30 އޯގަސްޓް 2021
އއ. ވެލިގަނޑު ރިސޯޓުގެ ބައެއްގެ ގޮތުގައި ވަކިން އޮންނަ ވެލިފިނޮޅު ކިޔާ ރަށް ހިއްކަން ވެލި ނަގަން ހުއްދަ ދީފައި ވަނީ ހިމާޔަތް ކޮށްފައިވާ މަޑިވަރު ސަރަހައްދުގެ އުތުރުން ފަޅުގެ ބައެއް ކޮނެގެންނެވެ. އެތަނުން ވެލި ނަގާފައި ވަނީ ފަޅު ކޮނެ، ވެލި ނަގައި، ވެލިފިނޮޅުން ފަށައިގެން އެ ސަރަހައްދަށް އެކްސްކެވޭޓަރު ގެންދެވޭނެހެން މަގެއް ހިއްކައިގެންނެވެ.
އއ. ވެލިގަނޑު ރިސޯޓުގެ ބައެއްގެ ގޮތުގައި ވަކިން އޮންނަ ވެލިފިނޮޅު ކިޔާ ރަށް ހިއްކަން ވެލި ނަގަން ހުއްދަ ދީފައި ވަނީ ހިމާޔަތް ކޮށްފައިވާ މަޑިވަރު ސަރަހައްދުގެ އުތުރުން ފަޅުގެ ބައެއް ކޮނެގެންނެވެ. އެތަނުން ވެލި ނަގާފައި ވަނީ ފަޅު ކޮނެ، ވެލި ނަގައި، ވެލިފިނޮޅުން ފަށައިގެން އެ ސަރަހައްދަށް އެކްސްކެވޭޓަރު ގެންދެވޭނެހެން މަގެއް ހިއްކައިގެންނެވެ.
މިދިޔަ މަހުގެ ތެރޭގައި ފެށި މި މަސައްކަތުގެ ސަބަބުން އެ ސަރަހައްދުގެ ފަރުތަކަށް "ސެޑިމެންޓް ޕްލޫމްސް" ނުވަތަ ވެއްޔާއި ކިސަޑު ދަތުރުކޮށް ގެއްލުންވާން ފެށުމުން އީޕީއޭއިިން ވަނީ އެ މަސައްކަތް މަޑުޖައްސާލަން އަންގައިފަ އެވެ. މީގެ ކުރިން މިއަށް ވުރެ ބޮޑެތި ބިން ހިއްކުމުގެ މަޝްރޫއުތައް ތިމާވެށީގެ ގޮތުން ނާޒުކު ތަންތަނުގެ ކައިރީގައި ހިންގާފައިވާއިރު، ގެއްލުންވާތީ މަސައްކަތް މަޑުޖައްސާލަން އީޕީއޭއިން ނާންގަ އެވެ.
އެ ނިންމުން ނިންމީ ވެސް އެ ސަރަހައްދުގެ އާންމުންނާއި ޓޫރިޒަމް ވިޔަފާރިވެރިންގެ ޕްރެޝަރު ބޮޑުވެފައި ވަނިކޮށެވެ. އީޕީއޭގެ ހުއްދަ ނަގައިގެން އެ ހުރިހާ މަސައްކަތެއް ކުރިއަސް، އެ މީހުންނަށް އެއީ ބޮޑު މައްސަލައެކެވެ. އެތަން ހިއްކުމަކީ ހިމާޔަތްކޮށްފައިވާ މަޑިވަރު ސަރަހައްދަށް ގެއްލުންވުމުގެ އިތުރުން، ވަކިން އޮންނަ ރަސްދު އަތޮޅުގެ ކަނޑު އަޑީގެ ރީތިކަން ގެއްލިދާނެ ކަމެކެވެ. އެ ތަންތަނަކީ ލޯކަލް ޓޫރިޒަމާ ވަރަށް ބޮޑަށް ގުޅިފައިވާ ތަންތަން ކަމުން އެ މީހުންގެ އާމްދަނީ އަށް ވެސް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް އެ މީހުން ދެކެ އެވެ.
ވެލިފިނޮޅު ހިއްކުމަށް ވެލި ނަގާނެ ސަރަހައްދާއި ވަގުތީ ބެޑް ހެދި ތަން ދައްކުވައިދޭ ކުރެހުމެއް -- ފޮޓޯ: އީއައިއޭ
ފަޅެއް ކޮނެ، ވެލި ނަގައިގެން ހިއްކާ އިރު ވެއްޔާއި ކިސަޑުގެ އަސަރު ކައިރި ފަރުތަކަށް ކުރުން މުޅިން ނުހުއްޓުވޭނެ އެވެ. އެހެންވެ، ތަރައްގީގެ މަޝްރޫއެއް ހިންގާއިރު ވިސްނަނީ އެ އަސަރުތައް ކުޑަކުރާށެވެ. އެކަން ހާސިލު ކުރަން ހާއްސަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އީޕީއޭއިން ޝަރުތު ކުރެ އެވެ. ވެލިފިނޮޅު ހިއްކަން ހުއްދަ ދިނީ ވެސް އެފަދަ ޝަރުތުތަކެއް ކޮށްފަ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ވެލިފިނޮޅު ހިއްކަން ހުއްދަ ދޭން ކުރި ޝަރުތަކުގެ ތެރޭގައި ވިއްސާރަ ދުވަސްވަރު މަސައްކަތް ނުކުރުން ހިމެނެ އެވެ. އީޕީއޭއިން މިކަން ކަށަވަރުކޮށްދިނެވެ.
ވެލިފިނޮޅު އޮންނަނީ ހިމާޔަތްކޮށްފައިވާ މަޑިވަރު ސަރައްދާ ކައިރީގައި ކަމުން އެތަން ހިއްކަން ހުއްދަ ދިން ސަބަބާ މެދު އާންމުން ސުވާލު އުފައްދަ އެވެ. ނަމަވެސް، އީޕީއޭގެ ޑިރެކްޓަރު ރިފްއަތު ނައީމް "މިހާރު" އަށް ވިދާޅުވި ގޮތުގައި، މަޑިވަރާއި އެތަނާ ދެމެދު އެކަށީގެންވާ ދުރުމިނެއް ހުރެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޑިވަރު އޮންނަނީ ހިއްކާ ސަރަހައްދާ 1300 މީޓަރު ދުރުގަ އެވެ. އީޕީއޭ އަށް ގާނޫނީ ގޮތުން ފިޔަވަޅު އެޅޭނީ ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ބޭރުން 500 މީޓަރުގެ ސަރަހައްދުގެ ތެރޭގައި މަސައްކަތެއް ކުރާ ނަމަ އެވެ. އެހެން ނޫން ނަމަ ބަލަން ޖެހެނީ އާންމު ސަރަހައްދެއްގެ ގޮތުގަ އެވެ.
"އަޅުގަނޑުމެންގެ ޕްރޮޓެކްޓެޑް އޭރިއާގެ ބައުންޑްރީ އިން 1300 މީޓަރު ދުރު ސަރަހައްދެއް މި އޮންނަނީ ހިއްކަން. ގަވައިދުގެ ތެރެއިން އީޕީއޭ އަށް ބާރު ފޯރުވެން މި އޮންނަނީ ބައުންޑްރީ އިން ފެށިގެން 500 މީޓަރުގެ ސަރަހައްދުގައި އެއްވެސް ކަމެއް ކުރާ ނަމަ،" ރިފްއަތު ވިދާޅުވި އެވެ.
ވެލިގަނޑު އައިލެންޑް ރިޒޯޓޫ: ވެލިފިނޮޅަކީ މި ރިސޯޓުން ފަޅު ފުންކުރަން ކޮނުނު ވެލިން ކައިރީގައި ހިއްކި ރަށެއް --
ހިއްކުމުގެ މަސައްކަތުން އެ ސަރަހައްދަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަ ކުރަން އަޅަން ޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަން ބަލައި، އެ ފިޔަވަޅުތައް އަޅަން އީޕީއޭ އިން ކުރި ޝަރުތުތަކަށް ކްރައުން ކުންފުނިން އެއްބަސްވި ކަމަށް ވެސް ރިފްއަތު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މަސައްކަތް ކުރިއަށް ގެންދަން ހުއްދަ ދިން ސަބަބުތަކުގެ ތެރޭގައި ވެސް އެ ޝަރުތުތަކަށް އެއްބަސްވުން ހިމެނެ އެވެ.
އެ ފިޔަވަޅުތައް އަޅާނެ ކަމުގެ ލިޔުންތަކާއި، އެކަމަށް ފައިސާ ހުރި ކަމުގެ ލިޔުންތައް ވެސް އީޕީއޭ އިން ހޯދި އެވެ.
"އިމްޕެކްޓްތައް ކުޑަކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ޝަރުތުކޮށްފައި އަދި އެކަމަށް ފައިސާ ހުރި ކަމާއި ފައިސާ ހަރަދު ކުރާނެ ކަމުގެ ލިޔުމަކާ އެއްޗެހި ހޯދާފައި އަޅުގަނޑުމެން ހުއްދަ ދީފައި ހުންނާނީ،" ރިއްފަތު ވިދާޅުވި އެވެ.
ވިއްސާރަ ދުވަސްވަރެއްގައި ފަޅު ކޮނެގެން ވެލި ނަގާ ނަމަ ސެޑިމެންޓް ޕްލޫމްތައް ދުރަށް ދަތުރުކޮށް، ގެއްލުންވުމުގެ ފުރުސަތު ވެސް ބޮޑުވާނެ އެވެ. ސެޑިމެންޓް ޕްލޫމްތައް ކައިރި ފަރުތަކަށް ފެން ކިލަނބުވެ، މުރަކަތައް މަރުވާން ދިމާވެ އެވެ. އަދި މަސްތައް ފަދަ ދިރުންތައް މަދުވެ ކަނޑު އަޑީގެ ރީތިކަން ގެއްލި ދެ އެވެ.
ވެލިގަނޑު ރިސޯޓުން މަސައްކަތް ފެށިތާ ކުޑަ ދުވަސްކޮޅެއް ތެރޭގައި މޫސުން ގޯސްވި އެވެ. ނަމަވެސް، އެ މީހުން މަސައްކަތް ހުއްޓާނުލައި ކުރިއަށްގެންދިޔައީ އެވެ.
"އަޅުގަނޑުމެން އިންނާނެ ކޮންޑިޝަން ކޮށްފައި މޫސުން ގޯސްވެއްޖެއްޔާ މަސައްކަތް ހުއްޓާލަން. އެ ބޭފުޅުން މަސައްކަތް ފެށި ފަހުން މޫސުން ގޯސްވެގެން ދިޔައީ،" ރިފްއަތު ވިދާޅުވި އެވެ.
ހިއްކުމުގެ މަސައްކަތް ފެށި ފަހުން މޫސުން ގޯސްވި ނަމަވެސް މަސައްކަތް ނުހުއްޓީ، ހުއްޓާލައިފި ނަމަ އޭރު ހިއްކާފައި އޮތް ސަރަހައްދު އެއްކޮށް ގިރައިގެން ހިނގައިދާނެތީ ކަމަށް ކްރައުން ކޮމްޕެނީން އީޕީއޭ އަށް ވަނީ އަންގައިފަ އެވެ.
"އެ ބޭފުޅުން ވިދާޅުވަނީ އޭރު ފަށާފައި އޮތް މަސައްކަތަކީ ހުއްޓާލާފައި ދެވޭ ކަހަލަ މަސައްކަތެއް ނޫނޭ ވެލި އަޅަން ފަށާފައޭ އޮތީ. ދޫކޮށްލާފައި ހިނގައްޖިއްޔާ އެއްކޮށް ގިރައިގެން ހިނގައިދާނެ އޭ،" ރިފްއަތު ވިދާޅުވި އެވެ.
ވެލިގަނޑު ރިސޯޓުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ: އެ މަސައްކަތުގެ ސަބަބުން ސަރަހައްދުގެ ފަރުތަކަށް ގެއްލުންވާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައި --
ކައިރި ފަރުތަކަށް ވެއްޔާއި ކިސަޑުގެ އަސަރު ކުރީ، ކްރަން ކޮމްޕެނީން ސީދާ އެކަން ހުއްޓުވުމަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް ނޭޅުމަށް ވުރެ ބޮޑަށް، ވިއްސާރަ ދުވަސްވަރެއްގައި މަސައްކަތް ހުއްޓާނުލައި ކުރުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބޮޑަށް ސެޑިމެންޓޭޝަންގެ އަސަރު މި ދިމާވީ، މިޓިގޭޝަން މެޝާސް ނުނެގުމަށް ވުރެ ބޮޑަށް މޫސުން ގޯސްވި ދުވަސްވަރެއްގައި މަސައްކަތް ކުރީމަ،" ރިފްއަތު ވިދާޅުވި އެވެ.
އީޕީއޭއިން ވަނީ މަސައްކަތް ކުރަން ހުއްދަ ދިން އިރު ވެސް މަސައްކަތުން އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ވެދާނެ ކަމަށް ބެލެވޭ ހާލަތެއްގައި މަސައްކަތް ހުއްޓާލަން އަންގަން ޖެހިދާނެ ކްރައުން ކޮމްޕެނީ އަށް އަންގައިފަ އެވެ.
ރަސްދު އަތޮޅަށް ޓޫރިސްޓުން ގެންދާ ފަރާތްތަކުން ބުނާ ގޮތުގައި އެ މަސައްކަތް ފެށިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ކައިރި ޑައިވް ސްޕޮޓްތަކަށް ވަނީ ނޭދެވޭ އަސަރުކޮށްފަ އެވެ. އެ މީހުން ތުހުމަތު ކުރާ ގޮތުގައި އެކްސްކެވޭޓަރު ގެންދަން މަގު ހިއްކަން ފިނޮޅަކުން ވެސް ވަނީ ވެލި ނަގައިފަ އެވެ.
ބޮޑަށް ސެޑިމެންޓޭޝަންގެ އަސަރު މި ދިމާވީ، މިޓިގޭޝަން މެޝާސް ނުނެގުމަށް ވުރެ ބޮޑަށް މޫސުން ގޯސްވި ދުވަސްވަރެއްގައި މަސައްކަތް ކުރީމަ-- އީޕީއޭ
ވެލިފިނޮޅު ހިއްކުން މަޑުޖައްސާލަން އީޕީއޭއިން އެންގީ އެތާ ކައިރި އަށް އެކި އުޅަނދުތަކުގައި ގޮސް އާންމުން އިހުތިޖާޖު ކުރާތާ ދެތިން ދުވަސްވެ، މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައި ވަނިކޮށެވެ. އަދިވެސް ރަސްދޫ ކައުންސިލާއި އއ. އަތޮޅު ކައުންސިލް އަދި އެ ސަރަހައްދުގެ ޓޫރިޒަމް ވިޔަފާރި ކުރާ ގިނަ ފަރާތްތަކުން ތިބީ ދޫ ދޭ ގޮތަކަށް ނޫނެވެ. ހިއްކަން އަލުން ފަށައިފި ނަމަ އިހުތިޖާޖަށް ނުކުންނާނެ ކަމަށް އެ މީހުން ބުނެ އެވެ.
ނަމަވެސް، އެނގިފައިވާ ގޮތުގައި އެ މަސައްކަތް އަލުން ފަށަން ހުއްދަ ދިނުމުގެ ވިސްނުން ސަރުކާރުން ގެންގުޅެ އެވެ. އަދި މަޝްވަރާ ކޮށްގެން މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ ތެރޭގައި ބައްދަލުވުންތައް ވެސް ވަނީ ބާއްވައިފަ އެވެ.
ވެލިފިނޮޅަކީ ވެލިގަނޑު ރިސޯޓުން ފަޅު ފުންކުރަން ކުރިން ކޮނުނު އިރު، ނެގި ވެލި އަޅައިގެން އެ ރިޒޯޓުން އުފެއްދި ކުޑަ ރަށެކެވެ. އެ ރަށް އިތުރު ދެ ހެކްޓަރަށް ހިއްކައި ބޮޑުކޮށް، ތޮށި ލާން ނިންމީ ރިސޯޓުގެ ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށާއި އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުން އުޅޭނެ ތަންތަން އިމާރާތް ކުރުމަށެވެ.
ބިންހިއްކުމާއި ފަޅު ފުންކުރުން މަޑުޖައްސާލަން އަންގައިފި
ވެލި ނެގުމުގެ ގަވައިދު ބަދަލުކުރީ 2014 ގައި
ވެލި ނެގުމަށް ހުއްދަ ދެވޭ ގޮތް ބަދަލުކޮށްފި
އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލަން ގޮވާލައިފި
ވެލިފިނޮޅު ހިއްކުމުގެ މައްސަލަ ހައްލުކޮށްފި
ވެލިގަނޑު ރިސޯޓު ހިއްކުން މަޑުޖައްސައިލަން އަންގައިފި
ބިންހިއްކަން ހުއްދަ ދެނީ ފެހިކުރާނެ ގޮތް ވެސް ބަލާފައި
ކުޑަގިރި ފަރަށް އެރި ބޯޓުގެ ޖޫރިމަނާ ދައްކަން ހުކުމް
ޖޫރިމަނާގެ ފައިސާ ނުދައްކާ ބޯޓުތައް ފުރައިގެންދަނީ
ރަސްފަރި ފަރު އިއާދަކުރަން އެމްޑަބްލިއުއެސްސީގެ އެހީ