Roadha Mihaaru
ޖޫރިމަނާގެ މުއްސަނދިކަން ސުޕްރީމް ކޯޓުން ނިމުމަކަށް

ޖޫރިމަނާއިން މުއްސަނދިކަން ހޯދުން ސުޕްރީމް ކޯޓުން ނިމުމަކަށް

05 މެއި 2021

މަސައްކަތެއްގެ އަގަށްވާ 21 މިލިއަން ރުފިޔާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި 138 މިލިއަން ރުފިޔާ ދައްކަން ސަރުކާރު ކުންފުންޏެއްގެ މައްޗަށް ކޯޓުން އެންގި އެވެ. ދެ ލައްކަ ޑޮލަރު ނުދެއްކި މައްސަލައެއްގައި ޖޫރިމަނާއާ އެކު 268 މިލިއަން ރުފިޔާ ދައްކަން ދެ މީހަކަށް ޖެހުނެވެ. ފަހުން ފައިސާ ދައްކާ ގޮތަށް މީހަކު ނެގި އައިފޯނަކަށް ފައިސާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި އެކަނި ވެސް 55،000ރ. ދައްކަން އޭނާއަށް ޖެހުނެވެ. މިއީ ރާއްޖޭގައި މަދަނީ މުއާމަލާތްތަކުގައި ބޮޑެތި އަދަދުން ޖޫރިމަނާ ނެގުމުގެ ކުޑަ މިންވަރެކެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މަސައްކަތެއްގެ އަގަށްވާ 21 މިލިއަން ރުފިޔާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި 138 މިލިއަން ރުފިޔާ ދައްކަން ސަރުކާރު ކުންފުންޏެއްގެ މައްޗަށް ކޯޓުން އެންގި އެވެ. ދެ ލައްކަ ޑޮލަރު ނުދެއްކި މައްސަލައެއްގައި ޖޫރިމަނާއާ އެކު 268 މިލިއަން ރުފިޔާ ދައްކަން ދެ މީހަކަށް ޖެހުނެވެ. ފަހުން ފައިސާ ދައްކާ ގޮތަށް މީހަކު ނެގި އައިފޯނަކަށް ފައިސާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި އެކަނި ވެސް 55،000ރ. ދައްކަން އޭނާއަށް ޖެހުނެވެ. މިއީ ރާއްޖޭގައި މަދަނީ މުއާމަލާތްތަކުގައި ބޮޑެތި އަދަދުން ޖޫރިމަނާ ނެގުމުގެ ކުޑަ މިންވަރެކެވެ.

އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދެއްކުމުން ވަކި ރޭޓަކުން ޖޫރިމަނާ ނަގައިދިނުމަކީ އާންމު އުސޫލުން ކުރާ ކަމެކެވެ. އެހެން ނަމަވެސް ވޭތުވެދިޔަ ހަތް ވަރަކަށް އަހަރު މި މައްސަލަ ވަރަށް ބޮޑުވެގެންދިޔަ އެވެ. ޖޫރިމަނާގެ ގޮތުގައި އެއްބަސްވުންތަކުގައި ނުވަތަ އިންވޮއިސްތަކުގައި ބޮޑެތި ރޭޓްތަކުން ޖޫރިމަނާ ހިމަނައިގެން ކޯޓުތައް މެދުވެރިކޮށް އެ ފައިސާ ހޯދާފައި އެބަހުއްޓެވެ. އަދި ދައުވާނުކޮށް ލަސްވުމުން ޖޫރިމަނާ އިތުރަށް ބޮޑުވަމުން ދިއުމަކީ ވެސް އޭރު ވަރަށް ބޮޑު ކަމެކެވެ. މައްސަލައަކީ ޖޫރިމަނާ ނެގުމެއް ނޫނެވެ. އެކަމަކު ޖޫރިމަނާއަކީ ބޮޑު މުއްސަނދި ކަމެއް އެއްފަހަރާ ހޯދާ ވަސީލަތަކަށް ވުމެވެ.

ޖޫރިމަނާ ނަގައި ދިނުމުގައި ވެސް އެކި ކޯޓުތަކުން އަމަލުކުރީ އެކި ގޮތަށެވެ. އަސްލު ދައްކަންޖެހޭ އަދަދު ވުރެ ޖޫރިމަނާ ބޮޑު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން އެއް މައްސަލާގައި ނިންމިއިރު، އޭގެފަހުން އެ ކޯޓުން ނިންމި އެފަދަ އެހެން މައްސަލައެއްގައި އަސްލު އަދަދަށް ވުރެ ބޮޑުކޮށް ޖޫރިމަނާ ނަގައިދިނެވެ. ހައި ކޯޓުން ވެސް އެއް މައްސަލާގައި ނިންމީ ދެ ފަރާތުން އެއްބަސްވެފައިވާ ނަމަ، ކިތަންމެ ބޮޑު ޖޫރިމަނާއެއް ވިޔަސް ނަގައި ދެވޭނެ ކަމަށެވެ. އެކަމަކު ފަހުން އެ ކޯޓުން ނިންމީ އަސްލު އަދަދަށް ވުރެ ޖޫރިމަނާ ބޮޑު ނުކުރެވޭނެ ކަމަށެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ޖޫރިމަނާގެ މައްސަލާގައި އޭރު ކޮޅެއް، މެދެއް ނެތެވެ.

ޕެނަލްޓީ ކްލޯޒްގެ ދަށުން ފައިސާ ނަގައެއް ނުދެވޭނެ

އެހެން ނަމަވެސް ދާދިފަހުން ސުޕްރީމް ކޯޓުން ވަނީ އެކަމަށް ނިމުމެއް ގެނެސް، ބޭނުންހާ ގޮތަކަށް ކޯޓުތައް މެދުވެރިކޮށް ޖޫރިމަނާ ނަގައި ނުދެވޭނެ ކަމަށް ކަނޑައަޅައިފަ އެވެ. މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ ޖޫރިމަނާ ނެގުމަށްޓަކައި އެއްބަސްވުންތަކުގައި ހިމަނާ ޕެނަލްޓީ ކްލޯޒް (ޝަރްތު ޖަޒާއީ) ގެ ދަށުން ކޯޓުތަކުން ޖޫރިމަނާ ފައިސާ ނަގައި ނުދެވޭނެ ކަމަށެވެ. އެއްބަސްވުންތަކުގައި ހިމަނާ އެފަދަ ފައިސާތައް ކޯޓުތައް މެދުވެރިކޮށް ނަގައި ދެވޭނީ ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި ކަމަށާއި އެއީ އެކަން އެކަށީގެންވާ މިންވަރު ގެއްލުމެއް ކަން ސާބިތުކޮށް ދިނުމުން ނޫނީ އެ ބަދަލު ނަގައި ނުދެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

"ފައިސާ ލިބިދިނުމަށް އެއްބަސްވުމުގެ ބައިވެރިން އެއްބަސްވެފައިވާ ނަމަވެސް އެ މިންވަރަށް ކޯޓުން ފައިސާ ނަގައި ދޭނީ އެއްބަސްވުމުގައި ބަޔާންކުރާ މިންވަރަކީ އެއްބަސްވުމާ ޚިލާފްވުމުގެ ސަބަބުން ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި ބޭނުންވާނެ މިންވަރުގެ އެކަށީގެންވާ އެސްޓިމޭޓެއް ބަޔާންކުރާ މާއްދާއެއް ނަމަ (ނުވަތަ އެ މާއްދާއަކީ ލިކުއިޑޭޓަޑް ޑެޖޭމަސް ލިބިިދޭ މާއްދާއެއް ކަމަށްވާ ނަމަ) އެވެ. އެފަދައިން އެއްބަސްވުމުގައި ހިމަނާ މާއްދާއަކީ ޕެނަލްޓީ ކްލޯޒްއެއް ކަމުގައި ކޯޓުތަކުން ކަނޑައަޅާ ހާލަތްތަކުގައި އެއީ އާންމު އުސޫލުން ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ކޯޓު މެދުވެރިކޮށް ލިބިދެވޭނެ ފައިސާއެއް ނޫނެވެ." ހުކުމުގައިވެ އެވެ.

މާނައަކީ އެއްބަސްވުމެއްގައި ދެ ފަރާތުން އެއްބަސްވެގެން ޖޫރިމަނާގެ އަދަދެއް ހިމަނާފައި އޮތަސް، އޭގެ މައްޗަށް އެކަނި ބިނާކޮށް އެ ފައިސާ ދެން ނަގައެއް ނުދެވޭނެ ކަމެވެ. އޭގެ ބަދަލުގައި އެ ފައިިސާ ނަގައި ދެނީ ލިއުޑޭޓަޑް ޑެމޭޖެސްގެ ގޮތުގައި ލިބުނު ގެއްލުމެއް ކަން ސާބިތުކޮށް ދިނުމުންނެވެ.

ޕެނަލްޓީ ކްލޯޒްއެއް ކަން ކޯޓުތަކުން ބަލަންޖެހޭ

ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫންގެ އަޣުލަބިއްޔަތުން ކުރެއްވި އެ ހުކުމުގައިވާ ގޮތުން އެފަދަ މައްސަލަތަކުގައި ކޯޓުތަކުން އެންމެ ފުރަތަމަ ބަލަން ޖެހޭނީ ޖޫރިމަނާ އަރާނެ ކަމަށް ބުނާ މާއްދާއަކީ ޕެނަލްޓޯ ކްލޯޒެއް ތޯ ނުވަތަ ލިކުއިޑޭޓަޑް ޑެމޭޖަސް ނަގާ މާއްދާއެއްތޯ ދެނެގަތުމަށެވެ. އެކަން ދެނެގަންނާނެ ގޮތްތަކެއް ވެސް ބޭރު ގައުމުތަކުގެ ކޯޓުތަކުގެ ނިންމުންތަކާ ހަވާލާދީ އެ ހުކުމުގައި ކަނޑައަޅާފައިވެ އެވެ.

"ބަދަލު ލިބިގަތުމަށް ބަރޯސާވަނީ ޕެނަލްޓީ ކްލޯޒްއެއް ނުވަތަ އުގޫބާތެއްގެ ގޮތުގައި ބެލެވޭ މާއްދާއެއްގެ މައްޗަށް ކަމުގައިވަނީ ނަމަ، އާންމު އުސޫލުން އެފަދަ ބަދަލެއް ނަގައެއް ނުދެވެ އެވެ. އަދި އެކަމުގެ މައްޗަށް އެއްބަސްވެފައިވާ ނަމަވެސް އެއްބަސްވުމެއްގެ ދަށުން ބަދަލު ނަގައި ދިނުމުގެ ކުރިން ލިބިދެވޭނެ ކަމަށް އެއްބަސްވެފައިވަ މިންވަރަކީ ޕެނަލްޓީއެއް ކަން ނުވަތަ ނޫންކަން ކޯޓުން ވަޒަން ކުރަން ޖެހެ އެވެ." ހުކުމުގައި ބުނެފައިވެ އެވެ.

ސުޕްރީމް ކޯޓު --- ފޮޓޯ/މިހާރު

ސުޕްރީމް ކޯޓު --- ފޮޓޯ/މިހާރު

ހުކުމުގައިވަނީ ޖޫރިމަނާ އަރާނެ ކަމަށް ބުނާ މާއްދާއަކީ އެއްބަސްވުމުގެ އަސްލީ އިލްތިޒާމާ ވަކިން އޮތް އިލްތިޒާމެއް ނަމަ، އަދި އެއީ އެއްބަސްވުމުގެ އަނެއް ފަރާތަށް ނުބައްދަލު ބުރައެއް ނުވަތަ އަދަބެއް ދިނުމުގެ ގޮތުން ހިމަނާފައިވާ މާއްދާއެއް ނަމަ، އެއީ ޕެނަލްޓީ ކްލޯޒެއް ކަމަށް ބެލެވޭނެ ކަމަށެވެ. އެހެން ނަމަވެސް ޖޫރިމަނާ ހިމަނާފައި އޮތީ އެކަށީގެންވާ މިންވަރަކަށް ކަމަށް ވެފައި، އަދި އެއީ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަން ބާރު އަޅާ މާއްދާއެއް ނަމަ، އެއީ ޕެނަލްޓީ ކްލޯޒްއެއް ކަމަށް ނުބެލެވޭނެ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

ދެ ފަރާތުން އެއްބަސްވާ ކަމެއް ތަންފީޒުކޮށް ނުދޭންވީ ކީއްވެ؟

ޤާނޫނުތަކާ ޚިލާފް ނުވާނެ ގޮތެއްގެ މަތިން އެއްބަސްވުމުގެ ދެ ބައިވެރިން ބޭނުންވާ ކޮންމެ ގޮތަކަށް އެއްބަސްވުންތައް ހެދުމަކީ ފުރުސަތު ޤާނޫނީ ގޮތުން އޮވެ އެވެ. ފްރީޑަމް އޮފް ކޮންޓްރެކްޓްގެ ގާނޫނީ މަހްފޫމުގެ ތެރެއިން ރާއްޖެ އާއި ބޭރު ގައުމުތަކުގައި ވެސް އެކަން އޮންނަނީ އެގޮތަށެވެ. އެހެންވީއިރު، ދެ ފަރާތުން ރުހި ގަބޫލުވެގެން ހަދާ އެއްބަސްވުމެއްގައި ހިމަނާ ޖޫރިމަނާގެ މާއްދާއެއް ކޯޓުތަކުން ތަންފީޒުކޮށް ނުދޭންވީ ކީއްވެގެންތޯ އެއީ އުފެދިދާނެ ސުވާލެކެވެ.

މި ނުކުތާއަށް ވެސް އެ ހުކުމުގައި ތަފްސީލުކޮށް ޖަވާބު ދީފައިވެ އެވެ. އެކަމާ ބެހޭގޮތުން ފަނޑިޔާރު މަހާޒްގެ ރައުޔުގައިވަނީ އަނެއް ފަރާތަށް އަދަބެއް ދިނުމުގެ ގޮތުން އެއްބަސްވުންތަކުގައި ހިމަނާ މާއްދާތައް ތަންފީޒުކޮށް ދިނުމަކީ ކޯޓުތަކަށް ލާޒިމް ކަމެއް ނޫނެވެ. ސަބަބަކީ ގެއްލުމުގެ ބަދަލު ނަގައި ދެނީ ގެއްލުން ލިބުނު ފަރާތަށް ލިބުނު ގެއްލުން ފޫބައްދަން ކަމަށް ވެފައި، އެއީ އަނެއް ފަރާތަށް އަދަބެއް ދިނުމުގެ ގޮތުން ނަގައިދޭ އެއްޗަކަށް ނުވާތީ ކަމަށް ފަނޑިޔާރު މަހާޒްގެ ރައުޔުގައިވެ އެވެ. އިސްލާމީ ގައުމުތަކާއި ކޮމަން ލޯ ގައުމުތަކުގައި ވެސް އަމަލު ކުރަނީ އެގޮތަށް ކަމަށް އޭނާގެ ރައުޔުގައިވެ އެވެ.

"އެއީ ޕެނަލްޓީ ކްލޯޒް ނުވަތަ އަދަބު ދިނުމަށް ހިމަނާފައިވާ މާއްދާއެއް ކަމަށް ކަނޑައެޅިއްޖެ ނަމަ، އެ މާއްދާ އެއްބަސްވުމުގެ ބައިވެރިން އެއްބަސްވެފައިވާ ގޮތަށް ތަންފީޒުކޮށް ދިނުމަކީ ކޯޓުތަކަށް ލާޒިމު ކަމެއް ނޫނެވެ. އަދި މިއީ ކޮންޓްރެކްޓްގެ ބައިވެރިންގެ މެދުގައި ކޮންޓްރެކްޓާ ގުޅިގެން އުފެދޭ ހުސޫމަތްތައް ހައްލު ކުރުމުގައި ހަކަމެއް ކަމުގައި ބަލާ އުސޫލު (އެއްބަސްވުމަކީ ތަންފީޒުވާން ޖެހޭނެ އެއްޗެއް) ގެ އުސޫލުން އިސްތިސްނާ ލިބިގެންވާ ހާލަތެއް.." އެ ހުކުމުގައިވެ އެވެ.

ޖޫރިމަނާ އާއި ގެއްލުމުގެ ބަދަލުގެ އަދަދުތައް މާ ބޮޑުވެގެންދާ ހާލަތްތަކުގައި ކުރިން ކޯޓުތަކުގެ އަމިއްލަ އިސް ނެގުމުގައި އެ އަދަދުތައް ކުޑަކޮށްދީފައި ހުއްޓަސް، ފަނޑިޔާރު މަހާޒްގެ ރައުޔުގައިވާ ގޮތުން އެއީ ކޯޓުތަކަށް އޮޮތް އިހްތިޔާރެއް ނޫނެވެ. ސަބަބެއްގެ ގޮތުގައި އޭނާގެ ރައުޔުގައިވަނީ އެއްވެސް ޤާނޫނަކުން ފަނޑިޔާރުންނަށް އެ ބާރު ދީފައި ނެތުމާއި އަދި ކޮންޓްރެކްޓާ ބެހޭ ޤާނޫނު އޮތްގޮތުން އެއްބަސްވުމުގައި އޮތްގޮތާ ޚިލާފަށް ލުޔެއް ދެވޭނީ އެއްބަސްވުމުގެ ދެ ބައިވެރިން ރުހި ގަބޫލުވާ ނަމަ ކަމަށް ވާތީ އެވެ.

ފަނޑިޔާރު މަހާޒާއި ފަނޑިޔާރު ޝުޖޫންގެ ރައުޔުގައި ވަނީ ޖޫރިމަނާތައް ނަގައި ދިނުމާ ބެހޭގޮތުން ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކާ އެއްކޮށް ދުރަށް ދާން ޖެހޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމަކީ އެއްބަސްވުންތަކުގެ ދަށުން ހައްދެއް ނެތި، ޖޫރިމަނާތައް ނެގުން ހުއްޓުމަކަށް ގެނައުމަށްޓަކައި އެޅިގެން ދިޔަ ވަރުގަދަ ފިޔަވަޅެކެވެ. ޖޫރިމަނާއަކީ މުއްސަނދިވާން ބޭނުންކުރާ ދޮރެއްގެ ގޮތުގައި އޮތްއޮތުން މީގެ ސަބަބުން ހުއްޓިގެންދާނެ ކަމަށް ބެލެވެ އެވެ.