Roadha Mihaaru
ފޭސްބުކްގެ ސްމާޓް އައިނުގައި ފޭސް ރިކޮގްނިޝަން

ފޭސްބުކްގެ ސްމާޓް އައިނުގައި ފޭސް ރިކޮގްނިޝަން

28 ފެބުރުއަރީ 2021

ފޭސްބުކުން ނެރެން މަސައްކަތްކުރަމުން އަންނަ ސްމާޓް އައިނުގައި ފޭސް ރިކޮގްނިޝަން ޓެކްނޮލޮޖީ ހިމަނާނެކަން ކުންފުނީގެ އިސްވެރިޔަކު ކަށަވަރުކޮށް ދެއްވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފޭސްބުކުން ނެރެން މަސައްކަތްކުރަމުން އަންނަ ސްމާޓް އައިނުގައި ފޭސް ރިކޮގްނިޝަން ޓެކްނޮލޮޖީ ހިމަނާނެކަން ކުންފުނީގެ އިސްވެރިޔަކު ކަށަވަރުކޮށް ދެއްވައިފި އެވެ.

މުވައްޒަފުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ފޭސްބުކްގެ އައުގްމެންޓް އެންޑް ވާޗުއަލް ރިއަލިޓީގެ ވައިސް ޕްރެޒިޑެންޓް އެންޑްރޫޒް ބޮޒްވޯތު ވިދާޅުވީ ސްމާޓް އައިނުގައި ފޭސް ރިކޮގްނިޝަން ހިމެނުމާ މެދު މިހާރު ސުވާލެއް ނެތް ކަމަށެވެ. އަދި އެކަމުގެ ރަސްމީ ހުއްދަ ވެސް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

ފޭސް ރިކޮގްނިޝަންވެފައި ވަނީ ބައެއް ގައުމުތަކުގައި އެ ޓެކްނޮލޮޖީއާ ގުޅޭ ގޮތުން އާންމުންގެ މެދުގައި ވަރަށް ބޮޑެތި ކަންވޮޑުވުންތަކެއް ވެސް ހުރި ޓެކްނޮލޮޖީއަކަށެވެ. ސަބަބަކީ އެކަމުގެ ސަބަބުން މީހުންގެ ޕްރައިވަސީ އަށް ހުރަސްއެޅުމެވެ.

ފޭސްބުކްގެ ސްމާޓް އައިނުގައި އެ ފޭސް ރިކޮގްނިޝަން ހިމަނަނީ އެފަދަ މައްސަލަތަކަށް ކިހާ ވަރަށް ރިއާޔަތްކޮށްފައިތޯ ބައްދަލުވުގައި ކުރި ސުވާލެއްގެ ޖަވާބުގައި އެންޑްރޫ ވިދާޅުވީ ކޮންމެ ކަމެއްގައި ވެސް ދެ ފަރާތް އޮންނާނެ ކަމަށެވެ.

"އެހެންވީމަ އޭގެ ފައިދާ އާއިި ފަސޭހަތަކާ އެކު ދެން ދިމާވެދާނެ ނުރަނގަޅު ކަންތައްތަކަށް ވެސް ވަރަށް ބޮޑަށް ބަލާފައިި އަހަރެމެން މިކަން ކުރަނީ،" އޭނާ ވިދާޅުވި އެވެ. "މީގައި މުހިއްމު ދެ ކަންތައް ވެސް ބެލެންސްކުރުން. އެކަން ވޭތޯ އަހަރެމެން މަސައްކަތްކުރާނީ."

އެންޑްރޫ ވިދާޅުވީ ސްމާޓް އައިނުގެ މަސައްކަތް އަދި ވަރަށް ކުރީކޮޅުގެ މަރުހަލާއެއްގަ އެވެ. އެކަމަކު އައިނުގެ މަސައްކަތް ނިމި ފުރިހަމަވެގެން ބާޒާރާ ހަމައަށް އަންނަ އިރު، އެ އެފެއްދުމަކީ ކަސްޓަމަރުންގެ އިތުބާރާއި މަގުބޫލުކަން ލިބޭނެ އެއްޗެއް ކަމަށް ވިދާޅުވި އެވެ.

ފޭސްބުކްގެ ސްމާޓް އައިނު މި އަހަރު ނެރޭނެ ކަމަށް ބެލެވެ އެވެ. އަދި މި އުފެއްދުމުގައި ވޮއިސް ކޮމާންޑް ވެސް އެކުލެވޭނެ އެވެ. އެގޮތުން "ހޭއި ފޭސްބުކް" އެ އިބާރާތާ އެކު މުއާމަލާތްކުރެވޭނެ އެވެ.