Roadha Mihaaru
ޒައްފާން: ރާއްޖޭގެ އެންމެ ޒުވާން ކެޕްޓަން

ޒައްފާން: ރާއްޖޭގެ އެންމެ ޒުވާން ކެޕްޓަން

08 މެއި 2019

ރާއްޖޭގައި މި ވަގުތު ހުރި އެންމެ ޒުވާން ކެޕްޓަން، ގައުމީ އެއާލައިންގައި މަސައްކަތްކުރާ މުހައްމަދު ޒައްފާންގެ ކެޕްޓަން ކަމުގައި ފުރަތަމަ ދަތުރު އިއްޔެ ނިންމާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި މި ވަގުތު ހުރި އެންމެ ޒުވާން ކެޕްޓަން، ގައުމީ އެއާލައިންގައި މަސައްކަތްކުރާ މުހައްމަދު ޒައްފާންގެ ކެޕްޓަން ކަމުގައި ފުރަތަމަ ދަތުރު އިއްޔެ ނިންމާލައިފި އެވެ.

އެމެރިކާ އިން ޕައިލެޓް ޓްރެއިނިން ހެދުމަށްފަހު ޒައްފާން، 24، ފަސްޓް އޮފިސަރުގެ ގޮތުގައި މޯލްޑިވިއަންއާ ގުޅުނީ 2015 ވަނަ އަހަރުގެ ފަހުކޮޅެވެ. އުދުހެން ފަށާފައި ވަނީ ޖެހިގެން އައި އަހަރުގެ ފެބްރުއަރީ މަހު އެވެ. ނަމަވެސް އުދުހެން ފެށިތާ ތިން އަހަރުގެ ތެރޭގައި އޭނާ މި ވަނީ ކެޕްޓަނަކަށް ވެފަ އެވެ.

ކެޕްޓަންގެ ގޮތުގައި ޒައްފާން ފުރަތަމަ ދަތުރު ކުރީ ކާޑެއްދޫ އާއި ގަމާއި ހަނިމާދޫއަށެވެ. ފަސް ގަޑިއިރުގެ އެ އެ ދަތުރުގައި ތަފާތު އިހުސާސްތަކެއް ކުރެވުނު ކަމަށް "މިހާރު"އާ ވާހަކަދައްކަމުން އޭނާ ބުންޏެވެ.

"ވަރަށް ގިނަ ދުވަހުގެ މަސައްކަތުގެ ނަތީޖާއޭ ހިތަށް އެރި. ވަރަށް އުފާވެރި އިހުސާސެއް ކުރެވުނު،" ފުވައްމުލަކަށް އުފަން ޒުވާނާ ބުންޏެވެ.

ކެޕްޓަނަކަށް ވުމުގެ އެންމެ ފުރަތަމަ ޝަރުތަކީ އުދުހުމުގައި 2500 ގަޑިއިރު ހަމަކުރުމެވެ. އެއަށްފަހު ޓެސްޓުތަކަކާއި ޓްރެއިނިންތަކެއް ވެސް ހަދާނެ އެވެ. ޒައްފާން ކެޕްޓަނަކަށް ވުމަށް މިދިޔަ ނޮވެމްބަރު މަހު މެޑްރިޑުގައި ދެ ހަފުތާގެ ޓްރެއިނިންނެއް ހަދާފައި ވެ އެވެ. ކެޕްޓަންގެ ލައިސަންސް ސިވިލް އޭވިއޭޝަނުން ދޭނީ އޭގެ ފަހުންނެވެ.

މުހައްމަދު ޒައްފާނު (ކ.2)، ކެޕްޓަންގެ ގޮތުގައި ކުރި އޭނާގެ ފުރަތަމަ ދަތުރަށްފަހު ނެގި ފޮޓޯއެއް

މުހައްމަދު ޒައްފާނު (ކ.2)، ކެޕްޓަންގެ ގޮތުގައި ކުރި އޭނާގެ ފުރަތަމަ ދަތުރަށްފަހު ނެގި ފޮޓޯއެއް

އުފަން ރަށުން އޭލެވެލްއާ ހަމައަށް ކިޔެވުމަށްފަހު ކުޑަ ދުވަސްކޮޅެއް ވަންދެން ފްލައިމީގައި ވެސް ގްރައުންޑް ސްޓާފެއްގެ ގޮތުގައި މަސައްކަތްކުރި އެވެ. ޕައިލެޓަކަށް ވުމުގެ ޝައުގުވެރިކަން އުފެދުނީ އެ ހިސާބުން ކަމަށް، ފަސް މީހުން ހިމެނޭ އާއިލާގެ އެންމެ ދޮށީ މެމްބަރު ބުންޏެވެ.

ފްލައިޓާ ގުޅޭ ހުރިހާ ޒިންމާއެއް ނަގައި ގޮތް ނިންމުމުގެ ބާރު އޮންނާނީ ކެޕްޓަނަށެވެ. ކިތަންމެ ބޮޑު ޒިންމާއަކަށް ވިއަސް ޒައްފާން ހުރީ އުދުހުމުގައި ކުރިއަށް ދާށެވެ.