Roadha Mihaaru
ސައިނަސް އިންފެކްޝަނާއި އަރިދަފުސް ރޯގާގެ ތަފާތު

ސައިނަސް އިންފެކްޝަނާއި އަރިދަފުސް ރޯގާގެ ތަފާތު

23 އޯގަސްޓް 2021

އަރިދަފުސް ރޯގާ ޖެހި ލުއި ނުވެ ގިނަ ދުވަސްވާ ނަމަ އެއީ ސައިނަސް އިންފެކްޝަނަކަށް ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މިއީ ސައިނަސައިޓަސް އެވެ. މި ދެ ކަންތައް ފާހަގަކުރަން އެންމެ ފަސޭހަވާނެ އަލާމާތްތަކެއް ހުރެ އެވެ.

އަރިދަފުސް ރޯގާ ޖެހި ލުއި ނުވެ ގިނަ ދުވަސްވާ ނަމަ އެއީ ސައިނަސް އިންފެކްޝަނަކަށް ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މިއީ ސައިނަސައިޓަސް އެވެ. މި ދެ ކަންތައް ފާހަގަކުރަން އެންމެ ފަސޭހަވާނެ އަލާމާތްތަކެއް ހުރެ އެވެ.

ސައިނަސް އިންފެކްޝަންގެ އަލާމާތްތައް

މޫނުގެ އެކި ހިސާބުގައި ރިއްސުން:

ސައިނަސް އިންނަ ހިސާބު ކަމަށްވާ، ނިތްކުރި އާއި ކޮލާއި ނޭފަތުގެ އެތެރެއަށް ތަދެއް އިހްސާސްވާނެ އެވެ. އަރިދަފުސް ރޯގާގެ އަސަރު ބޮޑުވި ވަރަކަށް މި ތަދު ވެސް ބޮޑުވާނެ އެވެ. ސައިނަސައިޓަސް ހުންނަ ބައެއް މީހުންގެ މަތީ ކޯ ކަށިގަނޑުގައި ރިއްސުމަކީ ވެސް ދިމާވާ ކަމެކެވެ.

ނޭފަތް ބެދުން:

އިންފެކްޓް ވެފައިވާ ސައިނަސް ދުޅަވެ އެވެ. މިހެން ވުމުން ނޭފަތް ބެދިފައި ހުންނަ ކަމުގެ އިހްސާސެއް ވާނެ އެވެ. ސައިނަސް ދުޅަވާ ނޭފަތުގެ ޖާގަ ކުޑަވުމުން އަޑާއި ވަހާއި ރަހައިގެ ހިއްސަށް ވެސް އަސަރުކުރެ އެވެ.

ނޭފަތުން އަންނަ އަރިދަފުސް:

ސައިނަސް އިންފެކްޝަނެއް ނަމަ ނޭފަތުން އަންނަ އަރިދަފުސް ތަތްވެފައި ފެހި ނުވަތަ ރީނދޫ ކުލައެއްގައި ހުރެ އެވެ. މިހެން އަންނަ އަރިދަފުސް ފޮޅައި ނޭފަތް ސާފުކޮށް ބަހައްޓަން ޖެހޭނެ އެވެ.

ކެއްސުން:

އިންފެކްޓް ވެފައިވާ ސައިނަސް އިން އުފައްދާ އަރިދަފުސް ބައެއް ފަހަރު ނޭފަތުން ނައިސް، ކަރު ބުޑަށް ދެ އެވެ. މިހެން ވުމުން ކަރަށް އުނދަގޫވެ ކެއްސަން ފަށަ އެވެ. ބޮޑަށް ކެއްސާނީ އޮށޯވެ އޮންނައިރު އެވެ. ކަރުބުޑަށް އަރިދަފުސް ދިއުމުން ކަރުގައި ރިއްސައި އަޑު ހަލާކު ވެސް ވެ އެވެ.

ބޮލުގައި ރިއްސުން:

ސައިނަސްގައި ރިއްސުމުގެ އިތުރުން ބޮލުގައި ވެސް ރިއްސާނެ އެވެ. އިންފެކްޓުވެ ދުޅަވެފައިވާ ސައިނަސް އިން ލޯ ކައިރީގައި ރިއްސަ އެވެ. މި ރިއްސުމާ އެކު ބޮލުގައި ވެސް ރިއްސަ އެވެ. ސައިނަސް އިން ރޭގަނޑު އުފައްދާ ޑިސްޗާޖް ގިނަވެފައި ހުންނާތީ މި ރިހުން ހެނދުނު ބޮޑުވެ އެވެ.

ނޭވާގައި ނުބައި ވަސް:

އިންފެކްޓް ވެފައިވާ ސައިނަސްގެ ޑިސްޗާޖުން ނުބައި ވަސް އުފެދި އަދި ނޭވާގައި ވެސް ނުބައި ވަސް ދުވާނެ އެވެ.

އާދައިގެ ރޯގާއާ އެންމެ ބޮޑު ތަފާތު

ސައިނަސް އިންފެކްޝަނާއި އަރިދަފުސް ރޯގާގެ އެންމެ ބޮޑު ތަފާތަކީ ރަނގަޅުވާން ނަގާ މުއްދަތެވެ. އާދައިގެ ރޯގާއެއް ނަމަ 5-10 ދުވަސް ތެރޭ ރަނގަޅުވެ އެވެ. އެކަމަކު ސައިނަސް އިންފެކްޝަނެއް ނަމަ، ރަނގަޅުވާން ހަތަރު ހަފުތާއެއްހާ ދުވަސް ނަގަ އެވެ. އަދި ބޮޑުވަރު ވެފައިވާ މީހުންނަށް މިކަމުގައި އެތައް މަހެއް ވަންދެން އުޅެން ޖެހެ އެވެ.

އާދައިގެ ރޯގާއެއް ނަމަ ކިނބިހި އެޅުމާއި ކުޑަކޮށް ހުން އައުމާއި ގައިގައި ރިއްސުން ވެސް ކޮންމެވެސް ވަރަކަށް ހުރެ އެވެ. ސައިނަސް އިންފެކްޝަނެއްގައި މި އަލާމާތްތައް ބޮޑަކަށް ނުހުރެ އެވެ. ސައިނަސް އިންފެކްޝަންގައި އަންނަ ހުން ގަދަވާނެ އެވެ. މުޅި ގައިގައި ރިއްސުމުގެ ބަދަލުގައި ބޮލުގައި ރިއްސުމާއި ސައިނަސް ހިމެނޭ ހިސާބުގައި ރިއްސުން އާންމުވާނެ އެވެ. އެކަމަކު ކިނބިހި އެޅުން އެހާ ގިނައެއް ނުވާނެ އެވެ. -- ސްޕަޔާ ހެލްތުކެއާ