Roadha Mihaaru
ނާސިން ކިޔަވާ ކުދިންނަށް ޓްރީޓޮޕުން ސްކޮލާޝިޕް ދެނީ

ވިލާ ކޮލެޖުގައި ނަރުސްކަން ކިޔަވާ ދަރިވަރުންނަށް ޓްރީޓޮޕުން ސްކޮލާޝިޕްގެ ފުރުސަތު

13 ސެޕްޓެމްބަރ 2021

ވިލާ ކޮލެޖުގައި ނަރުސްކަން ކިޔަވާ ދަރިވަރުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ސްކޮލާޝިޕްގެ ފުރުސަތެއް ހުޅުވައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ވިލާ ކޮލެޖުގައި ނަރުސްކަން ކިޔަވާ ދަރިވަރުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ސްކޮލާޝިޕްގެ ފުރުސަތެއް ހުޅުވައިފި އެވެ.

މި ފުރުސަތުގެ ދަށުން ސްކޮލާޝިޕް ދޭނީ ނާސިންގެ ޑިޕްލޮމާ ކޯހާއި އަންޑަގްރެޖުއެޓް ޑިގްރީ ކޯސް ހަދާ ދަރިވަރުންނަށެވެ. މި ސްކޮލާޝިޕަށް އެދި މި މަހުގެ 23 ވަނަ ދުވަހުގެ ހަވީރު 5:00 ގެ ކުރިން education@treetophospital.com މެދުވެރިކޮށް ފޯމު ހުށަހެޅޭނެ އެވެ.

ސްކޮލާޝިޕަށް އެދި ހުށަހެޅޭނީ އެހެން އެެއްވެސް ސްކޮލަޝިޕެއްގައި ބައިވެރިވެރި ނުވާ ދިވެހި ދަރިވަރުންނަށެވެ. އެގޮތުން، ވިލާ ކޮލެޖުގައި މިހާރު ކިޔަވަމުންދާ އަދި އެ ކޮލެޖަށް އަލަށް ވަންނަ ދަރިވަރުންނަށް ވެސް ޓްރީ ޓޮޕް ހޮސްޕިޓަލުން ސްކޮލަޝިޕް ލިބޭނެ އެވެ.

ސްކޮލާޝިޕަށް އެދި ހުށަހަޅާ ދަރިވަރުން އެޕްލިކޭޝަން ފޯމުގެ އިތުރުން އެޓެސްޓު ކޮށްފައިވާ އައިޑީކާޑު ކޮޕީ އާއި ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓާއި ޕާސްޕޯޓް ސައިޒު ފޮޓޯއަކާއި ޕޮލިސް ރިޕޯޓު އަދި ކޯހަށް ހޮވުނު ކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެ އެވެ.

ޓްރީ ޓޮޕުން ބުނި ގޮތުގައި އެ ހޮސްޕިޓަލުން މި ފުރުސަތު ހުޅުވައިލީ ސިއްހީ ދާއިރާ އިން މަތީ ތައުލީމަށް ކިޔަވަން ބޭނުންވާ މީހުންނަށް ހާއްސަ އިސްކަމެއް ދިނުމަށެވެ. އަދި ނަރުހުންނަކީ ސިއްހީ ދާއިރާގައި މުހިންމު ބައެއް ކަމަށާއި އެ މީހުން ބާރުވެރިކުރުވުމަށް އެ ހޮސްޕިޓަލުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.