08 ސެޕްޓެމްބަރ 2021
ފަޔާ އެންޑް ރެސްކިއު ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ އަދި އެ މަސައްކަތުގައި ރާއްޖޭގެ އެންމެ ކުޅަދާނަ އެއް ބޭފުޅާ، ކުރީގެ ބާސްކެޓް ތަރި އަހުމަދު ފަޔާޒު (ފަޔަރު ފަޔާ) މިރޭ ނިއާވެއްޖެ އެވެ.
ފަޔާ އެންޑް ރެސްކިއު ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ އަދި އެ މަސައްކަތުގައި ރާއްޖޭގެ އެންމެ ކުޅަދާނަ އެއް ބޭފުޅާ، ކުރީގެ ބާސްކެޓް ތަރި އަހުމަދު ފަޔާޒު (ފަޔަރު ފަޔާ) މިރޭ ނިއާވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި އުމުރުން 49 އަހަރުގެ ފަޔާ ނިއާވީ ހއ. ހޯރަފުށީ އެއާޕޯޓުގައި އިންސްޕެކްޝަން މަސައްކަތެއް ކުރެއްވުމަށް އެ ރަށުގައި އުޅުއްވަނިކޮށް ކުއްލި ގޮތަކަށެވެ. މިއަދު ހެނދުނު އޭނާ މެއަށް ތަދުވާ ކަމަށް ބައެއް މީހުން ކައިރީގައި ވިދާޅުވެފައިވާ ކަމަށް ވެ އެވެ.
ފަޔާއަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގައި 31 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ވަރަށް ހިދުމަތްތެރި ބޭފުޅެކެވެ. އެއާޕޯޓްގެ ފަޔާ ފައިޓިން އަށް އައި ކުރިއެރުންތަކުގައި އޭނާގެ ހިއްސާ ވަރަށް ބޮޑެވެ. އަދި މީހުން ތަމްރީނު ކުރުމާއި ރާއްޖޭގައި، ހާއްސަކޮށް މާލޭގައި ހިނގާފައިވާ އަލިފާނުގެ ބޮޑެތި "ހުޅުތައް" ނިއްވާލުމުގައި ފަޔާގެ ދައުރު ވަރަށް ބޮޑެވެ. އޭނާ އަކީ އެފަދަ ގިނަ ހާދިސާތައް ކޮންޓްރޯލް ކުރުމުގައި ކޮމާންްޑް ކުރެއްވި އެއް ބޭފުޅާ އެވެ.
ފަޔާޒް (ކ) އެމްއޭސީއެލްގެ ކުރީގެ އެމްޑީ އާދިލް މޫސާ އާ އެކު
އެމްއޭސީއެލްގައި އުޅުއްވުމަށް ފަހު އޭނާ ރިޓަޔާ ކުރެއްވީ މި އަހަރު އެވެ. އޭނާ ދެން ގުޅިވަޑައިގަތީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއާ އެވެ. އެ ކުންފުނީގެ ހުރިހާ އެއާޕޯޓެއްގެ ފަޔާ އެންޑް ރެސްކިޔުގެ ހެޑަކީ އޭނާ އެވެ.
"ރީޖަނަލް އެއާޕޯޓްތަކުގެ ފަޔާ/ ރެސްކިއު މި އޮތީ ވަރަށް ހާލުގައި. އެކަންކަން ރަނގަޅު ކުރައްވަން އޭނާ ވަރަށް މަސައްކަތް އެބަކުރައްވާ،" ފަޔާގެ ގާތް ބޭފުޅަކު ވިދާޅުވި އެވެ.
"ހޯރަފުށީގައި ވެސް އެ ހުންނެވީ އެ މަސައްކަތުގައި."
ފަޔާ (ވ) އެއާޕޯޓުގައި އޮތް ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ.
ފަޔަރު ފަޔާގެ ނަމުން މަޝްހޫރު ފަޔާ އަކީ، އޭނާގެ އެކުވެރިން ސިފަކުރާ ގޮތުގައި ވަރަށް ހިދުމަތްތެރި ބޭފުޅެކެވެ. އޭނާއަކީ ވަޒީފާ އަށް ކަމޭ ހިއްތަވާ، އަދި މުވައްޒަފުންނަށް ވަރަށް ހެޔޮ ބޭފުޅެއް ކަމަށް، އޭނާ އާ އެކު މަސައްކަތް ކުރާ ބައެއް މުވައްޒަފުން ބުނެ އެވެ. އަދި ފަޔާ އަކީ، ރާއްޖޭގައި މި ވަގުތު ތިބި ފަޔާ ފައިޓަރުންގެ ތެރޭގައި ހުރި އެންމެ ގާބިލު ބޭފުޅާ ކަމަށް ވެސް ފަޔާ ފައިޓަރުން ގަބޫލުކުރެ އެވެ.
"ޖަޕާން، ސިންގަޕޯ ކަހަލަ ގައުމުތަކުން ތަމްރީނު ހޯއްދަވާފައި ހުރި ބޭފުޅެއް އެއީ. މި އޭޝިޔާ ސަރަހައްދުގައި ވެސް ވަރަށް މަދުވާނެ އެ ކަހަލަ ބޭފުޅުން،" ފަޔާ ފައިޓިންގެ ތަޖުރިބާކާރު، އަދި ފަޔާއާ ވަރަށް ގާތް ގުޅުމެއް އޮތް ކާޝިފް ނަސީރު ވިދާޅުވި އެވެ.
ފަޔާ (ރަތް ޓައީއެއް އަޅުއްވައިގެން) އެމްއޭސީއެލްގެ ފަޔާ ފައިޓިންގެ ބައެއް މުވައްޒަފުންނާ އެކު
އޭނާ ވިދާޅުވި ގޮތުގައި ފަޔާ އަކީ، ވިޝަންއެއް އޮވެގެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި އެމްއޭސީއެލްގައި އޮތް ފަޔާ ފައިޓިން ޒަމާނީކުރުމުގައި ފަޔާގެ ހިއްސާ ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.
"ކަންކަން ސިސްޓަމަކަށް ފައްތައި، މުވައްޒަފުން މޯޓިވޭޓް ކުރުމުގައި ވަރަށް ފުރިހަމަ ނަމޫނާއެއް އެއީ،" ކާޝިފް ވިދާޅުވި އެވެ.
ސެޕްޓެމްބަރު 20، 2019 ވަނަ ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާން ކޮންޓްރޯލް ކުރުމުގައި އަމަލީ ގޮތުން މަސައްކަތް ކުރެއްވުމުން، ޑިފެންސް މިނިސްޓަރު މާރިޔާ، ފަޔާ އަށް ހަދާނީ ފިލައެއް ދެއްވަނީ.--- ފައިލް ފޮޓޯ: މިހާރު
"އޭނާ ކަހަލަ ތަޖުރިބާކާރުން ރާއްޖޭގައި ވަރަށް ނުތިބޭނެ. ފަޔާ އަކީ ސިވިލް އޭވިއޭޝަންގައި ވެސް މި މަސައްކަތާ ބެހޭ ގަވައިދުތައް ހަރުދަނާ ކުރުމާއި ގަވައިދުތައް އިސްލާހު ކުރުމުގައި ވަރަށް ގިނަ މަސައްކަތްތައް ކުރެއްވި ބޭފުޅެއް. އޭނާ ނެތުމަކީ މި ދާއިރާ އަށް ލިބުނު ވަރަށް ބޮޑު ލޮސްއެއް."
ބާސްކެޓްގައި "ދިގު ފަޔާ"ގެ ނަމުން މަޝްހޫރުވި ފަޔާޒު ވަނީ 1997 ގައި ގައުމީ ޓީމަށް ކުޅުއްވައިފަ އެވެ. އެ އަހަރު ލަންކާގައި ބޭއްވި ސީރީޒް މެޗުތަކެއްގައި ގައުމީ ޓީމަށް ކުޅުއްވި އެވެ. އޭރު ގައުމީ ޓީމުގެ ވައިސް ކެޕްޓަންކަން ކުރެއްވި، ކުޅިވަރު ގައުމީ މަޖިލީހުގެ މިހާރުގެ ރައީސް އިބްރާހިމް ނާހިދު ވިދާޅުވީ ފަޔާ ކުޅުއްވި ޓީމުތަކުގައި މުޅި ޓީމުގެ އެޓޭކް ޑޮމިނޭޓް ކުރާ ކުޅުންތެރިޔަކީ ފަޔާ ކަމަށެވެ.
"ގައުމީ ޓީމުގައި ވެސް ހަމަ އެހެން. އޭރުގެ ޒުވާން ކުޅުންތެރިން ވަރަށް ފޮލޯ ކުރި ކުޅުންތެރިއެއް. އޭނާ ޓީމުގައި ހުންނަންޏާ ޓީމުގެ މުޅި އޮފެންސް ޑިޕެންޑް ވާނީ އޭނާގެ މައްޗަށް. ބާސްކެޓްގައި މިހާރު ނަމަ ޒިލާ [އަހްމަދު ޒިލާ] މެން އެ ލެވަލްގައި އޭރު އެންމެ މަޝްހޫރު ކުޅުންތެރިޔާ ފަޔާއަކީ،" ނާހިދު ވިދާޅުވި އެވެ.
ފަޔާ (މ) ފަޔާ ފައިޓިންގެ ޓީމާ އެކު ރިވިއުއެއްގައި
"ފަޔާގެ އެންމެ ހާއްސަ ކަމަކީ ވަރަށް ހިތްތިރި ބޭފުޅެއް. އެއްވެސް ފޮނި ކަމެއް ނުހުންނާނެ. ވަރަށް ޑައުންޓް އާތު ޕާސަނަލްޓީއެއް."
ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ) ގެ ރައީސް އަހުމަދު އާދަމް އަކީ އިންޓަ އޮފީސް މުބާރާތުގައި ފަޔާއާއެކު ކުޅުއްވި ބޭފުޅެކެވެ. ފަޔާގެ ކުއްލި ވަކިވުން އާދަމް ސިފަ ކުރެއްވީ ބާސްކެޓްގެ ކޮމިޔުނިޓީއަށާއި ދިވެހި ކުޅިވަރަށް ލިބުނު ހިތާމައެއްގެ ގޮތުގަ އެވެ.
ފަޔާ އަކީ ރާއްޖޭގެ ބާސްކެޓްގައި އުފެދުނު އެންމެ މޮޅު ޝޫޓަރު. އެވަރުގެ މީހަކު އަދިވެސް ނާދޭ އެހާ ކޮމިޓްމެންޓް ބޭފުޅެއް.
"އަޅުގަނޑު ވެސް އޭރު މަސައްކަތް ކުރީ އެއާޕޯޓްގައި. އެހެންވެ އިންޓަ އޮފީސް މުބާރާތުގައި އެއާޕޯޓް ޓީމުގައި ކުޅުމުގެ ފުރުސަތު ލިބުނު. ފަޔާ އަކީ ރާއްޖޭގެ ބާސްކެޓްގައި އުފެދުނު އެންމެ މޮޅު ޝޫޓަރު. އެވަރުގެ މީހަކު އަދިވެސް ނާދޭ، އެހާ ކޮމިޓްމެންޓް ބޭފުޅެއް،" އަހުމަދު އާދަމް ވިދާޅުވި އެވެ.
ބާސްކެޓްބޯލް އެސޯސިއޭޝަންގެ ރައީސްކަން 20 އަހަރު ވަންދެން ކުރެއްވި އަހުމަދު ހާފިޒު ވެސް ފާހަގަ ކުރެއްވީ އެއް ސިފައަކީ އެންމެންނާ މެދު ވެސް ފަޔާ ބާއްވަވާ ގާތް ކަމެވެ.
އޭރު އޭނާ އާއެކު އެއާޕޯޓް ޓީމަށް ކުޅުނު ކުރީގެ އެހެން ކުޅުންތެރިޔަކު ބުނީ ފަޔާ އާއެކު ކުޅެން ޖެހުމުން ގިނަ ޓެކްނިކުތަކެއް ދަސްކުރުމުގެ ފުރުސަތު ލިބުނު ކަމަށެވެ.
އެއާޕޯޓުގައި އޮތް ރަސްމިއްޔާތެއްގައި ފަޔާ ވާހަކަ ދައްކަވަނީ.---ފައިލް ފޮޓޯ: މިހާރު
"އަޅުގަނޑުމެން ކެރިއާ ފެށި ދުވަސްކޮޅު އޭރު ވެސް ވަރަށް ބަލަން ފަޔާ ކުޅޭ ގޮތް. ޕްރެކްޓިހުގައި ކިޔައިދޭނެ. ފަޔާ ކުޅޭ ޓީމެއްގައި އަބަދުވެސް އެންމެ ގިނަ ޕޮއިންޓް ސްކޯ ކުރާނީ ފަޔާ،" ކުރީގެ ކުޅުންތެރިޔާ ބުންޏެވެ.
"އަހަރެންގެ ގޭމް ޑެވްލޮޕްކުރަން ވަރަށް ހެލްޕު ވެފައި ހުރި މީހެއް އެއީ. އޭރުގެ ޔަންގު ޕްލޭޔަރުންނަށް ޕްރެކްޓިސް ތެރޭގައި ވަކިން ގެންގޮސްގެން ވެސް ކިޔައިދޭނެ ޝޫޓިން ރަނގަޅު ކުރާނެ ގޮތާއި މެޗަށް ތައްޔާރުވާނެ ގޮތް. ބުނާނެ ތިމަންނަ ހަދާނީ މިހެންނޭ މިހެން ހެދީމަ ފަސޭހަ ވާނެއޭ. ޝޫޓް ކުރާއިރު ރިންގްގެ މިވެނި ދިމާލަކަށޭ ތިމަންނަ ފޯކަސް ކުރަނީ. އެހެން ކިޔައިދޭނެ."
ކްލަބު ކެރިއާގައި ފަޔާ އެންމެ ގިނަ ކާމިޔާބުތައް ހޯއްދެވީ ކުރީގެ ޔޫތު ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިއާގަ އެވެ. ބާސްކެޓްކުޅުން އޭނާ ހުއްޓާލެއްވީ 2003 ގަ އެވެ.
ހާދިސާތަކަށް ތައްޔާރުވުމަށް ފަޔާފައިޓަރުން ތަމްރީނުކުރަނީ
ވީއައިއޭގައި އާ ފަޔާ ސްޓޭޝަނެއް ހުޅުވައިފި
ވީއައިއޭގެ އަލިފާނުގެ ހާދިސާގައި ފިހުނު މީހާ މަރުވެއްޖެ
އެއާޕޯޓުގެ ފަޔާޓީމުގެ އިތުބާރު ބޮޑުވެއްޖެ: މޫސާ ސޯލިހު
އެމްއޭސީއެލްއިން ފަޔާ ފައިޓަރުން ތަމްރީނުކޮށްފި
ޗައިނާގައި ގޭސް ޓޭންކެއް ގޮވައި 31 މީހުން މަރުވެއްޖެ
އިތުރު މީހަކު މަރުވެފައިވާ ކަމަކަށް ނުބެލެވޭ: ޕޮލިސް
މަރުވި މީހުންގެ ތެރޭގައި އިންޑިއާގެ ހަތް މީހެއް
ރަހުމަތްތެރިޔާ ދިޔައީ ކާން، ކުރިމަތިވީ ފަހު ވަގުތާ
އައިޖީއެމްްއެޗުގައި އޮތް މީހާ ސިފަ ނޭނގޭވަރަށް ފިހިިފައި