Roadha Mihaaru
ހަވާއީގެ މަޝްހޫރު ފަރުބަދައިގެ ސިޑި ނަގަން ނިންމައިފި

ހަވާއީގެ 2،800 ފޫޓް އުސް ފަރުބަދައަށް އަރާ ސިޑި ބަންދުކުރަނީ

17 ސެޕްޓެމްބަރ 2021

ހަވާއީގައި ޓޫރިސްޓުންގެ މެދުގައި މަޝްހޫރު ތަނެއް ކަމަށްވާ "ހައިކޫ ސްޓެއާޒް" ބަންދުކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހަވާއީގައި ޓޫރިސްޓުންގެ މެދުގައި މަޝްހޫރު ތަނެއް ކަމަށްވާ "ހައިކޫ ސްޓެއާޒް" ބަންދުކުރަން ނިންމައިފި އެވެ.

"ސްޓެެއާ ވޭ ޓު ހެވެން" އޭ ކިޔައި ވެސް އުޅޭ މި ތަނަކީ 2،800 ފޫޓް އުސް ފަރުބަދައެއްގެ މައްޗަށް އަރަން ހަދާފައި އޮންނަ ސިޑިއެކެވެ. އެ ސިޑަ ނަގައި އަންނަ އަހަރުން ފެށިގެން އެތަން ޓޫރިސްޓުންނަށް ބަންދުކުރަން ނިންމީ އެތަނުގައި ފަހަކަށް އައިސް ހިނގި ނުރައްކާތެރި ހާދިސާތަކާ ގުޅިގެން ހޮނޮލޫލޫ ކައުންސިލުން ފާސްކުރި ގަރާރަކާ ގުޅިގެންނެވެ.

އެ ކައުންސިލުން ބުނީ ކަނޯހީގައި ހުންނަ އުސް ފަރުބަދަ އަށް އަރަން 3،922 ހަރުފަތް ހިމެނޭ ސިޑި ނަގައި، އެ ސަރަހައްދު ޓޫރިސްޓުންނަށް ބަންދުކުރަން ނިންމީ އެތައް ބައެއްގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކަމަށެވެ.

ކައުންސިލުން "ހައިކޫ ސްޓެއާޒް" ބަންދުކުރަން ނިންމީ ކައުންސިލް މެމްބަރުންގެ މެދުގައި މި މަހުގެ 8 ގައި ނެގި ވޯޓެއްގެ އިއްތިފާގުންނެވެ. އަދި އެކަން މިހާރު ވަނީ ހޮނޮލޫލޫ މޭޔަރު ރިކް ބްލަންގިއާޑީ އަށް ވަނީ ހުށަހަޅައިފަ އެވެ. "ހައިކޫ ސްޓެއާޒް" ބަންދުކުރުމާ ގުޅޭ ފަހުގެ ނިންމެވުން ނިންމަވާނީ މޭޔަރެވެ. އަދި އެކަމަށް 60 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަވާނެ އެވެ.

ހަވާއީގެ "ހައިކޫ ސްޓެއާޒް".

ހަވާއީގެ "ހައިކޫ ސްޓެއާޒް".

ކައުންސިލުން ބޭނުން ވަނީ "ހައިކޫ ސްޓެއާޒް" އެއްކޮށް ނަގައި، އެތަނަށް ހޭދަކުރާ ފައިސާ ހޮނޮލޫލޫގެ އެހެން ކަންކަމަށް ހޭދަކުރާށެވެ. ސިޑި ނެގުމަށް ކައުންސިލުން ވަނީ މިލިއަން ޑޮލަރު ބަޖެޓެއް ވެސް ކަނޑައަޅައިފަ އެވެ.

"ހައިކޫ ސްޓެއާޒް" އަކީ އެމެރިކާގެ ކަނޑުގެ ސިފައިން 1940 ގެ ތެރޭގައި ހެދި ތަނެކެވެ. އެތަން ފާހަގަކުރެވިފައި ވަނީ ހަވާއީވެ އެންމެ މަގުބޫލު އެއް ތަނުގެ ގޮތުގަ އެވެ. "ހައިކޫ ސްޓެއާޒް" އާންމުކޮށް ހުޅުވާލާފައި އޮތަސް 1987 އިން ފެށިގެން އެތަނަށް ދިއުގައި ލިމިޓްތަކެއް ކަނޑައަޅާފައިވެ އެވެ. އަދި މިހާރު ހަމަޖައްސާފައި އޮންނަ އުސޫލުން ގަވައިދާ ހިލާފަށް ތަން ބޭނުންކުރާ ނަމަ 1،000 ޑޮލަރުން ޖޫރިމަނާ ވެސް ކުރެ އެވެ.