Roadha Mihaaru
ތާލިބާނުން އައިއެސްގެ އިސް ލީޑަރެއް މަރާލައިފި

އަފްޣާންގެ އެއާޕޯޓަށް ބޮމުގެ ހަމަލާ ދިން އައިއެސްގެ ލީޑަރު ތާލިބާނުން މަރާލައިފި

26 އެޕްރީލް 2023

ކާބުލް (އޭޕްރީލް 26) - އަފްޣާނިސްތާންގެ ކާބުލްގެ އެއާޕޯޓަށް 2021 ވަނަ އަހަރު ދިން ބޮމުގެ ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު އައިއެސްގެ ލީޑަރަކު ތާލިބާނުން މަރާލައިފި އެވެ.

ކާބުލް (އޭޕްރީލް 26) - އަފްޣާނިސްތާންގެ ކާބުލްގެ އެއާޕޯޓަށް 2021 ވަނަ އަހަރު ދިން ބޮމުގެ ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު އައިއެސްގެ ލީޑަރަކު ތާލިބާނުން މަރާލައިފި އެވެ.

އޯގަސްޓް 2021 ގައި ކާބުލްގެ ހާމިދު ކަރްޒާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ބޮމުގެ ހަމަލާގައި 183 މީހުން މަރުވި އެވެ. އެދުވަސް ވަރު އެމެރިކާގެ ސިފައިން ދިޔައީ އަފްޣާނިސްތާން ދޫކޮށް ދާން ތައްޔާރުވަމުންނެވެ. އެ ހަމަލާގައި އެމެރިކާގެ އަސްކަރިއްޔާގެ 13 މީހަކު ވެސް މަރުވި އެވެ.

އަފްޣާނިސްތާނުގެ ވެރިކަމުގެ ބާރުތައް ކޮންޓްރޯލް ކުރަމުން އަންނަ ތާލިބާނުން، އައިއެސްގެ ލީޑަރު މަރާލީ މި މަހު ކުރީކޮޅު ކަމަށް އެމެރިކާގެ ދިފާއީ އިދާރާ ޕެންޓަގަންއިން ބުންޏެވެ. އެކަމަކު އެކަން އޭރު އިއުލާން ނުކުރީ އެ މަރު ކަށަވަރު ނުކުރެވި އޮތުމުން ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

"އޭނާ މަރާލީ މި މަހު ކުރީކޮޅު ތާލިބާނުން. އެކަމުގައި އެމެރިކާގެ ބައިވެރިވުމެއް ނެތް،" ޕެންޓަގަންގެ ތަރުޖަމާން ޕެޓްރިކް ރައިޑާ، ސީބީއެސް ނިއުސް އަށް ވިދާޅުވި އެވެ.

އެމެރިކާއިން އެ މަރު ކަށަވަރުކޮށް އެކަން އިއުލާން މި ކުރީ، އައިއެސްގެ ލީޑަރެއް މަރުވެއްޖެ ކަމަށް އިއްޔެ ވައިޓް ހައުސްގެ އިސް އޮފިޝަލަކު ވިދާޅުވެފައި ވަނިކޮށެވެ.

އައިއެސްގެ ލީޑަރުގެ ވަނަވަރު ހާމަނުކޮށް ވައިޓްހައުސްގެ އޮފިޝަލް ވިދާޅުވީ އެއީ ބޮން ގޮއްވާލުމުގެ އެންމެ އަޑީގައި އިސްކޮށް ހުރި މީހާ ކަމަށެވެ.

"އެމެރިކާގެ ތަޖުރިބާކާރުންނަށް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް މި މީހާ އަކީ 26 އޮގަސްޓް 2021 ގައި ހާމިދު ކަރްޒާއީ އިންޓަނޭޝަނަލް އެއާޕޯޓުގެ ބޭރުގައި ދިން ބޮމުގެ ހަމަލާގެ އެންމެ އިސް ފަރާތްކަން،" އެމެރިކާގެ ސަރުކާރުގެ އިސް އޮފިޝަލަކު ސީބީއެސް ނިއުސްއަށް ވިދާޅުވި އެވެ.

އެމެރިކާއިން ބުނީ އައިއެސްގެ ލީޑަރުގެ މަރުގެ މައުލޫމާތު އެ ގައުމުގެ އިދާރާތަކަށް ފޯރުކޮށް ދިނީ ތާލިބާނުން ނޫން ކަމަށެވެ. އެއީ އެމެރިކާގެ ޖާސޫސީ އިދާރާތަކުން އެއްކުރި މައުލޫމާތު އެނގުނު ކަމެއް ކަމަށް ވެސް އެ ގައުމުގެ ސަރުކާރުން ބުންޏެވެ.