Roadha Mihaaru
މޯލްޑިވިއަންގެ ދަތުރުތައް އިރުކޮޅަކަށް ހުއްޓިދާނެ!

މޯލްޑިވިއަންގެ ދަތުރުތައް އިރުކޮޅަކަށް ހުއްޓިދާނެ ކަމުގެ ބިރު!

10 ސެޕްޓެމްބަރ 2021

މި ހުރިހާ މައްސަލަގަނޑުގެ ތެރޭގައި އައިލެންޑް އޭވިއޭޝަންގައި ތި ހުންނަނީ ކީއްވެގެންތޯ، ވަރަށް ސީނިއާ ޕައިލެޓަކާ ސުވާލު ކުރުމުން އޭނާ ޖަވާބު ދިނެވެ؛

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

މި ހުރިހާ މައްސަލަގަނޑުގެ ތެރޭގައި އައިލެންޑް އޭވިއޭޝަންގައި ތި ހުންނަނީ ކީއްވެގެންތޯ، ވަރަށް ސީނިއާ ޕައިލެޓަކާ ސުވާލު ކުރުމުން އޭނާ ޖަވާބު ދިނެވެ؛

"ގައުމީ އެއާލައިން ވީމަ، އެ އަށް ކުރާ އިހުތިރާމެއްގެ ބޮޑުކަމުން،" އޭނާ ބުންޏެވެ.

އެ ސުވާލަށް ވަރަށް ގިނަ ކެޕްޓަނުންނާއި ކޯ ޕައިލެޓުންގެ ވެސް ޖަވާބަކީ ވެސް އެ އެވެ؛ ވާދަވެރި އެއާލައިންތަކުން ބޮޑެތި އޮފާތައް އަންނައިރު، ގައުމީ އެއާލައިން ވީމަ ހާއްސަ ލޯތްބެއް އެ މީހުންގެ އޮވެ އެވެ. އެކަމަކު، އައިލެންޑް އޭވިއޭޝަންގެ މެނެޖިން ޑިރެކްޓަރު މުހަންމަދު މިހާދު އާ އެކު ރޭ ޑޭޝް 8 ގެ ޕައިލެޓުން ބޭއްވި ބައްދަލުވުމުގައި ކޮންމެ ޕައިލެޓެއްގެ ވެސް ޝަކުވާ އަކީ "އެކަމެއް ގައުމީ އެއާލައިނަކުން ނުދަނެއޭ" އެވެ.

ރޭގެ ބައްދަލުވުން ދިޔައީ ވަރަށް ހޫނުކޮށް

އައިލެންޑް އޭވިއޭޝަންގެ ވީލް ޕައިލެޓުން ނުވަތަ ޑޭޝްގެ ބޯޓުތައް ދުއްވާ ތިރީހަކަށް ޕައިލެޓުން އެދިގެން ރޭ ކުންފުނީގެ އެމްޑީއާ ބައްދަލުކުރި އެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް ޕައިލެޓުން "މިހާރު" އަށް ކިޔައިދިން ގޮތުގައި އެ މީހުންނަށް ދިމާވާ ހުރިހާ މައްސަލައެއްހެން އެމްޑީ އަށް އޮއްސާލި އެވެ.

"އަޅުގަނޑުމެންނަށް ފެނުނީ އެމްޑީ އަށް ވެސް ބައެއް ކަންކަން ނޭނގި އޮތްކަން،" އެއް ޕައިލެޓަކު، ނަން ނުޖަހަން އެދެމުން ބުންޏެވެ.

ގައުމީ އެއާލައިނަށް ވެފައި، ކުރާ އިހުތިރާމެއްގެ ބޮޑު ކަމާއި ދުއްވާ އެއާކްރާފްޓް ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން ވަޒީފާގައި މި ހުންނަނީ. އެކަމަކު އެއާލައިނަކުން އެކަމެއް ނުދަނޭ.

މޯލްޑިވިއަންގެ ކެޕްޓަނަކު ބުނި ގޮތުގައި އެ މީހުންނަށް ދިމާވާ މައްސަލަތައް ވަރަށް ގިނަ އެވެ. ވަރަށް ކުރުކޮށް އޭނާ ބުނީ، "ވަޒީފާ އަދާ މިކުރަނީ މައްސަލަގަނޑެއްގެ ތެރޭގައި" ކަމަށެވެ.

"ގައުމީ އެއާލައިނަށް ވެފައި، ކުރާ އިހުތިރާމެއްގެ ބޮޑު ކަމާއި ދުއްވާ އެއާކްރާފްޓް ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން ވަޒީފާގައި މި ހުންނަނީ. އެކަމަކު އެއާލައިނަކުން އެކަމެއް ނުދަނޭ،" އޭނާ ކިޔައިދިނެވެ.

މޯލްޑިވިއަންގެ ސީ ޕްލޭނެއް. -- ފޮޓޯ: މިހާރު

މޯލްޑިވިއަންގެ ސީ ޕްލޭނެއް. -- ފޮޓޯ: މިހާރު

"މައްސަލަތައް އެބަހުރި ބައިވަރު. އެކަންކަން ހައްލުކުރާކަށް މެނޭޖްމަންޓަކުން އަޅައެއް ނުލާ. މުޅި ގައުމު ބަލިމަޑުކަމެއްގެ ތެރޭގައި އޮއްވާ ވެސް އަޅުގަނޑުމެން ނުކުމެ ކުރި މަސައްކަތުގެ އަގު ސަރުކާރަކުން ވަޒަނެއް ނުކުރި. އަޅުގަނޑުމެން ވާނެ މި ކޮވިޑްގެ ތެރޭގައި ވެސް ފްރޮންޓްލައިން އެލަވަންސް ނުލިބޭ ހަމައެކަނި މީހުންނަށް."

އެ ހުރިހާ ވާހަކަތައް ރޭ ޕައިލެޓުން ވަރަށް ހޫނުކޮށް އެމްޑީ އަށް ކިޔައިދިނުމުން ވެސް އެމްޑީ އަށް ދެއްވޭނެ މާ ބޮޑު ޖަވާބެއް ނެތް ކަމަށް ޕައިލެޓުން ބުންޏެވެ. އެހެންވެ، ޕައިލެޓުން މިހާރު ނިންމައިގެން ތިބީ އާދިއްތަ ދުވަހު ވަޒީފާ އަށް ނުނުކުންނަ ގޮތަށެވެ. މިހާތަނަށް އައިއިރު، މައްސަލައިގެ ހައްލެއް ނުފެނެ އެވެ.

"މިއީ ހައްލަކަށް އަންނަން ޖެހޭ ވަރުގެ ކަމެއް ކަމަށް ހުރިހާ ޕައިލެޓުން ވެސް ގަބޫލު ކުރޭ،" އެއް ކެޕްޓަނަކު ބުންޏެވެ.

"އެމްޑީ ކަމާ ހަވާލުވެ ވަޑައިގެން ފެބްރުއަރީ މަހުގެ ތެރޭގައި އަޅުގަނޑުމެންނާ އެމްޑީ ބައްދަލު ކުރެއްވި. އޭރު ވެސް މި ކުރީ ހަމަ ރޭ ކުރި ޝަކުވާތައް. ހަތް މަސް ދުވަސްވީ، އެއިން އެއްވެސް ކަމަކަށް ހައްލެއް ނުލިބޭ. މައްސަލަ ހައްލު ނުވިއްޔާ ޕައިލެޓުން ތިބީ އާދިއްތަ ދުވަހު ވަޒީފާ އަށް ނުކުންނަ ގޮތަށް."

މުސާރަ އިއާދަނުކުރެވޭ ވަރުގެ ކުންފުންޏެއް ނޫން

ބައެއް ޕައިލެޓުން ބުނާ ގޮތުން އައިލެންޑް އޭވިއޭޝަނަކީ ބަނގުރޫޓުވެފައި އޮންނަން ޖެހޭ ވަރުގެ ކުންފުންޏެއް ނޫނެވެ. އަދި މޯލްޑިވިއަންގެ ވިޔަފާރި ގުޅިފައި އޮތީ ވައިގެ މަގުން ކުރާ ދަތުރުތަކަށް ބިނާވެފައި ކަމަށް ވާއިރު، އެ ދަތުރުތަކުން ލިބޭނެ ކަމަށް ލަފާކުރެވޭ އާމްދަނީ ވެސް ޕައިލެޓުން ތިބެނީ ހިސާބުކޮށްގެންނެވެ.

"މި ވޭތުވެދިޔަ ތިން މަހު ވެސް އަޅުގަނޑުމެން މި ދަތުރުކުރީ 2019 ގައި އެންމެ ޕީކްގައި ދަތުރުކުރި ވަރަށް. އެކަމަކު މުސާރަ މި ހުރީ ކުރިން ދިން ވަރަށް ވުރެ 40 ޕަސެންޓް ދަށްކޮށް،" ކެޕްޓަނަކު ބުންޏެވެ.

މޯލްޑިވިއަން އިން ސީޕްލޭނަކުން ޓޫރިސްޓުން ފައިބަނީ  .-- ފައިލް ފޮޓޯ: މިހާރު

މޯލްޑިވިއަން އިން ސީޕްލޭނަކުން ޓޫރިސްޓުން ފައިބަނީ .-- ފައިލް ފޮޓޯ: މިހާރު

"އަޅުގަނޑުމެންގެ މައްސަލަތައް ހަގީގަތުގައި އޮތީ އެމްޑީއަކާ ނޫން. ސަރުކާރާ. އައިލެންޑް އޭވިއޭޝަންގެ މުސާރަތަކަށް މަހަކު 17 މިލިއަން ރުފިޔާ ހޭދަކުރާ ކަމަށް ވަނީ. އެކަމަކު އެންމެ ބުރަ މަސައްކަތެއް ކުރާ ޕައިލެޓުންނަށް މި ލިބޭ އެއްޗެއް ޑިޒާވެއް ނޫން. ކޮވިޑާ ގުޅިގެން މިދިޔަ އެޕްރީލް މަހާ ހަމައަށް ދިނީ މުސާރައިގެ އެންމެ 40 ޕަސެންޓް. އޭގެ ފަހުން އެޕްރީލްގައި އެ އަދަދު ޖެއްސީ 60 ޕަސެންޓަށް."

ޑޭޝްގެ ބޯޓުތަކުގެ ޕައިލެޓުންގެ މައްސަލަތައް އެހެން ހުރި އިރު، ވަކި މެނޭޖްމަންޓެއްގެ ދަށުން ހިންގާ ސީޕްލޭން ޕައިލެޓުންގެ ތެރޭގައި ވެސް އޮތީ ހަމަ އެ ޝަކުވާތަކެވެ. އޭގެ ތެރެއިން ސީނިއާ ޕައިލެޓަކު ބުނި ގޮތުގައި މޯލްޑިވިއަނުން ހަ ކޮންޓްރެކްޓަށް ޓޫރިސްޓުން އުފުލާއިރު މިހާރު ވެސް ދުވާލަކު 200 ވަރަަކަށް ޓޫރިސްޓުން ކޮންމެ ދުވަހަކު އުފުލަ އެވެ. އަދި އެއީ އޭނާ ސިފަކުރާ ގޮތުގައި އެންމެ ޕީކެވެ.

"މިއީ ކުރާ މަސައްކަތާ އަޅާ ބަލާއިރު ފައިދާ ނުވާނެ ކުންފުންޏެއް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. ކޮވިޑާ ގުޅިގެން ކޮންމެވެސް ވަރަކަށް ދަށަށް ދިޔަޔަސް ހުޅުވާލުމާ އެކު މިހާރު މިއޮތީ ހަމަ ބިޒީކޮށް،" އޭނާ ކިޔައިދިނެވެ.

މިއީ ކުރާ މަސައްކަތާ އަޅާ ބަލާއިރު ފައިދާ ނުވާނެ ކުންފުންޏެއް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. ކޮވިޑާ ގުޅިގެން ކޮންމެވެސް ވަރަކަށް ދަށަށް ދިޔަޔަސް ހުޅުވާލުމާ އެކު މިހާރު މިއޮތީ ހަމަ ބިޒީކޮށް.

މައްސަލަތަކުގެ ތެރޭގައި ސީޕްލޭންގެ ހަތް ޕައިލެޓަކު މިހާރު ވެސް ވަނީ ވަޒީފާ އިން ވަކިވެ އެހެން އެއާލައިންތަކަށް ބަދަލުވެފަ އެވެ. މި މައްސަލަ އެނގިފައިވާ ގޮތުގައި މިހާރު ވަނީ ރައީސާ ހަމައަށް ވެސް ޕައިލެޓުން ގެންގޮސްފަ އެވެ.

ޕައިލެޓުންގެ ޝަކުވާތަކަށް ހައްލު އަންނާނެ: އެމްޑީ

ބައެއް ޕައިލެޓުން ބުނާ ގޮތުގައި ކުންފުނީގެ އެމްޑީ ވަޒީފާއާ ހަވާލުވެ ވަޑައިގަތް އިރު އޭނާ އަށް ޖެހިވަޑައިގެންފައި ވަނީ "ބަލި ދަރިޔަކު ބަލާ"ށެވެ. ކުންފުނި އޮތީ ވަރަށް ހާލުގައި ކަމަށް ބައެއް ޕައިލެޓުން ގަބޫލު ކުރެ އެވެ.

މިހާދު: މައްސަލަ ހުރި ކަމަށް ގަބޫލުކުރައްވާ -- ފައިްލ ފޮޓޯ: މިހާރު

މިހާދު: މައްސަލަ ހުރި ކަމަށް ގަބޫލުކުރައްވާ -- ފައިްލ ފޮޓޯ: މިހާރު

މިހާދު މަގާމާ ހަވާލުވެވަޑައިގަތްތާ އަދިވީ ހައެއްކަ މަހެވެ. ރޭ ޕައިލެޓުންގެ ޝަކުވާތައް އެއްސެވުމަށް ފަހު އޭނާ "މިހާރު" އަށް ވިދާޅުވި ގޮތުގައި ޕައިލެޓުންގެ ޝަކުވާތައް ވަރަށް ގިނަ އެވެ.

"އެ ޝަކުވާތަކަށް ހެޔޮ ބަދަލެއް ގެންނާނެ ވާހަކަ އެ މީހުން ގާތު އަޅުގަނޑު ބުނިން،" އޭނާ ވިދާޅުވި އެވެ.

"ސަތޭކަ ޕަސެންޓް ބޮޑު ކުރެވޭނެ މުއްދަތެއް ވެސް މި ހަފުތާގައި ބައްދަލުކޮށްފައި ބުނާނެ ވާހަކަ ވެސް ބުނެފައި އޮންނާނީ ރޭ. އޮކްޓޫބަރު މަހުން ފެށިގެން ހެޔޮ ބަދަލެއް އަންނާނެ މުސާރަތަކަށް."

އޭނާ ވިދާޅުވި ގޮތުގައި ކުރީގެ މުސާރަތަކަށް ވަގުތުން ވަގުތަށް ބަދަލު ކޮށްދިނުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ.

"ވަގުތު ކޮޅެއް ނަގާނެ އެކަމަށް. އެހެން ނަމަވެސް އޮކްޓޯބަރުން ފެށިގެން ވަރަށް ރަނގަޅު ހެޔޮ ބަދަލެއް އަންނާނެ. އޭގެ ތަފުސީލުތައް މި ހަފުތާގައި އެ ކުދިންނާ ބައްދަލު ކޮށްފައި އަޅުގަނޑު ދޭނަން."

ވަގުތު ކޮޅެއް ނަގާނެ އެކަމަށް. އެހެން ނަމަވެސް އޮކްޓޯބަރުން ފެށިގެން ވަރަށް ރަނގަޅު ހެޔޮ ބަދަލެއް އަންނާނެ. އޭގެ ތަފުސީލުތައް މި ހަފުތާގައި އެ ކުދިންނާ ބައްދަލު ކޮށްފައި އަޅުގަނޑު ދޭނަން.

ޕައިލެޓުންގެ މުސާރަ ރަނގަޅު ނުުކުރެވި ލަސްވީ ކޮވިޑްގެ ދަތިކަމާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވި ގޮތުގައި "މިދިޔަ ދުވަސްތަކުގައި ބައެއް ކަންކަން ދިޔައީ ވަރަށް އުނދަގޫކޮށެ"ވެ.

"އެނގިވަޑައިގަންނަވާނެ ދުނިޔޭގެ ބައެއް ގައުމުތަކުގައި އެއާލައިންތައް ވަނީ ބަނގުރޫޓު ވެސް ވެފައި. އެއީ އަދި ސަރުކާރުން ބެކް ކުރާއިރު ވާ ވަރު. އަޅުގަނޑުމެންގެ ކުންފުނިން ކުރިއަށް މިދަނީ ސަރުކާރުން ވަރަށް ބޮޑު އެހީތެރިަކަމެއް ދީގެން. އިރާދަކުރެއްވިއްޔާ އެ ހިސާބަށް ނުގޮސް މި ހިފަހައްޓާލެވުނީ ވަރަށް ބުރަ މަސައްކަތުން،" އޭނާ ވިދާޅުވި އެވެ.

ޕައިލެޓުންގެ މައްސަލަތައް އޭނާ ހަމައަށް ކުރިން ވެސް ހުރީ އައިސްފައި ކަމަށް މިހާދު ވިދާޅުވި އެވެ.

"އަޅުގަނޑާ ހަމައަށް ވެސް ބައެއް ޕައިލެޓުންގެ ކަންބޮޑުވުންތައް އައިސްފައި ހުރީ. އެ ކަންކަން ރަނގަޅު ކޮށްދޭން އައީ މަސައްކަތް ކުރަމުން. އެކަމަކު ބައެއް ކަންކަމަކީ ތާޑް ޕާޓީ ބޭފުޅުންނާ ގުޅިގެން ރަނގަޅު ކުރަން ޖެހޭ ކަންކަން. އެހެންވީމާ ހުންނާނެ ބައެއް ކަންކަން އެންމެ ރަނގަޅަށް ވެސް ނުކުރެވި،" އޭނާ ވިދާޅުވި އެވެ.

ކޮވިޑް 19 ގެ ތެރޭގައި އިންޑިއާގައި ތިބި ދިވެހިން ގެނައުމުގައި މޯލްޑިވިއަންގެ ބޯޓެއް ހަރަކާތްތެރިވަނީ .---ފޮޓޯ: މޯލްޑިވިއަން

ކޮވިޑް 19 ގެ ތެރޭގައި އިންޑިއާގައި ތިބި ދިވެހިން ގެނައުމުގައި މޯލްޑިވިއަންގެ ބޯޓެއް ހަރަކާތްތެރިވަނީ .---ފޮޓޯ: މޯލްޑިވިއަން

އެކަމަކު ބައެއް ޕައިލެޓުން ބުނާ ގޮތުން އެހެން އެއާލައިންތަކުން ހަމަ މުސާރަތަކަށް ބަދަލުކޮށް، ބައެއް އެއާލައިންތަކުން ކުޑަކުރި މުސާރަތަކާ ދާދިއެއްވަރުގެ މުސާރައެއް ދެމުން އަންނަ އިރު، ގައުމީ އެއާލައިނަށް އެކަން ނުވާން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އަދި، މުސާރަ އެއްފަރާތުގައި ބާއްވާފައި ދެން ހުރި އުނދަގޫތައް ހައްލުކޮށްދޭން މަސައްކަތް ކުރާ ނަމަ ވެސް ތަންކޮޅެއް ބޮޑު ހިތްހަމަޖެހުމެއް ލިބުނީސް ކަމަށް ޕައިލެޓުން ބުނެ އެވެ.

"މުސާރަ އެކަންޏެއް ނޫން މައްސަލައަކީ. މަސައްކަތު މާހައުލުގައި ވެސް ވަރަށް ބޮޑެތި އުނދަގޫތައް އެބަހުރި. އެއިން ކަމެއް ވެސް ހައްލެއް ނުލިބޭ."