Roadha Mihaaru
ދައުލަތުގެ ރިޒާވް 30 ޕަސެންޓު އިތުރުވެއްޖެ

ދައުލަތުގެ ރިޒާވް 30 ޕަސެންޓު އިތުރުވެއްޖެ

03 ސެޕްޓެމްބަރ 2021

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދައުލަތުގެ ރިޒާވް އިތުރު ވެފައިވާ ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދައުލަތުގެ ރިޒާވް އިތުރު ވެފައިވާ ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މަރުކަޒީ ބޭންކުން ނެރުނު ކުއާޓާލީ ބުލެޓިންގައި ވާ ގޮތުން، ދެވަނަ ކުއާޓަރު ނިމުނު އިރު ޖުމުލަ ރިޒާވުގައި 912.4 މިލިއަން ޑޮލަރު އެބަހުއްޓެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 30 ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރު ނިމުނު އިރު ދައުލަތުގެ ރިޒާވްގައި ހުރީ 702.5 މިލިއަން ޑޮލަރެވެ.

އެމްއެމްއޭ އިން ބުނިގޮތުގައި، މިއީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރިޒާވް ހުރި ވަރަށް ވުރެ ވެސް ބޮޑު އަދަދެކެވެ. ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ދެވަނަ ކުއާޓަރުގައި އަށް ޕަސެންޓުގެ ކުރިއެރުމެއް ވަނީ ލިބިފަ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރިޒާވްގައި ހުރީ 844.7 މިލިއަން ޑޮލަރެވެ.

ދައުލަތުގެ ރިޒާވް ކުއްލިއަކަށް އިތުރުވީ ސަރުކާރުން މި އަހަރު ވިއްކި ސުކޫކާއި އިންޑިއާގެ ރިޒާވް ބޭންކުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ ސަބަބުން ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

ގައުމެއްގެ ރިޒާވް އިތުރު ކުރުމަށް އެންމެ ރަނގަޅު ގޮތަކީ ލިބޭ އާމްދަނީން ބައެއް ރައްކާ ކުރުމެވެ. ގައުމަށް ވަންނަ ބޭރު ފައިސާ އަށް ވުރެ ގައުމުން ބޭރުވާ ފައިސާ އިތުރު ވެއްޖެ ނަމަ ރިޒާވް ދާނީ ދަށްވަމުންނެވެ.