Roadha Mihaaru
ދައްޕަރާ މެދު ގޮތް ނިންމާނީ ފިއްލަދޫ ކައުންސިލުން

ދައްޕަރު ތަރައްގީކުރާނީ ރިއަލް އެސްޓޭޓް ޓޫރިޒަމަށް، ގޮތް ނިންމާނީ ކައުންސިލުން: ސަރުކާރު

01 ސެޕްޓެމްބަރ 2021

ހއ. ފިއްލަދޫއާ ގުޅިފައި އޮތް ދައްޕަރު ތަރައްގީކުރަން ގަސްދުކުރަނީ ރިއަލް އެސްޓޭޓް ޓޫރިޒަމަށް ކަމަށާާއި އެހެން ނަމަވެސް އެ ރަށާއި މެދު ގޮތް ނިންމާނީ ފިއްލަދޫ ކައުންސިލާ މަޝްވަރާކޮށްގެން ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ހއ. ފިއްލަދޫއާ ގުޅިފައި އޮތް ދައްޕަރު ތަރައްގީކުރަން ގަސްދުކުރަނީ ރިއަލް އެސްޓޭޓް ޓޫރިޒަމަށް ކަމަށާާއި އެހެން ނަމަވެސް އެ ރަށާއި މެދު ގޮތް ނިންމާނީ ފިއްލަދޫ ކައުންސިލާ މަޝްވަރާކޮށްގެން ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "މިހާރު"ން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ދައްޕަރު ތަރައްގީކުރުމާ ބެހޭ ގޮތުން ރައީސް އޮފީހުން ވެސް ފިއްލަދޫ ކައުންސިލާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ. ލާމަޒުކަޒީ ގާނޫނުގެ އަސާސްތަކާ ހިލާފަށް ކަމެއް ކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ ދައްޕަރުގެ އިޝޫގައި ހަމަ (ފިއްލަދޫ) ކައުންސިލުން މަޝްވަރާކޮށް އެކަަމުގައި ގޮތް ނިންމާނީ،" މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދައްޕަރުގެ މަސައްކަތް ރާވާފައި އޮތީ ދިގު މުއްދަތަށް ކުއްޔަށްދޭ ވިލާތައް އަޅައިގެން ރިއަލް އެސްޓޭޓް ޓޫރިޒަމް ހިންގާ ގޮތަށެވެ. ދިގު މުއްދަތަށް ވިލާތައް ދޫކުރުމަކީ ޓޫރިޒަމް ގާނޫނުން މިހާރު ހުއްދަކުރާ ކަމެއް ކަަމަށާއި ރާއްްޖޭގެ ބައެއް ބޮޑެތި ރިސޯޓްތަކުން މިހާރު ވެސް އެ ވިޔަފާރި ކުރަމުން އަންނަ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

ދައްޕަރަކީ ކުރީގެ ސަރުކާރުތަކުގައި ވެސް ރިޒޯޓު ތަރައްގީކުރަން ކަނޑައެޅި ސަރަހައްދެކެވެ. އަދި ފަހުން މި ސަރުކާރުގައި ވެސް އެ އެތަން ރިޒޯޓު ތަރައްގީކުރަން ދޫކުރަން ނިންމި ނަމަވެސް އެތަން ފިއްލަދޫގެ އިހްތިސާސްގެ ތެރޭގައި ހިމެނީ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރަކުން، މިދިޔަ އަހަރުގެ މާޗު މަހު އެވެ.

ނަމަވެސް، ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރެއްގައި ވަނީ އަނެއްކާ ވެސް ދައްޕަރު ފިއްލަދޫގެ އިހްތިސާސުން ވަކި ކުރައްވައިފަ އެވެ. އެއީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށްތަކުގެ އިހްތިސާސް ކަނޑައެޅުމަށް ރައީސަށް އޮންނަ ބާރުގެ ދަށުން ނިންމެވި ނިންމެވުމެކެވެ.

ފިއްލަދޫ ކައުންސިލުން މިދިޔަ ހޯމަދުވަހު ބުނީ ފިއްލަދޫގެ އިހުތިސާސުން ދައްޕަރު ވަކިކުރީ ސަރުކާރުން އެކައުންސިލާ މަޝްވަރާ ނުކޮށް ކަމަށެެވެ.

އެކަމަކު މަބްރޫކް ވިދާޅުވީ ދައްޕަރު ތަރައްގީކުރުމާ ބެހޭ ގޮތުން ކައުންސިލާ ކޮންމެވެސް ވަރަކަށް މަޝްވަރާކޮށްފައިވާ ކަަމަށް ކަމާ ބެހޭ މިނިސްޓްރީތަކުން ބުނި ކަމަށެވެ. އެހެން ނަމަވެސް ކައުންސިލުން ފާހަގަ އެކުރަނީ ރަނގަޅު ނުކުތާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ފިއްލަދޫ ކައުންސިލުން އެދެނީ މަބްރޫކް ވިދާޅުވި ގޮތުގައި، އެރަށުގެ ރައްޔިތުންނާ ވެސް އެކަމުގައި މަޝްވަރާކުރުމަށެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި މީޑިއާބްރީފިންގައި މަބްރޫކް ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ދައްޕަރު ތަރައްގީ ކުރާނީ ފިއްލަދޫ ކައުންސިލާ މަޝްވަރާކޮށްގެން ކަމަށް. ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގައި މިއަދު ބޭއްވި މީޑިއާބްރީފިންގައި މަބްރޫކް ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ދައްޕަރު ތަރައްގީ ކުރާނީ ފިއްލަދޫ ކައުންސިލާ މަޝްވަރާކޮށްގެން ކަމަށް. ފޮޓޯ: ރައީސް އޮފީސް

"އަޅުގަނޑުމެން ވެސް ދެކެނީ ހަމަ އިތުރަށް އެ މަޝްވަރާ ކުރެވެން ޖެހޭނެ ކަމަށް. ރައީސް އޮފީހުން ވެސް މިހާރު އެބަ އެންގޭޖްވޭ ކައުންސިލާ،" މަބްރޫމް ވިދާޅުވި އެވެ.

ވަރަށް ރީތި މޫދަކާއި ގޮނޑުދޮށެއް އޮވެފައި ކުޅިއެއް ވެސް އޮންނަ ދައްޕަރަށް ފިއްލަދޫގެ ބާރު ނުހިނގާ ގޮތް ހެދި އިރު އެތަނުގައި ވަކި ކަމެއް ކުރުމަށް ކައުންސިލުން ނިންމައިފައެއް ނުވެ އެވެ. ނަމަވެސް ވިސްނުން ހުރީ ރައްޔިތުންނާ މަޝްވަރާކޮށްގެން އެތަނުގައި ކުރެވޭނެ ވިޔަފާރިތައް ބަލަން ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ދައްޕަރުގައި ސެކަންޑް ހޯމް ރެޒިޑެންސް ޕައިލެޓް ޕްރޮޖެކްޓްއެއްގެ ގޮތުގައި އެޕާޓްމެންޓް އަދި ވިލާ އެޅުމަށް ފަހު ދިގުމުއްތަށް އެތަން ލީޒްކުރަން ވިސްނާ ކަމަށް މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވެ އެވެ. އޭރު އޭނާ ވިދާޅުވި ގޮތުގައި އެކަން ކުރަން ރާވަނީ ތަރައްގީކުރާ ތަންތަން ގަންނަ ފަރާތްތަކަށް ރާއްޖެއިން ރެޒިޑެންސް ވިސާ ލިބޭ ގޮތަށެވެ.