Roadha Mihaaru
ސޯމާލިއާ މީހުން ރާއްޖެ އައި ގޮތް ބަލަން ތަހުގީގެއް

ސޯމާލިއާ މީހުން ރާއްޖެ ސަރަހައްދަށް އައި ގޮތް ބަލަން ތަހުގީގެއް ކުރަނީ

24 ޑިސެމްބަރ 2024

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް ކޯސްޓުގާޑުން އިއްޔެ ހިފެހެއްޓި ސޯމާލިއާގެ ތިން މީހުން ރާއްޖެ އައި ގޮތް ދެނެގަތުމަށް ފުލުހުން ތަހުގީގެއް ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް ކޯސްޓުގާޑުން އިއްޔެ ހިފެހެއްޓި ސޯމާލިއާގެ ތިން މީހުން ރާއްޖެ އައި ގޮތް ދެނެގަތުމަށް ފުލުހުން ތަހުގީގެއް ފަށައިފި އެވެ.

ޑިންގީއެއްގައި ތިއްބައި، ކޯސްޓުގާޑުން އެ މީހުން ހިފެހެއްޓީ ފުވައްމުލަކުގެ ހުޅަނގު އުތުރުން 10 މޭލު ބޭރުންނެވެ.

ފުލުހުން މިއަދު ބުނީ އެމްއެންޑީއެފުގެ ބެލުމުގެ ދަށުގައި ތިބި ސޯމާލިއާގެ އެ ތިން މީހުން މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

"އެ މީހުން ރާއްޖެ ސަރަހައްދަށް އައި ގޮތް ދެނެގަތުމަށް ތަހުގީގުގެ ތެރެއިން ދަނީ މަސައްކަތް ކުރަމުން،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އެ މީހުންނާ ގުޅޭ ގޮތުން ކަމާބެހޭ އިދާރާތަކާ މައުލޫމާތު ހިއްސާކޮށް، ފިޔަވަޅު އަޅަމުން ގެންދާނެ އެވެ.

އެމްއެންޑީއެފުން އިއްޔެ ބުނި ގޮތުގައި، ޝައްކުކުރެވޭ ޑިންގީއެއް ފެނިގެން އެ ސަރަހައްދަށް ކޯސްޓުގާޑުން ގޮސް ބެލިބެލުމުން ސޯމާލިއާގެ މީހުން ބޭނުންކުރާ ވައްތަރުގެ "ސްކިފް" ޑިންގީއެއްގައި ތިބި ތިން މީހުން ފެނުނެވެ.

އިރުވައި މޫސުމާ ދިމާކޮށް ސޯމާލިއާގެ ކަނޑުފޭރޭ މީހުންގެ ނުރައްކާ އިންޑިއާ ކަނޑުގެ އެކި ހިސާބުތަކުގައި ބޮޑުވެ އެވެ. އެކަމަކު، މިއީ އެ ކަހަލަ ކަމެއްގައި އުޅުނު ބައެއް ކަމެއް އަދި ނޭނގެ އެވެ.