Roadha Mihaaru
ސިއްރު ހާމަކުރާތީ އެޕަލްގެ އިސް މުވައްޒަފަކު ވަކިކޮށްފި

ސިއްރު ހާމަކުރާ ކަމަށް ބުނެ އެޕަލްގެ އިސް މުވައްޒަފަކު ވަކިކޮށްފި

13 ސެޕްޓެމްބަރ 2021

އެޕަލްގެ މަސައްކަތުގެ މާހައުލުގައި ހުރި މައްސަލަތަލާ ބެހޭ ގޮތުން ފާޅުގައި ޓްވީޓްކުރައްވަމުން ގެންދެވި އެ ކުންފުނީގެ ސީނިއާ އަންހެން މުވައްޒަފަކު ކުންފުނީގެ ސިއްރު މައުލޫމާތު ހާމަކުރާ ކަމަށް ބުނެ މަގާމުން ވަކިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެޕަލްގެ މަސައްކަތުގެ މާހައުލުގައި ހުރި މައްސަލަތަލާ ބެހޭ ގޮތުން ފާޅުގައި ޓްވީޓްކުރައްވަމުން ގެންދެވި އެ ކުންފުނީގެ ސީނިއާ އަންހެން މުވައްޒަފަކު ކުންފުނީގެ ސިއްރު މައުލޫމާތު ހާމަކުރާ ކަމަށް ބުނެ މަގާމުން ވަކިކޮށްފި އެވެ.

ހުކުރު ދުވަހު މަގާމުން ވަކިކުރީ ސީނިއާ އިންޖިނިއަން ޕްރޮގްރާމް އޮފިސަރުގެ މަގާމުގައި ހުރި އޭޝްލީ ޖިޖޮވްކިކް އެވެ. އެޕަލް އިން ބުނީ އޭނާ މަގާމުން ވަކިކުރީ ކުންފުނީގެ ސިއްރު މައުލޫމާތުތައް ހިފަހެއްޓުމާ ބެހޭ އުސޫލުތަކާ ތަކުރާރުކޮށް ހިލާފުވަމުންދާތީ ކަމަށެވެ.

މަގާމުން ވަކިކުރުމާ އެކު ވެސް އޭޝްލީ ވަނީ އެޕަލް އަށް ފާޑު ކިޔައިފަ އެވެ. އޭނާ ބުނެފައިވާ ގޮތުގައި އެޕަލްގެ ތެރޭގައި ރައްކާތެރި މަސައްކަތުގެ މާހައުލެއް ނެތުމާއި ވެރިންނަށް ތިބޭ މީހުންގެ ފަރާތުން ބުލީ އާއި އެކި ކަހަލަ ފުރައްސާރަތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ. މި ވާހަކަ އޭނާ މިދިޔަ މަހުގެ ތެރޭގައި ކުރި ޓްވީޓްތަކެއްގައި ވެސް ބުނެފައިވެ އެވެ.

އޭޝްލީ މީޑިއާއަކަށް ދިން އިންޓަވިއުއްގައި، އޭނާ އަށް ކުރިމަތިވަމުން ދިޔަ މައްސަލަތަކުގެ ވާހަކަ މިދިޔަ މާޗް މަހުން ފެށިގެން އެޕަލްގެ މެނޭޖްމަންޓާ ހިއްސާކޮށްފައިވާ ކަމަށެވެ. އެކަމަކު އީމެއިލަކުން މަގާމުން ވަކިކުރިކަން އެންގުމާ ހަމައަށް ފާޅުކުރި އެއްވެސް ކަންބޮޑުވުމަކަށް ކުންފުނިން އިޖާބަ ދީފައި ނުވާ ކަމަށް ބުންޏެވެ.

"އެހެންވެ އަހަރެން ހުރީ މިފަދަ ކަމަކާ [ވަޒީފާ އިން ވަކިކުރުން] ކުރިމަތިލާން ޖެހިދާނެ ކަމަށް ތައްޔާރު ވެސް ވެގެން،" އޭޝްލީ ބުންޏެވެ. "އެކަމަކު އެޕަލް އިން އަހަންނާ ދޭތެރޭ ކަންތައް ކުރި ގޮތުން ވަރަށް ބޮޑަށް މާޔޫސްވެއްޖެ."

އޭނާ ބުނި ގޮތުގައި އެޕަލް އަކީ ވަރަށް ލޯބިން މަސައްކަތްކުރި ތަނެކެވެ. އަދި ވަރަށް ކުޑައިރުއްސުރެ މަސައްކަތްކުރަން އެންމެ ބޭނުންވި ތަނުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބި، އެކަމަކު އެތަނުގައި ހުރި ނޭދެވޭ ކަންކަމާ ބެހޭ ގޮތުން ވާހަކަ ދެއްކުމުން މިފަދަ ގޮތެއް ކެރިއަރުގައި ކުރިމަތިލާން ޖެހިދާނެ ކަމަކަށް ކުރިން އުންމީދު ވެސް ނުކުރާކަމަށް އޭޝްލީ ބުންޏެވެ.

އޭނާ މަގާމުން ވަކިކޮށް އެޕަލް އިން ނެރުނު ބަޔާނެއްގައި ބުނި ކުންފުންޏަކީ އަބަދު ވެސް މުވައްޒަފުންނަށް ރައްކާތެރި މަސައްކަތުގެ މާހައުލެއް އޮތް ތަނެއް ކަމަށާއި އެއީ އެންމެ އިސްކަން އެއް ކަންތައް ކަމަށެވެ.

"އޭޝްމީ މަގާމުން ވަކިކުރީ އޭނާއާ ގުޅޭ ގޮތުން ލިބުނު ޝަކުވާތައް ބަލައި، ފިޔަވަޅު އަޅަން ޖެހޭ ކަމަށް ގަބޫލުކުރެވޭތީ." ތަފުސީލަކަށް ނުގޮސް އެޕަލް އިން ބުންޏެވެ.