Roadha Mihaaru
ބިދޭސީންނަށް އެހީވާ މީހުންނަށް މަރުގެ އަދަބު ދެނީ

ބިދޭސީ ސިފައިންނަށް އެހީވާ މީހުންނަށް ތާލިބާނުން މަރުގެ އަދަބު ދެނީ

24 އޯގަސްޓް 2021

ވޭތުވެ ދިޔަ 20 އަހަރު އެމެރިކާ ސިފައިން އަފްގާނިސްތާނުގައި ތިބި ދުވަސްވަރު އެމީހުންނަށް އެހީތެރިވުމުގައި އުޅުނު އަފްގާނިސްތާނުގެ ރައްޔިތުންނަށް މަރުގެ އަދަބު ދިނުމަށް، ތާލިބާނުން މަސައްކަތް ފަށާފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުނެފި އެވެ.

ވޭތުވެ ދިޔަ 20 އަހަރު އެމެރިކާ ސިފައިން އަފްގާނިސްތާނުގައި ތިބި ދުވަސްވަރު އެމީހުންނަށް އެހީތެރިވުމުގައި އުޅުނު އަފްގާނިސްތާނުގެ ރައްޔިތުންނަށް މަރުގެ އަދަބު ދިނުމަށް، ތާލިބާނުން މަސައްކަތް ފަށާފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުނެފި އެވެ.

އެމެރިކާ ސިފައިންގެ ތަރުޖަމާނެއްގެ ގޮތުގައި އުޅުނު މީހެއްގެ ބޭބެ އަށް މަރުގެ ހުކުމް އިއްވައި، ތާލިބާނުންގެ ޝަރީއާ ކޯޓަކުން ނެރެފައިވާ ލިޔުމަކާ ހަވާލާދީ ސީއެންއެން އިން ބުނެފައިވާ ގޮތުގައި، މަރުގެ ހުކުމް އިއްވާފައި ވަނީ، އެ މީހާގެ ޣައިރު ހާޒިރުގަ އެވެ. އެ މީހާގެ މައްޗަށް ޝަރީއާ ކޯޓުން މަރުގެ ހުކުމް އިއްވާފައި ވަނީ، ދެ ފަހަރެއްގެ މަތިން ނޯޓިސް ފޮނުވުމަށް ފަހުގަ އެވެ.

ޕޮޝްތޫ ބަހުން ލިޔެ ފޮނުވާފައިވާ ތިން ލިޔުމުގެ ތެރެއިން ފުރަތަމަ ލިޔުމުގައި ބުނެފައިވަނީ، "ކަލެއަކީ އެމެރިކާ މީހުންނަށް އެހީތެރިވެދޭ މީހެއް ކަމަށާއި، ކާފަރު އިސްތިއުމާރީންގެ ތަރުޖަމާނެއްގެ ގޮތުގައި އުޅުނު ކަލޭގެ ކޮއްކޮ އަށް ރައްކާތެރިކަން ފޯރުކޮށްދޭ ކަމަށް، އަހަރެމެންގެ މުޖާހިދުންގެ ޖަމާއަތްތަކުން މައުލޫމާތު ދޭ" ކަމަށެވެ.

އެހެންކަމުން، ކަލޭގެ މައްޗަށް ކުރެވޭ ތުހުމަތުން ބަރީއަވުމަށްޓަކައި، މި ތުހުމަތާ ގުޅޭ ގޮތުން ބާއްވާ އަޑުއެހުމަށް، ހޯމަ ދުވަހު، ހާޒިރުވުމަށް އަންގާ ކަމަށެވެ. މިއަޑުއެހުމަށް ހާޒިރުނުވެއްޖެ ނަމަ، މި ތުހުމަތަށް ކަނޑައެޅިފައިވާ ހުކުމް އިއްވާނެ ކަމަށާއި އެ ހުކުމަށް އިދިކޮޅު ހެދުމުގެ ހައްގު ލިބިގެންނުވާ ކަމަށް ވެސް އެ ލިޔުމުގައިވެ އެވެ.

މި ނޯޓިސްގައި ބުނެފައިވާ ގޮތަށް އެ މީހަކު ހާޒިރު ނުވުމުން، ދެ ވަނަ ނޯޓިސްއެއް ވެސް ފޮނުވި އެވެ. އެ ނޯޓިސްގައި ބުނެފައި އޮތީ، "އިމާރާތުގެ މުޖާހިދުންގެ ނޯޓިސްއާ އެއްގޮތަށް، އަޑުއެހުމަށް ހާޒިރުނުވީތީ، ކަލޭގެ ފައިލް ޝަރީއާ ކޯޓަށް ފޮނުވާފައިވާ" ކަމަށެވެ. އަދި ސަހަރުގައި ތިބި ހުޅަނގުގެ އިސްތިއުމާރީންނަށް އެހީތެރިކަން ފޯރުކޮށްދިން ކަން ކަލޭގެ މައްޗަށް ސާބިތުވެއްޖެ ނަމަ، އަދި އެ ކުށަށް ކަލޭގެ މައްޗަށް މަރުގެ ހުކުމް އިއްވައިފި ނަމަ، އެ ހުކުމަށް އިންކާރުކުރުމުގެ ހައްގު ކަލެއަށް ލިބިގެން ނުވާ ކަމަށް ވެސް އެ ނޯޓިސްގައި ބުނެފައިވެ އެވެ.

އެ ދެ ނޯޓިސް އަށް ފަހު، އެމީހާ އަށް ފޮނުވި ތިން ވަނަ ލިޔުން ފޮނުވާފައި އޮތީ، އިސްލާމިކް އެމިރޭޓް އޮފް އަފްގާނިސްތާނުގެ ސިއްރު މައުލޫމާތުތަކާ ބެހޭ އާންމު ކޮމިޝަންގެ ފަރާތުންނެވެ. އެ ލިޔުމުގައި ބުނެފައި އޮތީ، އިސްތިއުމާރީ ކާފަރުންނަށް ހިދުމަތް ކުރުން ހުއްޓައިލުމަށް، އިސްލާމީ އިމާރާތުގެ މުޖާހިދުންގެ ފަރާތުން ކަލެއަށް އިންޒާރު ކުރުމުން ވެސް، އެކަމަށް އިންކާރުކޮށް އެ ހިދުމަތް ދެމުން ގޮސްފައިވާ ކަމަށެވެ. އަދި "އެމެރިކާ މީހުންގެ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތް ކުރާ ކަލޭގެ ބޭބެ އަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ދެމިހުރުމުގެ ސަބަބުން، އަދި ޝަރީއަތުގެ އަޑުއެހުމަށް ހާޒިރުވުމަށް އެންގި އެންގުމަށް ތަބާވެފައި ނުވާތީ، ކަލޭ ކުށްވެރިވެފައިވާ ކަމަށް ޣައިރު ހާޒިރުގައި ނިންމައި، ކަލޭގެ މައްޗަށް މަރުގެ ހުކުމް އިއްވުމަށް، މަތީ ޝަރީއާ ކޯޓަށް މައްސަލަ ފޮނުވައިވާ ކަމަށް ވެސް އެ ލިޔުމުގައިވެ އެވެ.

އަސްކަރީ ގުޅުންތަކުގެ ވެރިޔާ، މައުލަވީ އަބްދުލްބާގީ ސަންގާރީ ސޮއިކޮށް ފޮނުވާފައި އޮތް އެ ލިޔުމުގައި ދެން ބުނެފައި އޮތީ، މި މައްސަލައިގައި މަތީ ޝަރީއާ ކޯޓުން އެ މީހާގެ މައްޗަށް އިއްވާ ހުކުމަކީ ނިހާއީ ހުކުމެއް ކަމަށާއި، އެ ހުކުމަށް އިންކާރު ކުރުމުގެ ހައްގު ލިބިގެން ނުވާ ކަމަށެވެ.

"ކަލޭ މި މަގު އިޚްތިޔާރު ކުރީ ކަލޭ އަމިއްލައަށް. އިރާދަ ކުރެއްވިއްޔާ މަރުގެ ހުކުމް ކަލޭގެ މައްޗަށް ތަންފީޒު ކުރެވޭނެ،" އެ ލިޔުން ނިންމާލަމުން ބުނެފައިވެ އެވެ.

އަފްގާނިސްތާނު ސިފައިންގެ މީހަކާ ހަވާލާދީ، ސީއެންއެން އިން ބުނެފައިވާ ގޮތުގައި، ތާލިބާނުންގެ ފަރާތުން މި ތިން ލިޔުން އެމީހާ އަށް ފޮނުވާފައި ވަނީ، މިދިޔަ ތިން މަސް ތެރޭގަ އެވެ.

ތާލިބާނުންގެ ފަރާތުން އަފްގާނިސްތާނުގެ އާންމު ރައްޔިތަކަށް ފޮނުވާފައިވާ މި ތިން ލިޔުމަކީ ވެސް، ތާލިބާނުން އެ ގައުމު ހިފުމަށް ފަހު، ތާލިބާނުން ދައްކަމުން އަންނަ ވާހަކަތަކާ އިދިކީލި ވާހަކަތަކެކެވެ. ތާލިބާނުން މިހާރު ބުނަމުން އަންނަނީ، އަފްގާނިސްތާނު ސަރުކާރުގައި މަސައްކަތް ކުރި އެއްވެސް މީހެއްގެ ފަރާތުން ބަދަލު ނުހިފާނެ ކަމަށާއި، އެއީ މާޒީ ކަމަށެވެ.

އެހެންކަމުން، މިދިޔަ ތިން މަސްދުވަހުގެ ތެރޭގައި ފޮނުވާފައިވާ މި ލިޔުންތަކުގައި ބުނެފައިވާ ގޮތަށް، އެމީހާގެ މައްޗަށް ތާލިބާނުން މަރުގެ ހުކުމް ތަންފީޒުކޮށްފާނެތޯ ސުވާލު އުފެދެ އެވެ.