Roadha Mihaaru

ރަސްފަންނު މޫދުން ތެލުގެ އަސަރު އަންނަނީ ކެނޑެމުން، ވީހާ އަވަހަށް ހުޅުވާލާނަން: އީޕީއޭ

ރަސްފަންނު މޫދު ސަރަހައްދަށް އެޅުނު ކަޅު ތެލުގެ އަސަރު މިހާރު ކެނޑެމުން އަންނަ ކަމަށާއި، ތެލުގެ އަސަރު އިތުރަށް ނުކުރާ ނަމަ މިއަދު ނުވަތަ މާދަމާ ވެސް އެތަން ހުޅުވާލެވޭނެ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

"ރަސްފަންނު މޫދުން ތެލުގެ އަސަރު އަންނަނީ ކެނޑެމުން"
އާނިފާ ހުސެއިން ސިރާޖް
އާނިފާ ހުސެއިން ސިރާޖް

19 ސެޕްޓެމްބަރ 2021

ރަސްފަންނު މޫދު ސަރަހައްދަށް އެޅުނު ކަޅު ތެލުގެ އަސަރު މިހާރު ކެނޑެމުން އަންނަ ކަމަށާއި، ތެލުގެ އަސަރު އިތުރަށް ނުކުރާ ނަމަ މިއަދު ނުވަތަ މާދަމާ ވެސް އެތަން ހުޅުވާލެވޭނެ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

ކަޅުތެޔޮތަކެއް ރަސްފަންނު މޫދު ސަރަހައްދަށް އޮޔާ ވަދެ އެތަން ތަޣައްޔަރުވީ މައްސަލައެއް ފެންމަތިވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހުގެ ހަވީރުއްސުރެ ރަސްފަންނު ސަރަހައްދަށް ކަޅުތެޔޮގަނޑު ވަންނަމުން ގޮސް މުޅި މޫދު ކަޅުތެލުން ތަޣައްޔަރުވެ، އޮތީ ރާޅުޖަހާ ހިސާބު ވެލިގަނޑު ވެސް ކަޅުވެފަ އެވެ.

އެއާއެކު ފުލުހުން ވަނީ އެބްޒޯބެންޓް ޝީޓް ބޭނުންކޮށްގެން ތެޔޮތައް ނަގައި ސާފުކުރަން ފަށައިފަ އެވެ. ރަސްފަންނުގެ އައިޖީއެމްއެޗް ދިމާލުން އެތަން އަދިވެސް އޮތީ ބަންދުކޮށްފަ އެވެ.

ރަސްފަންނު މޫދު ކަޅުތެލުން ތަޣައްޔަރުވެފައި. -- ފޮޓޯ: އަހްމަދު އަވްޝަން/މިހާރު

ރަސްފަންނު މޫދު ކަޅުތެލުން ތަޣައްޔަރުވެފައި. -- ފޮޓޯ: އަހްމަދު އަވްޝަން/މިހާރު

އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވީ މޫދަށް ތެޔޮތައް އެޅީ ކޮން ބައެއްކަން އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ.

"އެގޮތަށް ސީދާ [އެކަން ކުރީ ގަސްތުގަ ކަމެއް] ނޭނގެ ދަންނަވާކަށް. ބޮޑަށް ބެލެވެނީ އެ ސަރަހައްދުގައި އޮތް ފީފާ ގަނޑެއްގައި ހުރި ތެޔޮ ލީކުވީ ކަމަށް. އިންޖީނުގައި ބޭނުންކޮށްފައި ހުންނަ ކަޅުތެޔޮތަކެއް އެއީ،" ނައީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ސަރަހައްދުގެ މޫދު ގަވާއިދުން މޮނިޓާ ކުރަމުން އަންނަ ކަމަށާއި، މިހާރު އޮތް ހާލަތަށް ބަލައި އިތުރަށް ތެޔޮ ނުފެންނަ ކަމަށް ވަންޏާ ލަސްވެގެން ދެ ދުވަހެއްގެ ތެރޭގައި ރަސްފަންނު މޫދު އަލުން ބޭނުންކުރަން ފެށޭނެ ކަމަށެވެ.

"މިއަދު [މޫދު] ވަރަށް ރަނގަޅަށް ހުރީ އަޅުގަނޑުމެން ބެލިއިރު. ދެން މިއަދު އަނެއްކާ އިރުއޮއްސޭ އިރު ބަލައިލާނަން. ބަލައިފައި އެންމެން މަޝްވަރާކޮށްފައި ހުޅުވަން ކަމުދާވަރު ވެއްޖިއްޔާ މިއަދު ވެސް ހުޅުވިދާނެ." ނައީމް ވިދާޅުވި އެވެ.

ރަސްފަންނު ސަރަަހައްދަކީ އެކި އުމުރުފުރައިގެ މީހުން މޫދަށް އެރި އުޅުމަަށް އާންމުކޮށް ބޭނުންކުރާ ސަރަހައްދަކަށް ވާއިރު، މީގެ ކުރިން ވެސް ބަޔަކު ގަސްތުގައި އެ ސަރަހައްދަށް ކަޅުތެޔޮ އެޅި މައްސަލައެއް ފެންމަތިވެފައި ވެ އެވެ.