Roadha Mihaaru
ޕައިލެޓުންގެ މުސާރަ އިއާދަކުރިކަން އަންގައިފި

ޕައިލެޓުންގެ މުސާރަ އިއާދަކުރިކަން އަންގައިފި

23 ސެޕްޓެމްބަރ 2021

ކޮވިޑާ ގުޅިގެން މޯލްޑިވިއަންގެ ޕައިލެޓުންގެ މުސާރައިން އުނިކުރި ބައިގެ 80 ޕަސެންޓް އަންނަ މަހުން ފެށިގެން ރުޖޫއަކުރާނެ ކަން މޯލްޑިވިއަންގެ މެނޭޖްމެންޓުން ޕައިލެޓުންނަށް އަންގައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑާ ގުޅިގެން މޯލްޑިވިއަންގެ ޕައިލެޓުންގެ މުސާރައިން އުނިކުރި ބައިގެ 80 ޕަސެންޓް އަންނަ މަހުން ފެށިގެން ރުޖޫއަކުރާނެ ކަން މޯލްޑިވިއަންގެ މެނޭޖްމެންޓުން ޕައިލެޓުންނަށް އަންގައިފި އެވެ.

ޕައިލެޓުންނަށް ފޮނުވާފައިވާ ލިޔުމުގައި ވަނީ އުނިކުރި މުސާރައަށް އަންނަ މަހުން ފެށިގެން ބައެއް އިތުރުކޮށްފައިވާ ކަމަށެވެ. އުނިކުރި މުސާރަ އަށް މިދިޔަ އޭޕްރީމަހު ވެސް ބައެއް އިތުރުކޮށްފައިވެ އެވެ. އައިލެންޑް އޭވިއޭޝަނުން ވަނީ ކުރިން ދެމުން އައި ފުލް މުސާރަ އަންނަ ޖެނުއަރީން ފެށިގެން ދޭން ނިންމައިފަ އެވެ.

މިހާރު ލިބެމުން އަންނަ މުސާރަ އާއި މެނޭޖްމަންޓާ ދޭތެރޭ ހިތްހަމަނުޖެހިގެން މޯލްޑިވިއަންގެ ޕައިލެޓުން ވަނީ މި މަހުގެ ކުރީކޮޅު ހިތްހަމަނުޖެހުން ފާޅުކޮށް ރައީސާ ހަމައަށް ވެސް މައްސަލަ ގެންގޮސްފަ އެވެ. އެ މައްސަލަ ބޮޑުވެގެން ގޮސް، ޕައިލެޓުން ވަނީ އިހުތިޖާޖަކާ ހަމައަށް ވެސް ގޮސްފަ އެވެ.

ކޮވިޑްގެ ހާލަތުގައި އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިވީ އެއާލައިން އިންޑަސްޓްރީއަށެވެ. ދުނިޔޭގެ އެއާލައިން އިންޑަސްޓްރީ އަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ގާތްގަނޑަކަށް 200 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން އިން ބުނެފައިވެ އެވެ. އެ އެސޯސިއޭޝަނުން 290 އެއާލައިން ރިޕްރެޒެންޓް ކުރާ އިރު އެއާލައިންތަކުގެ ގާތްގަނޑަކަށް 113 ބިލިއަން ޑޮލަރުގެ އާމްދަނީ މަދުވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.