16 ސެޕްޓެމްބަރ 2021
އަދާކުރާ ވަޒީފާއެއް ދޫކޮށްލުމަކީ އެއްވެސް މީހަކަށް ފަސޭހަ ކަމަކަށް ނުވާނެ އެވެ. ހާއްސަކޮށް، ވަޒީފާއެއްގައި އުޅޭތާ ގިނަ ދުވަސްތަކެއްވެފައިވާ ނަމަ ވަކިން އުނދަގޫ ކަމަކަށް ވާނެ އެވެ.
އަދާކުރާ ވަޒީފާއެއް ދޫކޮށްލުމަކީ އެއްވެސް މީހަކަށް ފަސޭހަ ކަމަކަށް ނުވާނެ އެވެ. ހާއްސަކޮށް، ވަޒީފާއެއްގައި އުޅޭތާ ގިނަ ދުވަސްތަކެއްވެފައިވާ ނަމަ ވަކިން އުނދަގޫ ކަމަކަށް ވާނެ އެވެ.
މުހިއްމީ ލިބޭ މުސާރައެއް ނޫނެވެ. އަދާކުރާ ވަޒީފާއެއްގައި އެ މީހެއްގެ އުފެއްދުންތެރިކަން ވެސް އެތައް ކަމަކާ ގުޅިލާމެހިފައިވެ އެވެ. ހާއްސަކޮށް، އެކީގައި މަސައްކަތްކުރާ މީހުންގެ ބައިވެރިވުމާއި މަސައްކަތްކުރަން ޖެހޭ މާހައުލުގެ ހަމަޖެހުމާއި ރައްކާތެރިކަން ފަދަ ކަންކަން ހިމެނެ އެވެ.
އެހެން ވިޔަސް ބައެއް މީހުންނަކީ ކުރިމަތިވާ ޕްރެޝަރުތަކާއެކު އެކު ވެސް ވަޒީފާއެއް ދޫކޮށްލަން ފަސްޖެހޭ މީހުންނެވެ.
ވޯކްސްޕްލޭސްގެ ތަޖުރިބާކާރެއް ކަމަށްވާ އަދި ހާވާޑް ބިޒްނަސް ރިވިއުގެ ކޮންޓްރިބިއުޓިން އެޑިޓަރު އެމީ ގެލޯ ވިދާޅުވި ގޮތުގައި ވަޒީފާއެއް ދޫކޮށްލަން ވާނީ ވަރަށް ސީރިއަސްކޮށް ވިސްނުމަށް ފަހު އެވެ. ސަބަބަކީ ކޮންމެ ދުވަހަކީ އެންމެ ހިތްހަމަޖެހޭ ކަހަލަ ދުވަހަކަށް ނުވާނެތީ އެވެ. އަދި އެކީގައި މަސައްކަތްކުރާ މީހުންނާއި ވެރިންގެ ފަރާތުން ބޭނުންވާ މިންވަރަށް ރުހުން ނުލިބުމަކީ ވެސް ވެދާނެ ގޮތެކެވެ.
އެކަމަކު އަދާކުރާ ވަޒީފާ ދޫކޮށްލުމާ ގުޅޭ ގޮތުން މައިގަނޑު ހަ ކަަމަކަށް ބެލިދާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ. އެ ކަންތައްތަކާ ތިމާ އަށް އެއްބަސްވެވޭ ނަމަ ބުއްދިވެރި ގޮތަކީ އަދާކުރަމުން އަންނަ ވަޒީފާ ދޫކޮށްލައި އިތުރު ގޮތެއް ހޯދުމެވެ.
ވަޒީފާއާ ދޭތެރޭ ފޫހިވެދާނެ އެއް ސަބަބަކީ ވަޒީފާގެ ކުރިއެރުން ނުލިބުމެވެ. ހާއްސަ އެއް މަގާމެއްގައި ދެމިހުންނަތާ އެތައް ދުވަހެއް ނުވަތަ އެތައް އަހަރެއްވީ ވިޔަސް މަގާމުގެ ކުރިއެރުމެއް، ނުވަތަ ކުރިއެރުމެއް ލިބިދާނެކަމުގެ އެއްވެސް ސިގްނަލެއް ނުލިބޭ ނަމަ އެ ވަޒީފާއެއް ދޫކޮށްލުމާ ދޭތެރޭ ވިސްނަން ޖެހިދާނެ އެވެ.
މަގާމުގެ ކުރިއެރުން ނުލިބުމުގެ އިތުރަށް އަދާކުރާ ވަޒީފާއާ ގުޅޭ ތަމްރީނާއި ހުނަރު ތަރައްގީކުރާނެ ފުރުސަތު ފަހިނުވުމަކީ ވެސް ވަޒީފާއާ ދޭތެރޭ ފޫހިވެދާނެ ސަބަބެކެވެ. އެހެންވެ މިގޮތަށް ދިމާވާ ނަމަ އެ ވަޒީފާއެއް ދޫކޮށްލުމާ ދޭތެރޭ ވިސްނިދާނެ އެވެ.
"ވަޒީފާ އަދާކުރާ ތަނުގައި ވެރިންނާއި މުވައްޒަފުންނާ އޮންނަ ގުޅުން ކުޑަވުމާއި ޓްރާންސްޕޭރަންސީ ނެތްކަމުގެ އިހުސާސްކުރެވުމަކީ ވެސް ވަޒީފާ މަތިން ފޫހިވެދާނެ ކަމެއް،" ޖޯޑީ މައިކަލް އެސޯސިއޭޓްސް އެކްޒެކެޓިވް/ކެރިއާ ކޯޗް އަނާ ބްރޭ ވިދާޅުވި އެވެ.
ވެރިޔާ އާއި އޭނާގެ ދަށުން މަސައްކަތްކުރާ މީހުންނާ ދެމެދު ވެސް ގާތް ގުޅުމެއް އޮތުމެވެ. މުއާމަލާތްތައް ކުރެވި، ހިޔާލު ބަދަލު ކުރެވޭ އަދި މަޝްވަރާ އާއި ލަފާ ހިއްސާކުރެވޭ މާހައުލެއް ވަޒީފާގެ މައިދާނަށް ވަރަށް މުހިއްމުވެ އެވެ.
އެކަމަކު އަބަދު ވެރިމީހާގެ ނުފޫޒުގެ ދަށުގައި، އޭނާ ހެދިހާ ގޮތެއް ހެދިގެން ކިޔާހާ އެއްޗަކަށް ރުހިގެން ހުންނަން ޖެހުމަކީ ވަޒީފާ މަތިން ފޫހިވާނެ ކަމެކެވެ. ވަކިން ހާއްސަކޮށް ކުރާ މަސައްކަތުގެ އަގު ވަޒަންނުކޮށް އަބަދު ފާޑުކިޔާ ނަމަ ވަޒީފާގައި ދެމިހުރުމާ މެދު ދެވަނަ ވިސްނުމަކަށް ދެވިދާނެ އެެވެ.
"ކުރާ މަސައްކަތް ވެރިން ވަޒަންނުކުރުމާއި އަބަދު ފާރަލާ ގޮތްގޮތަށް ކަންކަން ހިނގާ ނަމަ އޭގެ މާނަ އަކީ އެތަނެއްގައި ތިމާ އަށް ކުރެވޭ އިތުބާރު ވެސް ކުޑައޭ،" ކޯޗިން ކޮމްޕެނީއެއް ކަމަށްވާ އެމާ ލަ ވިޑާގެ ކޯ-ފައުންޑަރު އަދި ޗީފް ކޯޗިން އޮފުސަރު ފޯރެމް ޝެތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވެރިންގެ ފެންވަރުގައި ތިމާ ބާކީކޮށްލާފައި ހުންނަ ކަމަށް އިހުސާސްކުރެވޭ ނަމަ އެއީ ވެސް އެތަނެއްގައި ދެމިހުރުމާ މެދު ވިސްނާލުން ވަރަށް ރަނގަޅު ނުކުތާއެކެވެ.
ވަޒީފާ މަތިން ފޫހިވާ ނަމަ ނަގަން ޖެހޭ ޒިންމާތަކަށް އިހުމާލުވުމުގެ ފުރުސަތު އޮންނާނެ އެވެ. އެއާ އެކު ދުވަހުން ދުވަހަށް ތިމާ ނިންމަން ޖެހޭ މަސައްކަތްތައް ފަސްކެރުވުމާއި އެންމެ ފަހު ވަގުތާ ހަމައަށް މަސައްކަތްތަށް "ޕެންޑިން" ގައި ބެހެއްޓުމަކީ ދިމާވެދާނެ ގޮތެކެވެ.
މިކަން މިގޮތަށް ދިމާވާ ކަމަށް އަމިއްލަ ގަބޫލުރެވޭ ނަމަ އެ ހިސާބުން އެ ވަޒީފާއެއް ދޫކޮށްލުމާ ދޭތެރޭ ވިސްނުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. ސަބަބަކީ އެގޮތަށް މެދުވެރިވާން ވަޒީފާގެ މާހައުލުގެ ތެރެއިން ދިމާވާ އެތައް ކަމެއްގެ ހިއްސާ އޮންނާނެތީ އެވެ.
"ކުރާ ހިތުން ކަންކަން ކުރާ ނަމަ ނަތީޖާ ރަނގަޅު ވާނެ. އެކަމަކު ކުރަން ޖެހޭ ކަންކަން ފަސްކުރެވި، ފަހު ވަގުތާ ހަމައަށް މަަޑުކުރެވޭ މަސައްކަތްތައް ބެހެއްޓުމަކީ އުފެއްދުންތެރިކަން ދަށްވާނެ ކަމެއް،" ޝެތު ވިދާޅުވި އެވެ.
ވަޒީފާ އަދާކުރާ މާހައުލު ކޮންމެ މީހަކަށް ވެސް ވަރަށް މުހިއްމެވެ. އެކީގައި މަސައްކަތްކުރާ މީހުންނާ އޮންނަ ގުޅުން ރަނގަޅުވުމާއި، އެ މީހުންގެ ފަރާތުން ތިމާ އަށް ލިބޭ އެހީ އާއި ސަޕޯޓަކީ މަސައްކަތްކުރަން ލިބޭ ވަރަށް ބޮޑު ހިވްވަރަކަށް ވާނެ އެވެ. އެކަމަކު އޭގެ ބަދަލުގައި އެތައް ދުވަހެއްވާ އިރު ވެސް ވަޒީފާގެ މާހައުލަށް މީހާ ނުހޭނުމައި އެހެން މީހުންނާ ގުޅުން ކުޑަވުމަކީ ވަޒީފާގެ މަތިން ފޫހިވާނެ ކަމެކެވެ.
ހަމަ މިއާ އެކު ވަޒީފާއާ ހެދި ޒާތީ ދިރިއުޅުމަށް ބުރޫއަރާ ގޮތްވާ ނަމަ އެއީ ވެސް މައްސަލައެކެވެ. މިސާލަކަށް ރަސްމީ ގަޑި ނޫން ގަޑިތަކުގައި ވެރިމީހާގެ އެންގުމަށް ވިޔަސް ގޭގައި އޮފީހުގެ މަސައްކަތްކުރަން ޖެހުމަކީ ބުރައަކަށް، ފޫހި ކަމަކަށް ވެދާނެ އެވެ.
"އެހެންވެ ވަރަށް މުހިއްމު ސަޕޯޓް ސިސްޓަމެއް. މި ޕެންޑެމިކް [ކޮވިޑް ހާލަތުގެ ތެރޭގައި] ތެރޭގައި ވެސް އަހަރެމެންނަށް ވަރަށް ބޮޑަށް ދަސްވިކަމެއް އެއީ. ފްލެކްސިބަލްކޮށް މަސައްކަތްކުރެވޭ ގޮތަށް ކަންކަން ބައްޓަން ނުކުރެވޭ ނަމަ ވަޒީފާ މަތިން މުވައްޒަފުން ފޫހިވާން ފަށާނެ." ޝެތު ވިދާޅުވި އެވެ.
އަދާކުރާ ވަޒީފާއާ މެދު ހިތްހަމަނުޖެހި ފޫހިވާ ގޮތްވާ ނަމަ ތިމާގެ ކޮންމެވެސް ހުނަރަކާ ދޭތެރޭ ވިސްނެން ފަށާނެ އެވެ. ނުވަތަ ތިމާ ހުރި މަގާމަށް ވުރެ ޕޮޓެންޝަލްހުރި މީހެއް ކަމަށް އިހުސާސްކުރެވެން ފަށާނެ އެވެ. އެފަދަ ހާލަތެއްގައި ނަމަ، އެ ހުނަރެއް ތަރައްގީކުރަން، ނުވަތަ ޝައުގުވެރިވާ ކޮންމެވެސް އެހެން ކަމަކުން ކުރިއަށް ދާން ވިސްނުމަކީ ބުއްދިވެރި ގޮތެކެވެ. އަދި ތިމާ އަށް ކުރެވިދާނެ ކަމަށް ގަބޫލުކުވެރޭ އެތައް ކަމެއް ސިކުނޑި އަށް ޖަމާވާން ވެސް ފަށާނެ އެވެ.
މިފަދަ ހާލަތެއްގައި އަމިއްލަ ނަފުސާ މި ސުވާލުކޮށްލާށެވެ. މިހާރު ތިހިރީ ވަޒީފާއެއް ނެތި ކަމަށްވާ ނަމަ އަދާކުރަމުން އަންނަ ތި މަގާމު ހުށަހަޅައިފި ނަމަ އެފަދަ ހާލަތެއްގައި ނިންމާނީ ކޮން ގޮތެއް ހެއްޔެވެ؟
މީހާގެ އެޓިއުޓަކީ ހަގީގަތުގައި ކޮންޓްރޯލެއްގެ ތެރޭގައި އޮންނަން ޖެހޭނެ ކަމެކެވެ. އެޓިޓިއުޑް ދެ ގޮތަކަށް މާނަ ކުރެވިދާނެ އެވެ. އެއީ ރަނގަޅު އަދި ގޯސްކޮށެވެ. މީހާގެ އެޓިޓިއުޑް ރަނގަޅު ނަމަ ކަންކަމާ ދޭތެރޭ ދެކޭނީ ވެސް ޕޮޒިޓިވްކޮށެވެ.
މިސާލަކަށް ވަޒީފާއާ ދޭތެރޭ ހިތްމަނުޖެހި، އެކަމުގެ ސަބަބުން މަސައްކަތުގެ މާހައުލުގައި މީހާގެ އީގޯ އާއި އެޓިޓިއުޑް ނުބައި މިސްރާބަކަށް އެނބުރި ދާނެ އެވެ. އަދި އެއާ އެކު ތިމާއާ ދޭތެރޭ އެހެން މީހުން ދެކޭ ގޮތް ބަދަލުވެ، އެކަމުގެ ސަބަބުން ވަޒީފާގެ މަސްއޫލިއްޔަތުތަށް ބުރޫއަރަން ފަށައިފާނެ އެވެ. މިސާލަށް، އެކި ބަހަނާތައް ދެއްކުން ފަދަ ކަންކަމެވެ. ނުވަތަ މީޓިން ފަދަ ކަންކަމަށް ހާޒިރުވާން ބޭނުން ނުވުން ކަހަލަ ކަންކަމެވެ.
އެކަހަލަ ހާލަތްތަކެއް މެދުވެރިވާ ނަމަ ވަޒީފާ ދޫކޮށްލުމާ ދޭތެރޭ ވިސްނުން ރަނގަޅު ކަމަކަށް ވެދާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.
މަސައްކަތުން ބްރޭކެއް ބޭނުންވާކަމުގެ އަލާމާތްތައް
ހުރިހާ ކަމެއް ބަދަލުވީ، ވަޒީފާ ވެސް ގޭގައި!
މުސާރައަށް ކުރި ހޭދަ 10 ޕަސެންޓް އިތުރުވެއްޖެ
ޑީއެމްޑީގެ މަގާމު ޖެނިފާއަށް އަލުން ދޭން އަމުރުކޮށްފި
"އިހުމާލުން މަރުވެއްޖެ ނަމަ ބޮޑު ބަދަލެއް ދޭން ޖެހޭ"
ފިނިފެންމާ މައްސަލާގައި ޒަމީރު ވަކިކުރުމުން ބަދަލުދެނީ
ހާވާޑް ޔުނިވާސިޓީން އުރީދޫގެ މުވައްޒަފުންނަށް ތަމްރީނު
އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަންޑިވިޝަން ހަދައިފި
ކްރޫޒްލައިނާގެ އޭޖެންޓްކަން ކުރެވޭނީ ދިވެހިންނަށް އެކަނި
މުވައްޒަފުން ޗުއްޓީ ނެގުމުން ދޭ އެލަވަންސް ހުއްޓާލައިފި