Roadha Mihaaru
ޖަރުމަން ބޯޓުގައި ބޭރުކުރެވުނީ އެންމެ ހަތް މީހުން

ޖަރުމަން ބޯޓުގައި ބޭރުކުރެވުނީ އެންމެ ހަތް މީހުން

17 އޯގަސްޓް 2021

އަފްގާނިސްތާނުގައި ތިބި ޖަރުމަން ވިލާތުގެ ޑިޕްލޮމޭޓުންނާއި، ޖަރުމަން ވިލާތަށް ގެންދާ އަފްގާނިސްތާނު ރައްޔިތުން ބަލައި، މިއަދު ކާބުލްގެ ވައިގެ ބަނދަރަށް ތިރިކުރި އަސްކަރީ މަތިންދާބޯޓުގައި، ކާބުލް އިން ބޭރަށް ގެންދެވުނީ އެންމެ ހަތް މީހުން ކަމަށް، ޖަރުމަން ސަރުކާރުން ބުނެފި އެވެ.

އަފްގާނިސްތާނުގައި ތިބި ޖަރުމަން ވިލާތުގެ ޑިޕްލޮމޭޓުންނާއި، ޖަރުމަން ވިލާތަށް ގެންދާ އަފްގާނިސްތާނު ރައްޔިތުން ބަލައި، މިއަދު ކާބުލްގެ ވައިގެ ބަނދަރަށް ތިރިކުރި އަސްކަރީ މަތިންދާބޯޓުގައި، ކާބުލް އިން ބޭރަށް ގެންދެވުނީ އެންމެ ހަތް މީހުން ކަމަށް، ޖަރުމަން ސަރުކާރުން ބުނެފި އެވެ.

މީހުން ބަލައި ދިޔަ ޖަރުމަން ސިފައިންގެ މަތިންދާބޯޓު އެންމެ ފުރަތަމަ ކާބުލް އަށް ދިޔައީ އިއްޔެ އިރު އޮއްސެނިކޮށެވެ. ނަމަވެސް، ކާބުލް ވައިގެ ބަނދަރުގެ ރަންވޭ މަތީގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ތިބުމުން، މަތިންދާބޯޓު ރަންވޭ އަށް ތިރިނުކޮށް އެނބުރި ދިޔައީ އެވެ.

އެމެރިކާ ސިފައިން ރޭގައި ރަންވޭ އިން މީހުން ހުސްކުރުމުން، ޖަރުމަނުގެ އަސްކަރީ މަތިންދާބޯޓު ރަންވޭ އަށް ތިރިކުރީ ރޭ މެންދަން ވަނިކޮށެވެ. ނަމަވެސް ބޯޓު ދޮށަށް މީހުން އެއްވެދާނެ ކަމުގެ ބިރު އޮތުމުން އަވަހަށް ފުރަންޖެހޭތީ، ފުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ބޯޓަށް އެރުވުނީ އެންމެ ހަތް މީހުންނެވެ. އިތުރު މީހުން ވައިގެ ބަނދަރަށް އަންނަންދެން ބޯޓު މަޑުކޮށްފި ނަމަ، އާންމުންގެ ގިނަ ބަޔަކު ބޯޓު ދޮށަށް ޖަމާވެދާނެ ކަމުގެ ބިރު އުފެދުމުން، އެ ހަތް މީހުން ގޮވައިގެން ބޯޓު ފުރީ އެވެ.

އެމެރިކާ އަށް ފަހު، އަފްގާނިސްތާނުގައި އެންމެ ގިނަ އަދަދަކަށް ތިބީ ޖަރުމަން ވިލާތު ސިފައިންނެވެ. އަދި ޖަރުމަންގެ ބައެއް އާންމު ރައްޔިތުންނާއި، ޖަރުމަނުގެ ރަށްވެހިކަން ދިން އަފްގާނިސްތާނުގެ ރައްޔިތުންނާއެކު އެތައް ހާސް ބަޔަކު، ޖަރުމަނަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ޖަރުމަން ވިލާތުގެ ދިފާއީ ވަޒީރު އެނާގްރެޓް ކްރާމްޕް ވިދާޅުވި ގޮތުގައި ކާބުލްގެ ވައިގެ ބަނދަރު އޮތީ ވަރަށް ނުރައްކާތެރި އަދި ހަމަނުޖެހުން ބޮޑު ހާލަތެއްގަ އެވެ. އަދި މަތިންދާބޯޓު ވައިގެ ބަނދަރަށް ތިރިކުރުމަށް ފަހު ފުރުމާ ދެމެދު ލިބުނީ ވަރަށް ކުޑަ ވަގުތުކޮޅެއް ކަމަށްވާތީ، އެ ބޯޓުގައި ގެންދިޔައީ، އެވަގުތު ވައިގެ ބަނދަރުގައި ތިބި ހަތް މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަފްގާނިސްތާނުން ޖަރުމަނަށް ގެންދާ މީހުން، އަފަގާނުން ބޭރަށް ގެންދިއުމަށްޓަކައި ޖަރުމަން ވިލާތުގެ 600 ސިފައިން މިހާރު ތިބީ ކާބުލް ވައިގެ ބަނދަރުގަ އެވެ. ޖަރުމަނަށް ގެންދަން ހަމަޖެހިފައިވާ ބައެއް މީހުން މިހާރު ވެސް ތިބީ، ކާބުލް ވައިގެ ބަނދަރުގައި މަދަނީން ތިބުމަށް ހަމަޖެހިފައިވާ ސަރަހައްދުގަ އެވެ.

އެސަރަހައްދުގެ ސަލާމަތީ ކަންތައް ބަލަހައްޓަނީ އެމެރިކާ ސިފައިން ކަނޑައަޅާފައިވާ ވަރަށް ހަރުކަށި އުސޫލުތަކަކާ އެކުގައި ކަމަށް ވާތީ، އެ ސަރަހައްދުން މީހަކު ނެރެގެން މަތިންދާބޯޓަކާ ހަމައަށް ގެންދިއުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ވެސް ޖަރުމަންގެ ދިފާއީ ވަޒީރު ވިދާޅުވި އެވެ.

އަފްގާނިސްތާނުން މީހުން ބޭރުކުރުމުގެ މަސައްކަތް ޖަރުމަނު ސިފައިން މިއަދު ވަނީ އަލުން ފަށައިފަ އެވެ. ޖަރުމަނަށް ގެންދަން ހަމަޖެހިފައިވާ ވަރަށް ގިނަ އަދަދެއްގެ ބަޔަކު މިހާރު ވެސް ތިބީ ކާބުލްގެ އެކި ސަރަހައްދުތަކުގައި ކަމަށްވާތީ، ޖަރުމަން ސިފައިންގެ ރައްކާތެރިކަން ލިބިގެން ނޫން ގޮތަކަށް ކާބުލްގެ ވައިގެ ބަނދަރަށް ނުދިޔުމަށް ޖަރުމަން ސަރުކާރުން ވަނީ އަންގައިފަ އެވެ.

ޖަރުމަންގެ ދިފާއީ ވަޒީރު ވިދާޅުވި ގޮތުގައި އަފްގާނިސްތާނުން ބޭރުކުރަންޖެހޭ މީހުން ބޭރުކުރެވޭނީ އަދި އިތުރު ދުވަސްތަކެއް ވަންދެން ކާބުލްގެ ވައިގެ ބަނދަރު ހުޅުވާލާފައި ބާއްވައިގެންނެވެ. ޖަރުމަނަށް ގެންދަން ހަމަޖެހިފައިވަނީ ހަމައެކަނި ޖަރުމަން ރައްޔިތުން ނޫން ކަމަށާއި، ޖަރުމަން ސިފައިންނަށް އެކި ގޮތްގޮތުން އެހީތެރިވެ ދިން އަދި މިހާރު ވަރަށް ބޮޑު ނުރައްކަލަކަށް ހުށަހެޅިފައި ތިބި، އަފްގާނިސްތާނުގެ ރައްޔިތުންތަކެއް ވެސް ޖަރުމަނަށް ގެންދަންޖެހޭ ކަމަށް ދިފާއީ ވަޒީރު ވިދާޅުވި އެވެ.