Roadha Mihaaru
އަފްޣާންގައި އައިއެސްގެ ހަމަލާތައް ރާވާ މީހާ މަރާލައިފި

އަފްޣާނިސްތާނުގައި އައިއެސްގެ ހަމަލާތައް ރާވާ މީހާ މަރާލައިފި

28 އޯގަސްޓް 2021

ކާބުލް (އޮގަސްޓް 28) - އަފްޣާނިސްތާނުގައި އިސްލާމިކް ސްޓޭޓުގެ ގޮތްޕަކުން ހަމަލާތައް ރާވައި ހިންގުމުގައި އެންމެ އިސްކޮށް އުޅޭ މީހާ ޑްރޯން ހަމަލާއެއްގައި މަރާލާފައިވާ ކަމަށް އެމެރިކާ ސިފައިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކާބުލް (އޮގަސްޓް 28) - އަފްޣާނިސްތާނުގައި އިސްލާމިކް ސްޓޭޓުގެ ގޮތްޕަކުން ހަމަލާތައް ރާވައި ހިންގުމުގައި އެންމެ އިސްކޮށް އުޅޭ މީހާ ޑްރޯން ހަމަލާއެއްގައި މަރާލާފައިވާ ކަމަށް އެމެރިކާ ސިފައިން ބުނެފި އެވެ.

އިސްލާމިކް ސްޓޭޓް ޚުރައިސާން ނުވަތަ އައިއެސް-ކޭގެ މެންބަރު މަރާލާފައި ވަނީ އަފްޣާނިސްތާނުގެ އިރުމަތީގެ ނަންގަހާރު ޕްރޮވިންސްގައި ދިން ޑްރޯން ހަމަލާއެއްގައި ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ކާބުލް އެއާޕޯޓުގެ ބޭރުގައި އައިއެސް-ކޭ އިން ބުރާސްފަތި ދުވަހު، އަމިއްލަ އަށް މަރުވެގެން ދިން ހަމަލާތަކެއްގައި ވަނީ 170 މީހުން މަރުވެފަ އެވެ. އޭގެ ތެރޭގައި އެމެރިކާ ސިފައިންގެ 13 މީހުން ވެސް ހިމެނެ އެވެ. ކާބުލް އެއާޕޯޓަށް އައިއެސް-ކޭ އިން ހަމަލާ ދިން އިރު އެމެރިކާ ސިފައިން ވަނީ އަފްޣާނިސްތާނުން މަދަނީން ބޭރަށް ގެންދިއުމުގެ ބޮޑު އޮޕަރޭޝަނެއް ފަށައިފަ އެވެ. ހަމަލާ ދިން އިރު އެއާޕޯޓުގައި އެތައް ހާސް ބަޔަކު ތިއްބެވެ.

ތާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާން މި މަހު 15 ވަނަ ދުވަހު ދިޔަ ފަހުން އެ ގައުމުން މިހާތަނަށް ލައްކައެއްހާ މީހުން ވައިގެ މަގުން ބޭރަށް ގެންގޮސްފައިވާ ކަމަށް އެމެރިކާ އިން ބުނެ އެވެ. އަފްޣާނުން މީހުން ބޭރަށް ގެންދިއުމުގެ ސުންގަނޑި އަންގާރަ ދުވަހު ހަމަވާނެ އެވެ. އެމެރިކާ ސިފައިން ވެސް އެ ދުވަހުގެ ކުރިން އަފްޣާނިސްތާނުން ފައިބައި ނިންމަން ޖެހެ އެވެ. ކާބުލް އެއާޕޯޓުގައި އެމެރިކާގެ 5،000 ސިފައިން މިހާރު ވެސް އެބަތިއްބެވެ.

ބުރާސްފަތި ދުވަހު ދިން ހަމަލާގެ ފަހަތުގައި ތިބި އައިއެސް-ކޭގެ މީހުން ހޯދާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އިއްޔެ ވަނީ ވިދާޅުވެފަ އެވެ. އަދި އިތުރު ހަމަލާތައް ކާބުލް އަށް ދީފާނެ ކަމަށް ބެލެވޭ ކަމަށް ވެސް ބައިޑަން ވިދާޅުވި އެވެ. އައިއެސް-ކޭ އަކީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ޖިހާދީ ހަނގުރާމަވެރިންގެ ތެރޭން އެންމެ ނުރައްކާ ޖަމާއަތެވެ. އެ ޖަމާއަތުން ބޮޑަށް ހަރަކާތްތެރި ވަނީ ކާބުލްގެ އިރުމަތީގެ ހިސާބުތަކުގަ އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ކެޕްޓަން ބިލް އާބަން ވިދާޅުވީ އައިއެސް-ކޭ އަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާގައި އާއްމުންގެ މީހަކު މަރުވެފައި ނުވާ ކަމަށެވެ. ހަމަލާ ދީފައި ވަނީ އައިއެސް-ކޭ ގެ އިސް މީހުން ދުއްވަމުން ދިޔަ ކާރަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.