01 ސެޕްޓެމްބަރ 2021
އަފްގާނިސްތާނުގައި މިހާރު ވެރިކަން ކުރަމުން އަންނަ ތާލިބާން ޖަމާއަތް އެކަހެރި ކުރާ ނަމަ، އެ ސަރަހައްދުގައި އުފެދޭނީ އިތުރު ހަމަނުޖެހުންކަމަށް ގަތަރުގެ ހާރިޖީ ވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން އާލް ސާނީ އިއްޔެ ވިދާޅުވެއްޖެ އެވެ.
އަފްގާނިސްތާނުގައި މިހާރު ވެރިކަން ކުރަމުން އަންނަ ތާލިބާން ޖަމާއަތް އެކަހެރި ކުރާ ނަމަ، އެ ސަރަހައްދުގައި އުފެދޭނީ އިތުރު ހަމަނުޖެހުންކަމަށް ގަތަރުގެ ހާރިޖީ ވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން އާލް ސާނީ އިއްޔެ ވިދާޅުވެއްޖެ އެވެ.
ޖަރުމަން ވިލާތުގެ ހާރިޖީ ވަޒީރު ހެއިކޯ މާސްއާ އެކު، އަފްގާނިސްތާނުގެ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފަހު، ނޫސްވެރިންނާ ބައްދަލުކުރައްވައި، ގަތަރުގެ ހާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި ތާލިބާނުން އެކަހެރި ކުރުމުގެ ބަދަލުގައި، އަވައްޓެރި ގައުމުތަކުން މަސައްކަތް ކުރަންވީ، ސަރަހައްދީ ހަމަޖެހުމަށެވެ. އެ ގޮތުން އަފްގާނިސްތާނުގެ ސަލާމަތީ ކަންތައް ހަރުދަނާ ކުރުމާއި، އަފްގާނިސްތާނު ރައްޔިތުންނަށް ދިމާވެފައިވާ އިގްތިސާދީ އަދި އިޖްތިމާއީ މައްސަލަތައް ހައްލުކޮށްދޭން، އަވައްޓެރި ގައުމުތަކުން މަސައްކަތް ކުރުމަށް އޭނާ ގޮވައިލެއްވި އެވެ.
"އަހަރެމެން އިތުރު ޝަރުތުތައް ތާލިބާނުންނަށް ކަނޑައަޅައި، އެމީހުންނާ އެކު މުއާމަލާތުކުރުން ހުއްޓާލައިފިއްޔާ، އެ ގައުމަށް އަނެއްކާވެސް އަންނާނީ ހުސްކަމެއް. ސުވާލަކީ އެ ހުސްކަން ފުރައިދޭނީ ކާކުހޭ؟" ގަތަރުގެ ހާރިޖީ ވަޒީރު ވިދާޅުވި އެވެ.
މިދިޔަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ތާލިބާނުން އަފްގާނިސްތާނު ހިފުމަށް ފަހު، މިހާތަނަށް އައިއިރު ވެސް، ދުނިޔޭގެ އެއްވެސް ގައުމަކުން ތާލިބާނުންގެ ވެރިކަން ބަލައިގެންފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ދުނިޔޭގެ ގައުމުތަކުން ތާލިބާނުންނަށް ގޮވައިލަމުން އަންނަނީ، ހުރިހާ ސިޔާސީ ފަރާތްތައް ބައިވެރިވާ ވެރިކަމެއް ގާއިމުކުރުމަށާއި، އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމަށެވެ.
މިހާތަނަށް ވެސް ތާލިބާނުންނާ އެކުގައި އެންމެ ގާތް ގުޅުމެއް ބާއްވަމުން އައި ގައުމަކީ ގަތަރެވެ. ތާލިބާނުންގެ ސިޔާސީ އޮފީސް ގާއިމުކޮށް، 2013 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަނީ ގަތަރުގެ ވެރިރަށް ދޯހާގަ އެވެ.
އޮގަސްޓް 31، 2021: ވިހި އަހަރަށް ފަހު އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމާއެކު، ތާލިބާންގެ ހަނގުރާމަވެރިންގެ ބަޔަކު، ވެރިރަށް ކާބުލްގެ މަގެއްގައި އުފާފާޅުކުރަނީ. --އޭއެފްޕީ
"އަހަރެމެން ގަބޫލުކުރާ ގޮތުގައި، ތާލިބާނުންނާ އެކުގައި މުއާމަލާތު ނުކޮށް، އެ ސަރަހައްދުގެ ސަލާމަތީ ކަންކަމުގަޔާއި އަފްގާނިސްތާނު ރައްޔިތުންގެ އިޖްތިމާއީ އަދި އިގްތިސާދީ ކަންކަމުގައި ވެސް އެއްވެސް ކުރިއެރުމެއް ނުހޯދޭނެ."
ގަތަރުގެ ހާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި ގަތަރުން މިވަގުތު އިސްކަން ދެނީ ތާލިބާނުންގެ ސަރުކާރު ގަބޫލުކުރުމަކަށް ނޫނެވެ.
"އަހަރެމެންގެ ދައުރަކީ، ހުރިހާ ސިޔާސީ ފަރާތްތައް ބައިވެރިވާ ސަރުކާރެއް ގާއިމުކުރުމަށް، ތާލިބާނުންނަށް އަބަދުވެސް ބާރުއެޅުން. އެއްވެސް ބަޔަކު ބާކީނުވާ ގޮތަށް ސަރުކާރެއް އެކުލަވައިލުން. އަހަރެމެން ތާލިބާނުންނާ އެކުގައި ކުރި މަޝްވަރާތަކުން، އެކަމާ ދެކޮޅަށް ވެސް ނުވަތަ އެއްކޮޅަށް ވެސް އެމީހުންގެ ފަރާތުން ވަކި ޖަވާބެއް ނުލިބޭ،" ގަތަރުގެ ހާރިޖީ ވަޒީރު ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ޖަރުމަން ވިލާތުގެ ހާރިޖީ ވަޒީރު ވިދާޅުވީ މިހާރުގެ ހާލަތުގައި ތާލިބާނުންނާ އެކުގައި ވާހަކަ ދައްކާނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.
"އަހަރެން އަމިއްލަ ގޮތުން ގަބޫލުކުރާ ގޮތުގައި ތާލިބާނުންނާ އެކުގައި ވާހަކަ ދެއްކޭނެ އެއްވެސް ގޮތެއް ނެތް. ސަބަބަކީ އަފްގާނިސްތާނުގައި ހަމަނުޖެހުން އުފެދިފައިވާ މަންޒަރު ދެކޭކަށް ބޭނުމެއް ނޫން. (މިހާލަތުގައި ތާލިބާނުންނާ ވާހަކަ ދައްކައިފިއްޔާ) އެ ހިތްވަރު ދެވެނީ ޓެރަރިޒަމަށް. އޭގެ ސަބަބުން އަފްގާނިސްތާނުގެ އަވައްޓެރި ގައުމުތަކަށް ވަރަށް ނުބައި އަސަރެއް ކުރާނެ،" ޖަރުމަންގެ ހާރިޖީ ވަޒީރު ހެއިކޯ މާސް ވިދާޅުވި އެވެ.
"އަހަރެމެން މިވަގުތު މި ވިސްނަނީ، ރަސްމީ ގޮތުން ތާލިބާނުންގެ ވެރިކަން ބަލައިގަތުމާ ބެހޭ ގޮތަކުން ނޫން. އޭގެ ބަދަލުގައި އަހަރެމެން ބޭނުންވަނީ، އަފްގާނިސްތާނު ރައްޔިތުންނާ ގުޅޭ ގޮތުންނާއި، އަފްގާނުގައި ތިބި ޖަރުމަނުގެ ރައްޔިތުންގެ އިތުރުން، އަފްގާނިސްތާން ދޫކޮށް ހިޖްރަކުން ބޭނުންވާ މީހުންނާ ގުޅޭ ގޮތުން މިހާރު ހުރި މައްސަލަތައް ހައްލުކުރަން."
މީގެ ކުރިން ޖަރުމަން ވިލާތުގެ މުސްތަޝާރު އެންޖެލާ މާކެލް ވިދާޅުވެފައި ވަނީ، ހުޅަނގުގެ ގައުމުތަކުން މި ވަގުތު ވެސް ބޭނުންވަނީ، އަފްގާނިސްތާނުގައި ތިބި ހުޅަނގުގެ މީހުން އެ ގައުމުން ބޭރުކުރަން ކަމަށާއި، އެހެންކަމުން ކާބުލް ވައިގެ ބަނދަރު ހުޅުވާފައި ބޭއްވުން ވަރަށް މުހިންމު ކަމަށެވެ.
އެހެންކަމުން، ކާބުލް ވައިގެ ބަނދަރުގެ ހުޅުވައި އަލުން ހިދުމަތް ދޭން ފެށުމާ ގުޅޭ ގޮތުން، ތާލިބާނުން މިހާރު އަންނަނީ ތުރުކީ ވިލާތާއި ގަތަރުގެ ވެރިންނާ އެކުގައި މަޝްވަރާ ކުރަމުންނެވެ.
އެމެރިކާ އިން ބުނާ ގޮތުގައި ކާބުލް ވައިގެ ބަނދަރު މިހާރު އޮތީ ވަރަށް ދެރަ ހާލަތެއްގަ އެވެ. ވައިގެ ބަނދަރުގެ ގިނަ ވަސީލަތްތައް ހަލާކުވެ އަދި ބައެއް ވަސީލަތްތައް މިހާރު ދުވަސްވެ ބާވެފައިވާތީ، އިތުރަށް ފެންވަރު މަތިކޮށްގެން ނޫނީ، އެ ވައިގެ ބަނދަރު ހިންގުން ދަތިވާނެ ކަމަށް ވެސް އެމެރިކާ އިން ބުނެ އެވެ.
ކާބުލް އެއާޕޯޓް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް
ޖަރުމަން ބޯޓުގައި ބޭރުކުރެވުނީ އެންމެ ހަތް މީހުން
ކާބުލްގެ ވައިގެ ބަނދަރު ހިންގާނީ ތުރުކީ އާއި ގަތަރުން
ތާލިބާނުންގެ އަސްކަރީ ދައްކާލުމެއް ބާއްވައިފި
އަފްގާނުގައި އައިއެސް ފުޅާވާތީ އެމެރިކާ ކަންބޮޑުވޭ
"ތާލިބާނުން އައުމަކީ ހަރުކަށި ފިކުރަށް ލިބުނު ބާރެއް"
އެމެރިކާ-ތާލިބާން ވާހަކަތައް ވަރަށް ކާމިޔާބު
އެމެރިކާ އާއި ތާލިބާނުން މަޝްވަރާކޮށްފި
ސިފައިން އަފްގާނުން ނުބޭލުމަށް ލަފާއެރުވިން: ޖެނެރަލުން
އައިއެސްގެ ހަމަލާތަކެއްގައި އަފްގާނުން 7 މީހުން މަރު