Roadha Mihaaru
ބީއެމްއެލްގެ ހޯމް އިމްޕްރޫވްމަންޓް ލޯނަށް އިތުރު ލުޔެއް

އެހެން މީހަކާ ގުޅިގެން ވެސް ބީއެމްއެލްގެ "ހޯމް އިމްޕްރޫވްމަންޓް ލޯނު" މިހާރު ނެގޭނެ

29 އޯގަސްޓް 2021

ހުޅުމާލޭގެ ހިޔާ ފްލެޓް ލިބުނު މީހުން އެ ތަނަށް ވަނުމުގެ ކުރިން ބޭނުންވާ ބައެއް ކަންކަމަށް ފައިސާ ހޯދުމަށް މަގުފަހިކުރުމަށްޓަކައި ތައާރަފު ކުރި "ހޯމް އިމްޕްރޫވްމަންޓް ލޯނު" އެެހެން މީހަކާ ގުޅިގެން ވެސް ނެގޭ ގޮތް ބީއެމްއެލުން ހަމަޖައްސައިދީފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ހުޅުމާލޭގެ ހިޔާ ފްލެޓް ލިބުނު މީހުން އެ ތަނަށް ވަނުމުގެ ކުރިން ބޭނުންވާ ބައެއް ކަންކަމަށް ފައިސާ ހޯދުމަށް މަގުފަހިކުރުމަށްޓަކައި ތައާރަފު ކުރި "ހޯމް އިމްޕްރޫވްމަންޓް ލޯނު" އެެހެން މީހަކާ ގުޅިގެން ވެސް ނެގޭ ގޮތް ބީއެމްއެލުން ހަމަޖައްސައިދީފި އެވެ.

އެ ބޭންކުން ބުނީ މިގޮތަށް ގުޅިގެން ލޯނު ނެގޭނީ، ލޯނު ނަގާ މީހާއާ ނުވަތަ ފްލެޓްގެ ވެރިމީހާއާ އާއިލީ ގޮތުން ގުޅުން އޮންނަ މީހަކަށް ކަމަށެވެ. ލޯނަށް އެދި ހުށަހަޅާ މީހަކީ އާމްދަނީ ލިބޭ މީހަކަށް ވާން ޖެހޭނެ އެވެ.

ބީއެމްއެލް "ހޯމް އިމްޕްރޯވްމަންޓް ލޯނު" ގެ ދަށުން އާ ފްލެޓްތަކުގެ ފިނިޝިން އަށާއި ފަރުނީޗަރު ގަތުމަށް 25،000ރ. އިން ފެށިގެން 150،000ރ. އާ ހަމައަށް ލޯނު ދޫކުރާނެ އެވެ. މި ލޯނުތައް ދޫކުރަނީ ރަހުނަކާ ނުލައި 12 ޕަސެންޓުގެ އިންޓްރެސްޓް ރޭޓުގައި ކަމަށް ވާއިރު، މިއީ ބީއެމްއެލުން ދޫކުރާ އެހެން ލޯނުތަކަށް ވުރެ ކުޑަ ރޭޓެކެވެ. ލޯނު އަނބުރާ ދައްކަން ފަސް އަހަރުގެ މުއްދަތެއް ލިބޭނެ އެވެ.

"ހޯމް އިމްޕްރޫވްމަންޓް" ލޯނަށް ގެނައި މި ބަދަލާއެކު، ހިޔާ ފްލެޓް ލިބުނު މީހުންގެ އިތުރުން ފްލެޓް އަދި ރޯ ހައުސް ގަތް މީހުންނަށް، އެ ތަންތަނުގެ ފިނިޝިންގެ މަސައްކަތަށާއި ފަރުނީޗަރު ގަތުމަށް ތައާރަފު ކުރި "ހޯމް އިމްޕްރޫމަންޓް ލޯނު ޕްލަސް" އަށް ވެސް ވަނީ ބީއެމްއެލުން ބަދަލު ގެނެސްފަ އެވެ. އެހެންވެ، މި ލޯނުތަކަށް ވެސް އާއިލީ ގޮތުން ގުޅުން އޮންނަ އިތުރު މީހަކާ ގުޅިގެން އެދެވޭނެ އެވެ.

"ހޯމް އިމްޕްރޫމަންޓް ލޯނު ޕްލަސް" ގެ ދަށުން 25،000ރ. އިން ފެށިގެން 300،000ރ. އާ ހަމައަށް ލޯނު ދޫކުރާއިރު މިއީ ވެސް ރަހުނަކާ ނުލައި 12 ޕަސެންޓުގެ އިންޓްރެސްޓު ރޭޓުގައި ދޫކުރާ ލޯނެކެވެ. މި ލޯނު ދައްކަން ވެސް ފަސް އަހަރުގެ މުއްދަތެއް ލިބޭނެ އެވެ.

ބީއެމްއެލުން ވަނީ މި ބަދަލުތައް އެ ބޭންކުގެ އިސްލާމިކްގެ ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިން އަދި ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިން ޕްލަސް އަށް ވެސް ގެނެސްފަ އެވެ.