Roadha Mihaaru
ފަރަށް އެރުމުން ފިލި ބާޖު 100 މިލިއަނުން ޖޫރިމަނާ

ފަރަށް އެރުމުން ފިލި ބާޖު 100 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފި

14 ޑިސެމްބަރ 2023

ފުވައްމުލަކުގެ ގިރާ ސަރަހައްދު ހިމާޔަތްކުރަން ބޭނުންވާ ހިލަ ބަރުކޮށްގެން ދަނިކޮށް މިދިޔަ ޖުލައި މަހު ފަރަށް އެރުމުން ފިލި ބާޖު 100 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ފުވައްމުލަކުގެ ގިރާ ސަރަހައްދު ހިމާޔަތްކުރަން ބޭނުންވާ ހިލަ ބަރުކޮށްގެން ދަނިކޮށް މިދިޔަ ޖުލައި މަހު ފަރަށް އެރުމުން ފިލި ބާޖު 100 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑްގެ އެޖެންޓްކަމުގެ ދަށުން ރާއްޖެއަށް ހިލަ ހިފައިގެން އައި "އޮލިމްޕިކް ކަންޑިލޯ" ނަމަކަށް ކިޔާ ބާޖު ފިލީ ފަރަށް ނާރާ ކަމަށް ބުނެ އެވެ. އެކަމަކު ސާވޭއަށް ފަހު އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން (އީޕީއޭ) އިން ނިންމީ އެ ބާޖު ފަރަށް އަރައި ގެއްލުންތައް ލިބުނު ކަމަށެވެ.

ބާޖު ފަރަށް އެރި ކަމަށް ނިންމައި ތަހުގީގުނުކޮށް އުޅެނިކޮށް، ރާއްޖެ އިން ފުރައިގެން ދިޔަ ކަމަށް އީޕީއޭ އިން ތުހުމަތުކޮށް އެ މައްސަލަ ފުލުހަށް ވެސް ހުށަހެޅި އެވެ.

އީޕީއޭ އިން އިއްޔެ ނެރުނު ބަޔާނުގައި ބުނީ އެ ބާޖު އެރީ ފުވައްމުލަކު ދެކުނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ބޭނުމަށް ހަދާފައިވާ ވަގުތީ ޖެޓީއަށް ހިލަ ބޭލުމަށްޓަކައި ޖެޓީއާ ކައިރި ކުރުމުގެ ތެރޭގައި ކަމަށެވެ.

އީޕީއޭގެ ސާވޭ އިން ދެއްކި ގޮތުގައި ބާޖު އެރި ފަރު މައްޗަށް ބޮޑު ހިލަތައް އެޅުނެވެ.

އެ ފަރުގެ 4306އަކަ މީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ. ފަރުމައްޗަށް ފޭބި ހިލަތަކުން ފަރުގެ އެ ސަރަހައްދު ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް ވެސް ސާވޭ އިން ދެއްކި ކަމަށް އީޕީއޭ އިން ބުންޏެވެ.

އީޕޭއޭ އިން ބުނި ގޮތުގައި އެ ބާޖު ފަރަށް އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ކަނޑައެޅި ޖޫރިމަނާ އާއި ބަދަލުގެ އަދަދަކީ 162.7 މިލިއަން ރުފިޔާ އެވެ. ނަމަވެސް ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅޭ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ކަމުން އެ އުޅަނދުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް އީޕީއޭން ބުންޏެވެ.

އީޕީއޭ އިން ބުނީ އެ ބާޖު ފަރަށް އެރުމުން ލިބުނު ގެއްލުމުގެ ބަދަލު، ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް އޭޖީ އޮފީހާ އެކު ފަށާފައިވާ ކަމަށެވެ.