Roadha Mihaaru
ހިތަދޫގައި ޒަހަމްވި މީހާ ފަރުވާއަށް މާލެ ގެންނަނީ

ހިތަދޫ މާރާމާރީ: ޒަހަމްވި މީހާ ފަރުވާއަށް މާލެ ގެންނަނީ

17 ސެޕްޓެމްބަރ 2021

އައްޑޫ ހިތަދޫގައި މިއަދު މެންދުރު ހިންގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާ ދީ، ޒަހަމްކޮށްލި މީހާ އަށް އިތުރު ފަރުވާ ދިނުމަށް މާލެ އަށް ފުރުވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބުނެފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

އައްޑޫ ހިތަދޫގައި މިއަދު މެންދުރު ހިންގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާ ދީ، ޒަހަމްކޮށްލި މީހާ އަށް އިތުރު ފަރުވާ ދިނުމަށް މާލެ އަށް ފުރުވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބުނެފި އެވެ.

މިއަދު މެންދުރު 12 ޖަހާ ހާކަންހާއިރު ހިތަދޫގެ ފްލެޓެއްގެ ކައިރީގައި ހުއްޓައި ދިން ހަމަލާގައި ޒަހަމްވީ އުމުރުން 29 އަހަރުގެ ފިރިހެނަކަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ އޮފިޝަލަކު "މިހާރު"އަށް ވިދާޅުވި ގޮތުގައި އެ މީހާގެ ބޮލަށާއި ގައިގެ އެހެން ތަންތަނަށް ވެސް ވަނީ ޒަހަމްތަކެއް ލިބިފަ އެވެ. އޭނާ މި ވަގުތު ހޭވެރިކަމުގައި އޮތަސް، ހާލު ސީރިއަސް ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނޫނެވެ.

މި ހާދިސާގައި ޒަހަމްވި މީހާ ވެއްޓިފައި އޮތް މަންޒަރު ސޯޝަލް މީޑިއާގައި އާންމުވި އެވެ. ދެ މީހަކު ވެއްޓިފައި އޮތްތަން ފެނުނު ނަމަވެސް، އޭގެ ތެރެއިން އެކަކީ، ޒަހަމްވި މީހެއް ނޫނެވެ. އޭނާ ވެއްޓިފައި އޮތީ ހޭނެތިގެން ކަމަށް ވަނީ އެނގިފަ އެވެ.

މި ހާދިސާއާ ބެހޭ ގޮތުން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި، ތޫނު އެއްޗެއް ހިފައިގެން އައި މީހެކު ޒުވާނާ އަށް ހަމަލާ ދިނީ ފްލެޓަށް ވަންނަން ދަނިކޮށެވެ. މި މައްސަލައިގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.

މިރޭ ވެސް ހިތަދޫގައި ވަނީ ސައިކަލަކުން ދިޔަ ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފަ އެވެ. ޒަހަމްވި 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ އަންހެނަކަށް މިހާރު ދަނީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި ހަމަލާ އަކީ ހެނދުގެ ހާދިސާއާ ގުޅުމެއް އޮތް ކަމެއް ކަން ނުވަތަ ނޫން ކަން އެނގިފައި ނުވެ އެވެ.