Roadha Mihaaru
އެމެރިކާގައި މި އަހަރު އެންމެ މަގުބޫލީ ދިވެހިރާއްޖެ

އެމެރިކާގައި މި އަހަރު އެންމެ މަގުބޫލީ ދިވެހިރާއްޖެ

12 ޑިސެމްބަރ 2019

އެމެރިކާގެ ރައްޔިތުންގެ މެދުގައި އެންމެ މަގުބޫލު މަންޒިލަކީ ދިވެހިރާއްޖެ ކަމަށް ސާޗް އެންޖިން ގޫގުލްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެމެރިކާގެ ރައްޔިތުންގެ މެދުގައި އެންމެ މަގުބޫލު މަންޒިލަކީ ދިވެހިރާއްޖެ ކަމަށް ސާޗް އެންޖިން ގޫގުލްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ގޫގުލް އިން ކޮންމެ އަހަރަކު ނެރޭ "އިޔާ އިން ސާޗް" ލިސްޓުން ދައްކާ ގޮތުން އެމެރިކާގައި އެންމެ ގިނަ މީހުން "ޓްރިޕް ޓު" ޖަހައިގެން ގޫގުލްގައި އެންމެ ގިނައިން ސާޗްކޮށްފައި ވަނީ ދިވެހިރާއްޖެ އެވެ.

މި ލިސްޓު ދައްކާގޮތުގައި ގިނަ ބަޔަކު ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ހިނގާނެ ޚަރަދު ވެސް ބަލައިފަ އެވެ. މި ލިސްޓުން ދައްކާގޮތުގައި ރާއްޖެ އެންމެ ގިނައިން ސާޗް ކޮށްފައިވަނީ އެމެރިކާގެ ޓެކްސަސް އިންނެވެ. މީގެ އިތުރުން ކެލިފޯނިއާ، އިލިނޯއީ އަދި ނިއު ޔޯކް ފަދަ ބޮޑެތި ސްޓޭޓްތަކުގައި ވެސް ރާއްޖެ މަގުބޫލެވެ.

ގޫގުލް އިން މި އަހަރުގެ މެދުތެރޭގައި ނެރުނު ހިސާބުތަކުން އެމެރިކާގެ އެންމެ މަގުބޫލު މަންޒިލަކީ ބޯރާ ބޯރާ އެވެ. ނަމަވެސް ބޯރާ ބޯރާ ވަނީ މި ލިސްޓުގެ ތިންވަނައަށް ވެއްޓިފަ އެވެ. ލިސްޓުގެ ދެވަނާގައި އޮތީ ޖަޕާނެވެ.

ވިލް ސްމިތް މޯލްޑިވިއަންގެ ކެބިން ކްރޫއަކާ އެކު--

ވިލް ސްމިތް މޯލްޑިވިއަންގެ ކެބިން ކްރޫއަކާ އެކު--

ބެލެވޭ ގޮތުގައި އެމެރިކާ މީހުންގެ މެދުގައި ރާއްޖެ މަގުބޫލުވީ މިއަހަރު ތެރޭގައި ހޮލީވުޑްގެ "އޭ ލިސްޓް" ފަންނާނުން ރާއްޖެ އަށް އައުމާ ގުޅިގެންނެވެ. މީގެ ތެރޭގައި ޖަސްޓިން ބީބާ އާއި ޕެރިސް ހިލްޓަން އާއި ވިލް ސްމިތާއި ލިއެނާޑޯ ޑިކެޕްރިއޯ އާއި ޖޯ ޖޯނަސް އަދި ސޯފީ ޓާނާ ހިމެނެ އެވެ. މީގެ އިތުރުން ސެރީނާ ވިލިއަމްސް އާއި ޕެޕް ގާޑިއޯލާ އާއި ލުއިސް ސުއަރޭޒް ފަދަ ކުޅިވަރުގެ ދާއިރާގެ ތަރިން ވެސް ވަނީ ރާއްޖެ އަށް ޒިޔާރަތްކޮށްފަ އެވެ.

މި އަހަރު ތެރޭގައި އެމެރިކާ އިން ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އެމެރިކާ އިން 43،091 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9،585 އިތުރު އަދަދެކެވެ.