Roadha Mihaaru
ރޭ-ބެން އާއި ފޭސްބުކްގެ ސްމާޓް އައިނު ނެރެފި

ރޭ-ބެން އާއި ފޭސްބުކްގެ ސްމާޓް އައިނު ނެރެފި

11 ސެޕްޓެމްބަރ 2021

އިޓަލީގެ މަޝްހޫރު އައިނު ކުންފުނި ރޭ-ބެން އާއި ފޭސްބުކް ގުޅިގެން އުފެއްދި ސްމާޓް އައިނު ބުރާސްފަތި ދުވަހު ދައްކާލައި އެ ވިއްކަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިޓަލީގެ މަޝްހޫރު އައިނު ކުންފުނި ރޭ-ބެން އާއި ފޭސްބުކް ގުޅިގެން އުފެއްދި ސްމާޓް އައިނު ބުރާސްފަތި ދުވަހު ދައްކާލައި އެ ވިއްކަން ފަށައިފި އެވެ.

ދެ ލެންސާ ދިމާލުން މަތީގައި ދެ ކެމެރާ އިންނަ މި އައިނަށް ދީފައިވާ ނަމަކީ "ރޭ-ބެން ސްޓޯރީ" އެވެ. އައިނުގެ އަގަކީ 299 ޑޮލަރެވެ. މިއީ އޭގައި އިންނަ ދެ ކެމެރާ އިން ފޮޓޯ އާއި ވީޑިއޯ ރެކޯޑްކޮށް "ފޭސްބުކް ވިއު" ކިޔާ އެޕްގެ އެހީގައި އެޑިޓްކޮށް، އެހެން އެޕްތަކުގައި ޝެއާ ވެސް ކުރެވޭ ގޮތަށް އުދައްދާފައިވާ އައިނެކެވެ.

ފެންނަ ފެނުމަށް އާދައިގެ އަވިއައިނަކާ މާ ބޮޑު ތަފާތެއް ފާހަގަ ނުކުރުނަސް "ރޭ-ބެން ސްޓޯރީޒް" އަކީ ފަހުގެ ޖީލުތަކަށް ވަރަށް ހާއްސަ ބޭނުންތެރި އުފެއްދުމަށްވާނެ އެވެ. ސަބަބަކީ މިހާރު ކެމެރާއާ ނުލައި ހިނދުކޮޅަކަށް ވެސް އުޅުމަކީ ފަސޭހަކަމަކަށް ނުވުމެވެ. އެހެންވެ އަތުގައި އޮންނަ ސްމާޓްފޯނަކުން ފޮޓޯ އާއި ވީޑިއޯ ނެގުމަށް ވުރެ، އަޅައިގެން ހުންނަ އައިނުން މިކަން ކުރެވުމަކީ އަދި މާ ފަސޭހަ ކަމަކަށް ވާނެ އެވެ.

"ރޭ-ބެން ސްޓޯރީޒް" ގައި ފޮޓޯ އާއި ވީޑިއޯ ނަގަން ދެ ގޮތަކަށް ކޮމާންޑްކުރެވިދާނެ އެވެ. އެއް ގޮތަކީ އޭގެ އިންނަ ބަޓަނުގެ އެހީގައި އެކަން ކުރުމެވެ. އަނެއް ގޮތަކީ "ހޭއި ފޭސްބުކް، ޓޭކް އަ ވީޑިއޯ" އޭ ބުނެލުމެވެ.

މާކް ޒަކަބާގްގެ ފޭސްބުކާއި ރޭ ބެން ގުޅިގެން ސްމާޓް އައިނު ނެރޭކަން އިއުލާންކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.