25 އޯގަސްޓް 2021
އެމެރިކާ ސިފައިން އަފްގާނިސްތާނަށް އަރައިގަނެ 20 އަހަރު ވަންދެން އެ ގައުމަށް އަތް ގަދަކޮށްގެން ތިބި އިރު، އެއިން ކޮންމެ ދުވަހަކީ އެތައް ތަކުލީފުތަކަކާއި އެތައް ނުރައްކާތަކެއް ތަހައްމަލް ކުރަން ޖެހުނު ދުވަހެކެވެ. ނާކާމިޔާބު 20 އަހަރަށް ފަހު، އެ ގައުމުން އެމެރިކާ ސިފައިން ފައިބައިގެން އެ ދަނީ، އެއަށް ވުރެ ހިތި ތަޖުރިބާތަކަކާ އެކުގަ އެވެ.
އެމެރިކާ ސިފައިން އަފްގާނިސްތާނަށް އަރައިގަނެ 20 އަހަރު ވަންދެން އެ ގައުމަށް އަތް ގަދަކޮށްގެން ތިބި އިރު، އެއިން ކޮންމެ ދުވަހަކީ އެތައް ތަކުލީފުތަކަކާއި އެތައް ނުރައްކާތަކެއް ތަހައްމަލް ކުރަން ޖެހުނު ދުވަހެކެވެ. ނާކާމިޔާބު 20 އަހަރަށް ފަހު، އެ ގައުމުން އެމެރިކާ ސިފައިން ފައިބައިގެން އެ ދަނީ، އެއަށް ވުރެ ހިތި ތަޖުރިބާތަކަކާ އެކުގަ އެވެ.
އެމެރިކާ ސިފައިން އެ ބަޔަކާ ދެކޮޅަށް 20 އަހަރު ވަންދެން ހަނގުރާމަކުރި ތާލިބާން ޖަމާއަތުގެ ބާރު ކަނޑުވައިނުލެވުނު އިރު، އެމެރިކާ ސިފައިން އަފްގާނިސްތާނުގައި އުފައްދައިދިން މަދަނީ ސަރުކާރަށް ވެސް، މަދު ހަފުތާތަކެއް ވަންދެން ނޫނީ އަމިއްލަ ފައިމައްޗަށް ތިބެވޭ ވަރެއް ވެސް ނުވި އެވެ. އެމެރިކާ ސިފައިން ފައިބަމުން ދިޔަ ވަރަށް ވުރެ ބާރަށް، ތާލިބާނުން ދިޔައީ މުޅި އަފްގާނިސްތާނު އެމީހުންގެ ބާރުގެ ދަށަށް ގެންނަމުންނެވެ.
ތާލިބާނުންގެ ބާރު އެހާ ގަދަވެ، އެމެރިކާ ސިފައިން އުފައްދައި ތަމްރީންކޮށްދިން ބޮޑު އަސްކަރިއްޔާއެއްގެ މައްޗަށް ކުރި ހޯދުމުގައި އެތައް ސަބަބުތަކެއް އެބަހުއްޓެވެ. އެމެރިކާ އިން އަފްގާނިސްތާނުގައި ހެދި ގޯސްތަކުގެ ތެރެއިން ވެސް އެންމެ މުހިންމު ގޮތެއްގައި ފާހަގަކުރެވޭ ހަ ކަމެއް ފާހަގަކޮށްލާނަމެވެ.
އެމެރިކާ އާއި ސޯވިއެޓް ޔޫނިއަންއާ ދެމެދު ހިނގި ފިނި ހަނގުރާމައިގެ ދުވަސްވަރު، ރޫސީންނާ ދެކޮޅަށް އެމެރިކާ އިން އަފްގާނިސްތާނުގެ މުޖާހިދުންނަށް އެހީތެރިވެ، ވަރުގަދަ ހަނގުރާމަވެރިންގެ ލަޝްކަރެއް އުފެއްދި އެވެ. ފައިސާ އާއި ހަތިޔާރު ދިނެވެ. ހަގީގަތުގައި އަފްގާނިސްތާނުގެ އާންމު ރައްޔިތުންގެ ތެރެއިން ހަނގުރާމަވެރިންތަކެއް އުފެދިގެން ދިޔައީ، އެމެރިކާގެ އެ އަމަލުގެ ސަބަބުންނެވެ.
ސޯވިއެޓް ޔޫނިއަން ރޫޅި، ރަޝިޔާ ސިފައިން އަފްގާނިސްތާނުން ފައިބައިގެން ދިޔަ ނަމަވެސް، އެމެރިކާ އިން އުފެއްދި ހަނގުރާމަވެރިން މައިތިރިއެއް ނުވި އެވެ. ހަނގުރާމަވެރިންގެ މެދުގައި ވެރިކަމުގެ ކޯޅުން ބޮޑުވެ، ދާހިލީ އިތުރު ހަނގުރާމައެއް އުފެދުނެވެ. ހަނގުރާމަވެރިންގެ ތެރެއިން އެތައް ކޮމާންޑަރުންނެއް އުފެދި، އެއިން ކޮންމެ މީހަކަށް ވަފާތެރި ކުދިކުދި ލަޝްކަރުތައް އުފަންވި އެވެ.
އޭގެ ތެރެއަށް ދެން އިތުރުވެގެން ދިޔައީ، އުސާމާ ބިން ލާދިންގެ ވެރިކަމުގެ ދަށުން، ހިޖާޒް ކަރައިން އުފެދިގެން އައި އަލް ގާއިދާ ޖަމާއަތެވެ. އަލްގާއިދާގެ ވެސް ހަގީގީ މޭސްތިރިންނަކީ އެމެރިކާ އާއި އެމެރިކާގެ އަސްކަރިއްޔާ އެވެ.
ރޫސީން އަފްގާނިސްތާނުން ފައިބައިގެން ދިއުމުން، ތާލިބާންގެ ނަމުގައި އަފްގާނިސްތާނުގައި ހަނގުރާމަވެރިން އިތުރު ޖަމާއަތެއް އުފެދި، 1996 ވަނަ އަހަރުން ފެށިގެން އެ ގައުމުގައި ވެރިކަން ކުރަން ފެށި އެވެ. ތާލިބާނުންގެ ވެރިކަން ވެއްޓުނީ އޮކްޓޫބަރު 2001 ގައި އެމެރިކާ އިން، ތާލިބާންގެ ސަރުކާރާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުންނެވެ.
އަފްގާނިސްތާނާ ދެކޮޅަށް ފެށި ހަނގުރާމަ އަށް ދެ އަހަރު ވީތަނާ، ދޮގު ތުހުމަތުތަކެއްކޮށް، އިރާގުގެ ރައީސް ސައްދާމް ހުސައިން ވެރިކަމުން ދުރުކުރުމަށް، އެ ގައުމާ ދެކޮޅަށް 2003 ވަނަ އަހަރު އެމެރިކާ އިން ހަނގުރާމަ ފެށި އެވެ. ފުރަތަމަ ތުހުމަތަކީ އިރާގުގައި ފަނާކުރަނިވި ހަތިޔާރު އުފައްދާފައި ހުރި ކަމަށް ބުނުމެވެ. ދެ ވަނަ ތުހުމަތަކީ، ސައްދާމް ހުސައިނާއި އަލްގާއިދާއާ ގުޅުން އޮތް ކަމަށް ބުނުމެވެ.
އެމެރިކާގެ ދޯހަޅި ހާރިޖީ ސިޔާސަތުގެ ސަބަބުން، ބައިނަލްއަގުވާމީ މުޖްތަމައުން ބޮޑެތި ފާޑުކިޔުންތައް އަމާޒުވި އެވެ. އަފްގާނިސްތާނުގެ ހަނގުރާމައިން އެއްވެސް ނަތީޖާއެއް ހާސިލުނުވަނީސް، އިރާގު ހަނގުރާމައަށް އިސްކަން ދިނުމުގެ ސަބަބުން، އަފްގާނިސްތާނުގައި ތާލިބާނުންގެ ބާރު ގަދަވާން ފެށި އެވެ. އަދި ބައިބައިވެފައި އޮތް ތާލިބާންގެ ލަޝްކަރު އަލުން ރުކުރުވައިލުމުގެ ފުރުސަތު ލިބުނެވެ.
ދުރު ރާސްތާގެ ރޭވުމެއް ނެތި، ދެ ހަނގުރާމަ އެއްފަހަރާ ކުރިއަށް ގެންދަން ފެށުމުން، އިރާގާއި އަފްގާނިސްތާނުގައި ވެސް އެމެރިކާ ސިފައިންނަށް ލިބޭ ގެއްލުންތައް އިތުރުވާން ފެށި އެވެ. އަދި އެ ދެ ގައުމުގެ މައްސަލައިގައި އެމެރިކާ ސަރުކާރުން ގެންގުޅެމުން އައި ސިޔާސަތުގެ ސަބަބުން، އެމެރިކާ ރައްޔިތުންގެ ފަރާތުން އެމެރިކާ ސަރުކާރަށް ކުރިމަތިވާ ފިއްތުންތައް އިތުރުވާން ފެށި އެވެ.
މިހާރުގެ ހާލަތު އަފްގާނިސްތާނުގައި އުފެދުމަށް މެދުވެރިކުރުވި ތިން ވަނަ ގޯހަކީ، އެމެރިކާ އިން ކުރި ހަނގުރާމައިގައި ސުންނާފަތިވެގެން ދިޔަ، އަފްގާނިސްތާނުގެ މުއައްސަސާތައް، އެމެރިކާ އިން އަލުން އާރާސްތުކޮށް ނުދިނުމެވެ. ވިހި އަހަރު ގައުމު ހިފައިގެން ތިބި އިރު ވެސް، ގައުމު ހިންގުމުގެ ނިޒާމުތައް ބިނާކޮށްދިނުމަށް މަސައްކަތް ނުކުރުމެވެ.
އެމެރިކާ ސަރުކާރުގެ ރަސްމީ ހިސާބުތައް ބުނާ ގޮތުން، އެމެރިކާ ސިފައިން އަފްގާނިސްތާނުގައި ތިބި 20 އަހަރުގެ ތެރޭގައި، އެވްރެޖްކޮށް ދުވާލަކަށް 300 މިލިއަން ޑޮލަރު، އެމެރިކާ ސަރުކާރުން ހޭދަކުރި އެވެ. އަފްގާނިސްތާނުގެ އާބާދީގައި 40 މިލިއަން މީހުން އުޅޭއިރު، އެއީ ކޮންމެ މީހަކަށް ގާތްގަނޑަކަށް 50 ހާސް ޑޮލަރެވެ. ނަމަވެސް އަފްގާނިސްތާނުގެ 90 ޕަސެންޓް މީހުންގެ މިހާރުގެ އާމްދަނީއަކީ ވެސް ދުވާލަކަށް އެންމެ ދެ ޑޮލަރަށް ވުރެ ވެސް މަދު މިންވަރެކެވެ.
އެހެންކަމުން، އެމެރިކާގެ އަޅުވެތިކަމުގެ 20 އަހަރުގެ ތެރޭގައި އިގްތިސާދީ ގޮތުން، އަފްގާނިސްތާނުގެ ހާލަތު ދިޔައީ ދުވަހުން ދުވަހަށް ދަށަށެވެ. ނަތީޖާއަކަށްވީ، އެ ދަތިކަމުން މިންޖުވާނެ ދުވަހަކަށް އެ ގައުމުގެ ރައްޔިތުން އެދިއެދި ތިބުމެވެ. އެއީ ތާލިބާނުންގެ ވެރިކަމެއް އުފެދިގެން ކަމުގައި ވިޔަސް އެމީހުންނަށް ފަރުވާލެއް ނެތެވެ.
އެމެރިކާގެ އަޅުވެތިކަން އޮތް ދުވަސްވަރު، އަފްގާނިސްތާނުގައި ސަރުކާރެއް އޮތެވެ. ނަމަވެސް، އެ ގައުމުގެ ރައްޔިތުން ދެކޭ ގޮތުގައި، އެއީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ބަދަލުގައި، އިސްތިއުމާރީ ބާރުތަކަށް އެކި ކަންކަމަށް މަގު ފަހިކޮށްދިނުމަށް އުފައްދާފައި އޮތް، އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރެކެވެ. ރައްޔިތުން ވޯޓުލައިގެން އިންތިހާބު ކުރި ރައީސަކު ހުއްޓަސް، އެމެރިކާ ސަރުކާރުން ޖަހާހާ ބެރަކަށް ނެށުން ނޫން ކަމެއް ކުރެވޭ ކަމަކަށް ރައްޔިތުން ނުދެކެ އެވެ.
ކުރީގެ ދެ ރައީސުން ކަމަށްވާ ހާމިދު ކަރުޒާއީގެ ސަރުކާރާއި، އެންމެ ފަހުން ހުންނެވި އަޝްރަފް ޣަނީގެ ސަރުކާރަކީ ވެސް، އެމެރިކާގެ އަސްކަރިއްޔާ ބޭނުންވި ގޮތަށް އެކުލަވައިލި ދެ ސަރުކާރު ކަމަށް، އެ ގައުމުގެ އިދިކޮޅު ފަރާތްތަކުން އަބަދުވެސް ޝައްކު ކުރެ އެވެ. އަދި ސަރުކާރުގެ އިސް މަގާމަކަށް އައްޔަން ކުރާ ކޮންމެ މީހަކީ އެމެރިކާ ސަރުކާރުން "އޯކޭ" ދޭ މީހަކަށް ވާންޖެހެ އެވެ.
އެހެންކަމުން ރައްޔިތުންގެ މެދުގައި ސަރުކާރާ މެދު އިތުބާރެއް ނެތެވެ. ސަރުކާރުގެ އިސް ވެރިންގެ މަސައްކަތަކަށް އޮތީ، ހުޅަނގުގެ ގައުމުތަކުން އަފްގާނިސްތާނަށް ދޭ އެހީގެ ނާޖާއިޒު ބޭނުންކުރުން ކަމަށް ވެސް ތުހުމަތު ކުރެވެ އެވެ. އެކަމުގެ ހެއްކަކީ، ތާލިބާނުންގެ ހަނގުރާމަވެރިންނާ ކުރިމަތިލައި، ރައްޔިތުން ވޯޓު ލައިގެން އުފައްދާފައި އޮތް ސަރުކާރާއި ރައްޔިތުން ދިފާއުކުރުމުގެ އަޒުމާއި ހިއްވަރު ހުރި ސިފައިންގެ ލަޝްކަރެއް ގައުމުގައި އުފެއްދިފައި ނެތުމެވެ.
ތާލިބާނުންނަށް ކާމިޔާބު ލިބުމުގައި އެމެރިކާ އިން ހެދި ފަސް ވަނަ ގޯހަކީ، ގައުމުގެ ރައްޔިތުން ތާލިބާނުންގެ ނުރައްކާތެރިކަމުގެ ތެރެއަށް ދޫކޮށްލާފައި، އެމެރިކާ ސިފައިން ފައިބައިގެން ދިއުމުން، ހާލަތު ބަދަލުވެގެން ހިނގައިދާނެ ގޮތަކާ މެދު އެމެރިކާ ސަރުކާރުން މާ ބޮޑު ސަމާލުކަމެއް ނުދިނުމެވެ. ވަކިން ހާއްސަކޮށް އެތައް ހާސް ރައްޔިތުންނެއް ރެފިއުޖީންގެ ގޮތުގައި ގައުމު ދޫކޮށް ނުކުންނަން ބޭނުންވާނެ ކަމަށް އެމެރިކާ އަށް އަންދާޒާ ނުކުރެވުމެވެ.
އެމެރިކާ ސިފައިން ފައިބައިގެން ދިއުމުން، ބަދަލު ހިފުމުގެ ކަންތައްތަކެއް ތާލިބާނުން ފަށާނެކަން އެނގޭ އިރުވެސް، އެ ނުރައްކަލުން އާންމު ރައްޔިތުން ރައްކާތެރިކުރުމަށް އެމެރިކާ އިން އެއްވެސް ފިޔަވަޅެއް އަޅާފައި ނެތުމެވެ. އަދި ރެފިއުޖީންގެ ގޮތުގައި ނުކުންނަ މީހުންނަށް، އަމާންކަން ދެވޭނެ އިންތިޒާމެއް ހަމަޖައްސާފައި ނެތުމެވެ.
މި ކަމުގައި އެމެރިކާ އިން ހެދި ހަ ވަނަ ގޯހަކީ، އެމެރިކާ އާއި ނޭޓޯ ސިފައިން އަފްގާނިސްތާނުން ފައިބައިގެން ދިއުމާ ގުޅޭ ގޮތުން، އެމެރިކާ ސަރުކާރާއި އަފްގާނިސްތާނު ސަރުކާރާ ދެމެދު، އާންމު ރައްޔިތުންގެ މަސްލަހަތުތައް ހިމާޔަތް ކުރެވޭ ފަދަ ސުލްހައިގެ އެއްބަސްވުމެއް ގާއިމުކޮށްފައި ނެތުމެވެ. ވަކިން ހާއްސަކޮށް، އަފްގާނިސްތާނުގެ ސަރުކާރު ހިމާޔަތްކޮށް ދެމެހެއްޓޭނެ އެއްވެސް އިންތިޒާމެއް ހަމަނުޖައްސައި، ފައިބައިގެން ދިއުމެވެ.
އެމެރިކާ ސަރުކާރުން އެއްބަސްވުމެއް ހެދީ ތާލިބާން ޖަމާއަތާ އެކުގަ އެވެ. އެއީ ވެސް އެމެރިކާ ސިފައިންގެ ފުރާނަ އަށް އިތުރު ނުރައްކަލެއް ކުރިމަތި ނުވެ، އަފްގާނިސްތާނުން ފައިބައިގެން ދިޔުމަށް މަގު ކޮށުމަށެވެ.
އެމެރިކާ އާއި ނޭޓޯ ސިފައިން ގާއިމުވެ ތިބި، ކަންދަހާރުގެ ވައިގެ ބަނދަރު ދޫކޮށްފައި ދިޔަ އިރު، އެންމެ ކުޑަމިނުން އެކަން ވެސް، އަފްގާނިސްތާނު ސަރުކާރަށް އަންގައެއް ނުލަ އެވެ. އެތަނާ ހަވާލުވާނެ ބަޔަކު ނެތިސް، އަސްކަރީ ބައެއް ސާމާނުތައް ވެސް އެ ވައިގެ ބަނދަރަށް ދޫކޮށްފައި ދިޔައިރު، އަފްގާނިސްތާނު ސަރުކާރަށް އެކަން އެނގުނީ، ވަގުން އެތަން ލޫޓުވަން ފެށި ފަހުންނެވެ.
ކޮންމެއަކަސް ތާލިބާނުން މިހާރު އެތިބީ އަފްގާނިސްތާނަށް ވެރިވެގެންނެވެ. ނަމަވެސް، ތަނެއްގެ މައްޗަށް ބާރު ހިންގުމާއި، ބައިނަލްއަގުވާމީ މުޖްތަމައާ ލާމެހިގެން ގައުމެއްގައި ވެރިކަންކޮށް، ރައްޔިތުންގެ މަސްލަހަތުތައް ރައްކާތެރިކުރުމަކީ ވަރަށް ތަފާތު ދެ ކަމެކެވެ.
ހުޅަނގުން ތަމްރީން ކުރި ސިފައިން ތާލިބާނުގައި
ކާބުލްގެ ވައިގެ ބަނދަރު ހިންގާނީ ތުރުކީ އާއި ގަތަރުން
"ތާލިބާނުން އައުމަކީ ހަރުކަށި ފިކުރަށް ލިބުނު ބާރެއް"
ސިފައިން އަފްގާނުން ނުބޭލުމަށް ލަފާއެރުވިން: ޖެނެރަލުން
އެމެރިކާ ސިފައިން ފޭބީ އަފްގާނުގެ މުދާތައް ހަލާކުކޮށްފަ
އަފްގާނިސްތާނުގައި އެމެރިކާއަށް ހާސިލުވީ ސުމެއް: ޕުޓިން
އަފްގާނު ހަނގުރާމައިން އެމެރިކާއަށް މަންފާއެއް ނުކުރި: ބައިޑެން
އެމެރިކާ ބަލިކޮށް މިނިވަންކަން ހޯދައިފިން: ތާލިބާން
ތާލިބާނުންނާ މުއާމަލާތު ކުރުމާ މެދު ސުވާލު އުފެދިފައި
އެމެރިކާ ސިފައިން އަފްގާނުން ފައިިބައިފި