖޯރިޓީ ހިއްސާދާރުން ކުންފުންޏަށް ގެއްލުންވާ ގޮތަށް އަމަލުކުރާ ކަމަށް ބުނާ މައްސަލަތަކުގައި އަމަލު ކުރާނެ ގޮތެއް އެ ގާނޫނަކު ނޯވެ އެވެ.

ބްލޫ ލެގޫން އިންވެސްޓްމަންޓަށް ގެއްލުންވާ ގޮތަށް އެ ކުންފުނީގެ މެޖޯރިޓީ ޑިރެކްޓަރުން އަމަލުކުރި ކަމަށް ބުނެ އެ ކުންފުނީގެ އެއް ޑިރެކްޓަރަކު ކޯޓަށް މައްސަލަ ހުށަހެޅީ އެ ކުންފުނިން ހިންގާ އއ. މަޑޫގަލި ރިސޯޓްގެ ހެޑް ލީސް ރަހުނު ކުރުމަށްފަހު 3.7 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން އެ ކުންފުނީގެ ބޯޑުން ނިންމުމުންނެވެ.

އެ ކުންފުނީގައި ތިން ޑިރެކްޓަރުންގެ ތިބޭއިރު، އެގޮތަށް ނިންމީ އޭގެ ތެރެއިން ދެ ޑިރެކްޓަރަކު ބައިވެރިވި ބައްދަލުވުމެއްގަ އެވެ. ތިން ވަނަ ޑިރެކްޓަރުގެ ފަރާތުން ބުނާގޮތުން އެގޮތަށް ނިންމީ ޖަލްސާގެ ނޯޓިސް ނުދީ އަދި ކުންފުންޏަށް ގެއްލުންވާ ގޮތަށެވެ.

"ކުންފުނީގެ ހައްގުގައި ދައުވާ ކުރުމުގެ ހައްގު މައިނޯރިޓީއަށް ދޭންޖެހޭ"

އެ މައްސަލާގައި، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ކުރެއްވި ހުކުމުގައިވަނީ ކުންފުނީގެ ހިއްސާދާރުން އަބަދުވެސް މަސައްކަތް ކުރަންޖެހޭނީ ކުންފުނީގެ މަސްލަހަތުގައި އަދި އަމިއްލަ މަސްލަހަތު އިސްކުރުމެއް ނެތި ކަމަށެވެ. އަދި ކުންފުންޏަށް ގެއްލުންވާ ގޮތަށް ކުންފުނީގެ މެޖޯރިޓީ ހިއްސާދާރުންނަށް އަމަލުކުރާ ކަމަށް ބުނެ މައިނޯރިޓީ ހިއްސާދާރުން ޝަކުވާކުރާ ނަމަ އެކަމަށް ކޮންމެވެސް ހައްލެއް އޮންނަން ޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

"ގާނޫނެއްގައި ހައްގެއް ހިމާޔަތް ކުރާނެ ގޮތެއް ލިޔެވިފައި ނެތުމަކީ އެ ހައްގެއް ނިގުޅައިގަތުމަށް އޮތް ހުއްޖަތެއް ނޫނެވެ. ކުންފުންޏަކީ ވަކި ގާނޫނީ ޝަހްސަކަށް ވާއިރު، ކުންފުނީގެ ހައްގުތައް ވެސް ހިމާޔަތް ކުރެވެންޖެހެ އެވެ."

އެ ހުކުމުގައިވާ ގޮތުން، ކުންފުންޏާ ދެކޮޅަށް ކުރާ ކަންކަމުގައި ކުންފުނީގެ ފަރާތުން ދައުވާ ކުރުމަކީ އާންމު އުސޫލު ކަމަށް ވިޔަސް، އަޣުލަބިއްޔަތު ހިއްސާދާރުން ކުންފުންޏަށް ގެއްލުންވާ ގޮތަށް އަމަލުކުރާ ކަމަށް ތުހުމަތުކުރާ މައްސަލަތަކުގައި މި އުސޫލުން އިސްތިސްނާވާނެ އެވެ.

"ކުންފުންޏަކީ ވަކި ގާނޫނީ ޝަހްސަކަށް ވާއިރު، ކުންފުނީގެ އަޣުލަބިއްޔަތު އޮންނަ ފަރާތްތަކުން ކުންފުންޏާ ދެކޮޅަށް ހިންގާ އަމަލުތައް ބަލައި، ފިޔަވަޅު އަޅައި، ފަރުވާއެއް ހޯދުމަށްޓަކައި މައްސަލަ ހުށަހެޅުމުގެ ފުރުސަތު ކުންފުނީގެ މައިނޯރިޓީ އޮތް ފަރާތަށް އޮވެގެން މެނުވީ ކުންފުނީގެ މެޖޯރިޓީ އޮންނަ ފަރާތްތަކުން ކުންފުނީގެ ނާޖާއިޒް ފައިދާ ނެގުން ނުހުއްޓުވޭނެ..." ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓު -- ފޮޓޯ/މިހާރު

ސުޕްރީމް ކޯޓު -- ފޮޓޯ/މިހާރު

އެ ހާލަތުގައި ކުންފުނީގެ މަސްލަހަތު ހިމާޔަތް ކުރަން ކުންފުނީގެ ފަރާތުން މައިނޯރިޓީ ހިއްސާދާރަށް ދައުވާ ކުރެވިދާނެ ކަމަށް އިނގިރޭސިވިލާތުގެ ގާނޫނުތަކާއި ބޭރުގެ ބައެއް ނިންމުންތަކާ ހަވާލާދީ އެ ހުކުމުގައި ބުނެފައިވެ އެވެ. އަދި ރާއްޖޭގެ ގާނޫނުގައި ނެތަސް، އެ ފުރުސަތު ދޭންޖެހޭ ކަމަށް ހުކުމުގައިވެ އެވެ.

"ގާނޫނެއްގައި ހައްގެއް ހިމާޔަތް ކުރާނެ ގޮތެއް ލިޔެވިފައި ނެތުމަކީ އެ ހައްގެއް ނިގުޅައިގަތުމަށް އޮތް ހުއްޖަތެއް ނޫނެވެ. ކުންފުންޏަކީ ވަކި ގާނޫނީ ޝަހްސަކަށް ވާއިރު، ކުންފުނީގެ ހައްގުތައް ވެސް ހިމާޔަތް ކުރެވެންޖެހެ އެވެ." ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒް އަލީގެ އަޣުލަބިއްޔަތުން އިއްވެވި އެ ހުކުމުގައިވެ އެވެ.

ހުކުމުގައި މުހިންމު ނުކުތާތައް

- ކުންފުނިތަކުގެ މެޖޯރިޓީ ހިއްސާދާރުން އަމަލުކުރާ ގޮތާ މެދު މައިނޯރިޓީއަށް ދައުވާ ކުރެވިދާނެ

- ހިއްސާދާރުން އަމަލުކުރަން ޖެހޭނީ ކުންފުނީގެ ފައިދާއަށް، އަމިއްލަ ފައިދާއަކަށް ނޫން

- ގާނޫނުގައި ފުރުސަތު ނެތުމަކީ ކުންފުނީގެ ހައްގު ގެއްލެންޖެހޭ ސަބަބެއް ނޫން

- ކުންފުނިތަކުގައި ހައްގުގައި މައިނޯރިޓީއަށް ދައުވާ ކުރެވޭނެ އުސޫލުތަކެއް ކަނޑައެޅި

- ކުންފުނިތަކުގެ ހިއްސާދާރުން އަމަލުކުރަންޖެހޭ ގޮތުގެ އުސޫލުތަކެއް ކަނޑައެޅި

އެކަމަކު އެފަދަ ދައުވާއެއް ކުރެވޭނީ ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތުން ދުރާލާ ކޯޓުގެ ހުއްދަ ލިބިގެންނެވެ. އަދި އެފަދަ މައްސަލަތައް ބެލުމުގައި ކޯޓުތަކުން ރިއާޔަތް ކުރެވިދާނެ ކަންތައްތަކެއް އެ ހުކުމުގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެ އެވެ.

އެގޮތުން މައިނޯރިޓީ ހިއްސާދާރުން ދައުވާ ކުރަނީ ހަގީގަތުގައި ވެސް ކުންފުނީގެ މަސްލަހަތަށް ތޯ އާއި މެޖޯރިޓީ ހިއްސާދާރުން ކުންފުނީގެ ނަމުގައި އެފަދަ ދައުވާއެއް ކުރުން ހުއްޓުވާނެތޯ އާއި މައްސަލަ ކުރިއަށް ގެންދެވޭ މިންވަރަށް މަދަނީ މިންގަނޑުން ހެކި ހުރިތޯ ބެލިދާނެ ކަމަށް ހުކުމުގައިވެ އެވެ.

މީގެ އިތުރުން ކުންފުނީގެ ޑިރެކްޓަރުން އަމަލުތައް ބަހައްޓަންވީ ގޮތް އެ ހުކުމުގައި ކަނޑައަޅާފައިވެ އެވެ. އެގޮތުން، ލިބިފައިވާ ބާރުގެ އިމުގެ ތެރެއިން ކުންފުނީގެ ކާމިޔާބީއަށް މަސައްކަތް ކުރުމާއި ވަކި ފަރާތަކަށް ބުރަނުވެ، ނިންމުންތައް ނިންމުމުގެ އިތުރުން މަސްލަހަތު ހިމެނޭ ކަންކަމުގައި ބައިވެރި ނުވުމާއި ތިން ވަނަ ފަރާތަކުން ދޭ މަންފާތައް ބަލައިނުގަތުން ފަދަ އުސޫލުތައް ހިއްސާދާރުން ހިފަހައްޓަން ޖެހޭނެ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

ބްލޫ ލެގޫންގެ މައްސަލާގައި ދަށު ކޯޓާއި ހައި ކޯޓުން ވެސް ނިންމާފައި އޮތީ ތިން ވަނަ ޑައިރެކްޓަރާ ދެކޮޅަށެވެ. އެކަމަކު ސުޕްރީމް ކޯޓުން ނިންމީ މެޖޯރިޓީ ޑައިރެކްޓަރުން އަމަލުކުރި ގޮތް އެ ދެ ކޯޓުން ބަލާފައިނުވާ ކަމަށެވެ.

އެހެންވެ، ބްލޫ ލެގޫންގެ ހައްގުގައި ދައުވާ ކުރުމުގެ ފުރުސަތު ތިން ވަނަ ޑިރެކްޓަރަށް އޮންނާނެ ކަމަށް ހުކުމުގައި ކަނޑައެޅި އެވެ.

އުއްތަމަ ފަނޑިޔާރުގެ ރައުޔު ތަފާތު

މިކަމުގައި ރައުޔު ތަފާތުވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. އުއްތަމަ ފަނޑިޔާރުގެ ރައުޔަކީ ކުންފުނި ހިންގާނެ ގޮތް ކަނޑައެޅުމަކީ ޑިރެކްޓަރުންގެ ބޯޑަށް ލިބިގެންވާ ބާރަކަށް ވާއިރު، ކުންފުންޏަށް ލިބޭ ކޮންމެ ގެއްލުމަކީ މެޖޯރިޓީ ޑިރެކްޓަރުން އެ މީހުންގެ ޒިންމާއާ ޚިލާފްވުން ނޫން ކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ ރައުޔުގައިވާ ގޮތުން، ކުންފުނިތަކާއި އެހެން ތިން ފަރާތްތަކުން މުއާމަލާތްތައް ހިންގަނީ ކުންފުނިން އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރާ ކަމަށް ދެކިގެން ކަމަށް ވާއިރު، އެ މުއާމަލާތްތަކަށް އަސަރުކުރާ ގޮތަށް ކޯޓުތަކުން ކަންކަން ނިންމުމަކީ މަސްލަހަތު ހުރި ގޮތެއް ނޫނެވެ. އަދި ބްލޫ ލެގޫންގެ މެޖޯރިޓީ ޑިރެކްޓަރުން އަމަލުކުރި ގޮތަށް ބަލާއިރު އެކަމުގައި އެއްވެސް ގޯހެއް ފެންނަން ނެތް ކަމަށް އެމަނިކުފާނު ލިޔުއްވާފައިވެ އެވެ.

ބްލޫ ލެގޫންގައި ތިބެނީ ތިން ޑައިރެކްޓަރުން ކަމަށް ވާއިރު، ތިން ވަނަ ޑައިރެކްޓަރު ބައިވެރިވިޔަސް، އެ ނިންމުންތަކަށް ބަދަލު ނާންނާނެ ކަން ވެސް އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.

ތިން ވަނަ ޑައިރެކްޓަރުގެ ފަރާތުން ކޯޓުގައި އެދިފައި އޮތީ އެ ކުންފުނީގެ ދަރަނިތައް ކޯޓުން ބެލުމަށްފަހު އަދި އެ ދަރަންޏަށް އޭނާ ޒިންމާވުމުން އެ ކުންފުނިން ހިންގާ މަޑޫގަލީގެ ހެޑް ލީސް އޭނާއަށް ދިނުމުގެ އަމުރަކަށެވެ.

އެހެން ނަމަވެސް މިކަމުގައި އުއްތަމަ ފަނޑިޔާރު މުއުތަސިމާއި އަނެއް ދެ ފަނޑިޔާރުންގެ ވެސް ރައުޔަކީ ކުންފުނި އުވާލާ ހާލަތުގައި ކުންފުނީގެ ދަރަނިތައް އަދާކުރުމަށްފަހު މެނުވީ ކުންފުނީގެ މުދަލެއް ހިއްސާދާރެއްގެ ނަމަށް ބަދަލު ނުކުރެވޭނެ ކަމަށެވެ.