18 ސެޕްޓެމްބަރ 2021
އައްޑޫ ހިތަދޫގައި މިހާރު ހިންގާ ސިލްސިލާ މާރާމާރީތަކުގައި، ސައިކަލެއްގެ ފަހަތުގައި އިން އަންހެނަކު ރޭ ޒަހަމް ވެފައިވާއިރު، އެއީ މާބަނޑު މީހެކެވެ.
އައްޑޫ ހިތަދޫގައި މިހާރު ހިންގާ ސިލްސިލާ މާރާމާރީތަކުގައި، ސައިކަލެއްގެ ފަހަތުގައި އިން އަންހެނަކު ރޭ ޒަހަމް ވެފައިވާއިރު، އެއީ މާބަނޑު މީހެކެވެ.
އިއްޔެ މެންދުރު 12 ޖަހާކަންހާއިރު އެ ރަށުގައި އުމުރުން 29 އަހަރުގެ ފިރިހެނަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލާފައިވާއިރު، ރޭ ސައިކަލަކުން ދަނިކޮށް އުމުރުން 27 އަހަރުގެ ފިރިހެނަކަށް ވެސް ވަނީ ހަމަލާ ދީފަ އެވެ. އެ ސައިކަލު ފަހަތުގައި އިން އުމުރުން 23 އަހަރުގެ އަންހެންމީހާ ވެސް އެ ހަމަލައިގައި ޒަހަމްވިއިރު، ސައިކަލް ދުއްވަން އިނީ އޭނާގެ ފިރިމީހާ އެވެ.
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ރޭ ބުނިގޮތުގައި، އެ ފިރިހެންމީހާގެ ކަނާތު ކޮނޑު ވަނީ ތޫނު އެއްޗަކުން ހަމަލާދީ ކަފާލައިފަ އެވެ.
ސައިކަލުގެ ފަހަތުގައި އިން އަންހެންމީހާ އަކީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ މަސައްކަތްކުރާ ނަރުހެއް ކަމަށް ވާއިރު، އެއީ މާބަނޑު މީހެއް ކަމަށް މައުލޫމާތު އެނގޭ ބައެއް މީހުން ބުނެ އެވެ.
ނަމަވެސް، އެ އަންހެންމީހާގެ އަތް ޒަހަމްވުން ފިޔަވައި އިތުރު އަނިޔާއެއް ނުލިބެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ހިތަދޫގައި އިއްޔެ ހިންގި ދެ މާރާމާރީ ވެސް ގުޅެނީ އެ ރަށުގެ ދެ ގޭންގެއްގެ ދެމެދުގައި ޖެހުނު މައްސަލައަކާ އެވެ. އެކަމަކު ޖެހުނީ ކޮން މައްސަލައެއް ކަމެއް ސާފެއް ނުވެ އެވެ.
"ގޭންގްތައް ހޫނުވެގެން ދޭތެރެދޭތެރެއިން އުޅޭ. އެކަމަކު އިއްޔެ އިން ފެށިގެން މި އުޅެނީ މީހުންނަށް ހަމަލާ ދިނުމުގެ ސިލްސިލާއެއް ފެށިގެން. މީގެ ދެ ހަފުތާއެއް ވަރު ކުރިން ހިނގި ކަމެއްގެ ބަދަލު ހިފަނީ ކަމަށް ވަނީ،" ހިތަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އެ މާރާމާރީތަކަކީ ދެ ގޭންގެއްގެ ދެމެދުގައި ހިނގި ކަމެއް ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވެސް ވިދާޅުވެ އެވެ.
އޭނާ "މިހާރު" އަށް ވިދާޅުވީ، އެ ދެ ގްރޫޕުގެ ދެމެދުގައި އަބަދު ވެސް މައްސަލަ ޖެހޭ ކަމަށެވެ.
ނިޒާރު ވިދާޅުވި ގޮތުގައި ދެ ގްރޫޕުގެ ދެމެދުގައި މައްސަލަ ޖެހިގެން މީގެ ކުރިން ވެސް އައްޑޫގައި މިފަދަ ސިލްސިލާ މާރާމާރީތައް ހިންގާފައިވެ އެވެ.
"މިހާރު އަނެއްކާ ފޯރި ހިފައިގެން އުޅެނީ." ނިޒާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި އާންމު ހާލަތަކަށް އައްޑޫ ގެނައުމަށް ފުލުހުން މަސައްކަތް ކުރަމުން އެބަދެ އެވެ.
ހިތަދޫގައި އިއްޔެ މެންދުރު 12 ޖަހާކަންހާއިރު ފުރަތަމަ ހަމަލަދިނީ، ސަރުކާރުން ހަދައި ކުއްޔަށް ދޫކޮށްފައިވާ ފްލެޓެއްގައި އުޅުނު ޒުވާނަކަށެވެ.
"އޭނާ އެ ފްލެޓްގައި ނިދާފައި އޮއްވައި ބަޔަކު ގޮސް ދޮރު ތެޅީމާ ހުޅުވި ވަގުތު ކަތިވަޅިން ހަމަލަދީ ޒަހަމްކޮށްލީ،" ހިތަދޫން ވާހަކަ ދެއްކި އެހެން މީހަކު ބުންޏެވެ.
އެ ފިރިހެންމީހާގެ ބޮލަށް އަދި ގައިގެ އެކި ތަންތަނަށް ވެސް އަނިޔާވެފައިވާއިރު، އޭނާ އިތުރު ފަރުވާ އަށް މާލެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނި. ނަމަވެސް، މިހާތަނަށް އެއްވެސް ބަޔަކު ހައްޔަރެއް ނުކުރެ އެވެ.
އެއް ދުވަހެއްގައި ދެ މާރާމާރީއެއް ހިތަދޫގައި ހިންގާފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހަކީ ވެސް އެ ރަށް ހަލަބޮލިވި ދުވަހެކެވެ. އެގޮތުން ހިތަދޫގައި ކުޑަކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތު ކުރެވޭ ފުލުހަކު ހައްޔަރު ނުކޮށްގެން އާންމުން އެ މީހާގެ ގެ ކުރިމަތީގައި މުޒާހަރާ ކުރުމުން ވެސް ހަމަނުޖެހުންތަކެއް ހިނގި އެވެ.
އެ މުޒާހަރާގެ ފިއްތުންތައް ބޮޑުވެފައި ވަނިކޮށް، ރޭޕްގެ ތުހުމަތު ކުރެވޭ އެ ފުލުސް މީހާ ހަމަ އެ ރޭ ވަނީ ހައްޔަރުކޮށްފަ އެވެ.
ހިތަދޫގައި ޒަހަމްވި މީހާ ފަރުވާއަށް މާލެ ގެންނަނީ
ހިތަދޫގައި އަނެއްކާވެސް ދެ މީހަކު ޒަހަމްކޮށްލައިފި
ހިތަދޫގައި ބައެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި
އައްޑޫ މާރާމާރީ: އިތުރު ހަތިޔާރުތަކެއް ހޯދައިފި
ފަހުން ހިންގި މާރާމާރިއާ ގުޅިގެން 4 މީހަކު ހައްޔަރު
އައްޑޫ މާރާމާރިއާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރު
ހިތަދޫގެ މާރާމާރީގައި ތުހުމަތުވާ މީހަކު ހައްޔަރުކޮށްފި
ހިތަދޫގެ މާރާމާރީގައި އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ
ހިތަދޫގެ ބޮޑު މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި
ހިތަދޫގައި "ކޮށާލި" މީހާގެ ހާލު ސީރިއަސްއެއް ނޫން