Roadha Mihaaru
ޒަމާނަށް ފެތޭ، ތަފުސީލީ، ހެއްކާ ބެހޭ ބިލެއް

ޒަމާނަށް ފެތޭ، ތަފުސީލީ، ހެއްކާ ބެހޭ ބިލެއް އެކުވަލާލައިފި

18 އޯގަސްޓް 2021

ހެއްކާ ބެހޭ ތަފުސީލީ އަދި މި ޒަމާނަށް ފެތޭ ބިލެއް ބަންޑާރަ ނައިބުގެ އޮފީހުން އެކުލަވާލައި ރައީސް އޮފީހަށް ފޮނުވައިފި އެވެ. ރައީސް އޮފީހުން އެ ބިލު ދެން ފޮނުވާނީ ރައްޔިތުންގެ މަޖިލީހަށެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ހެއްކާ ބެހޭ ތަފުސީލީ އަދި މި ޒަމާނަށް ފެތޭ ބިލެއް ބަންޑާރަ ނައިބުގެ އޮފީހުން އެކުލަވާލައި ރައީސް އޮފީހަށް ފޮނުވައިފި އެވެ. ރައީސް އޮފީހުން އެ ބިލު ދެން ފޮނުވާނީ ރައްޔިތުންގެ މަޖިލީހަށެވެ.

އޭޖީ އޮފީހުން މިއަދު ބުނީ، އެ ބިލުގައި ހެކީގެ ބާވަތްތަކާއި ހެކި ދަރަޖަ ކުރެވިގެންވާ ގޮތާއި ކަމެއް ސާބިތު ކުރަން ހެކި ބޭނުންވާ ނިސްބަތާއި ހެކި ހުށަހެޅުމާއި ބަލައިގަތުމާއި ވަޒަން ކުރުމުގައި އަމަލު ކުރަންޖެހޭ އުސޫލުތައް ބަޔާން ކޮށްފައިވާ ކަމަށެވެ.

މިހާރު އަމަލު ކުރަމުން އަންނަނީ 1976 ވަނަ އަހަރު އެކުލަވައި ހެއްކާ ބެހޭ ގާނޫނަކަށެވެ. އެ ގާނޫނުގައި އޮންނަނީ ވެސް އެންމެ ހަތް މާއްދާ އެވެ. ދެން ހެއްކާ ބެހޭގޮތުން އަމަލު ކުރާ ގާނޫނަކަށް އޮންނަނީ 1972 ވަނަ އަހަރުގެ އަންހެނުންގެ ހެކިބަހުގެ ގާނޫނެވެ. އާ ގާނޫނަށް އަމަލު ކުރަން ފެށުމުން މި ގާނޫނު އުވިގެންދާނެ އެވެ.

އާ ގާނޫނުން ކަނޑައަޅާ އުސޫލުތައް ހިނގާނެ ދާއިރާާތައް:

- ޖިނާއީ އަދި މަދަނީ މައްސަލަތައް.

- ޓްރައިބިއުނަލްތަކުގައި ހިނގާ މައްސަލަތައް.

- ކަމާ ގުޅޭ ނިސްބަތަށް، ކަމެއް ތަހުގީގު ކުރުމާއި ފިޔަވަޅު އެޅުމުގެ ބާރު ލިބިގެންވާ ދައުލަތުގެ އިދާރާތަކުން ތަހުގީގު ކުރާ ނުވަތަ ފިޔަވަޅު އަޅާ މައްސަލަތައް.

- ކަމާ ގުޅޭ ނިސްބަތަށް، ދައުލަތުގެ އިދާރާއަކުން ތައުދީބީ ފިޔަވަޅު އެޅުމުގެ ބާރު އޮވެގެން ބަލާ މައްސަލަތައް.

ބިލުގައިވާ ގޮތުން ހެކީގެ ބާވަތްތަކަކީ ޝަފަހީ ހެކި، ކިތާބީ ހެކި އަދި މާއްދީ ހެއްކެވެ.

ޝަފަހީ ހެއްކަކީ ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެ އަނގަ ބަހުންދޭ ބަޔާނެވެ. ކިތާބީ ހެއްކަކީ ގާނޫނުން ކަނޑައަޅާފައިވާ ވަކި ވާގިއާއެއް ވުޖޫދުގައި އޮތްކަން ހެކިކޮށްދޭ ލިޔުމެކެވެ. މާއްދީ ހެއްކަކީ މި ދެ ބާވަތުގެ ހެކި ނޫން އެހެން ބާވަތްތަކުގެ ހެއްކެވެ. އޭގެ ތެރޭގައި ފޮރެންސިކް ހެކި، ވަކި މެޝިނަކުން ވަކި ގޮތަކަށް ނަތީޖާއެއް ނެރެދޭ ލިޔުން ނުވަތަ ލޮގް، ފިލްމާއި ޓޭޕާއި ފޮޓޯ، ސައިންޓިފިކް ދަލީލުތަކާއި ތަހުލީލުތަކުގެ ނަތީޖާ، ކޯޓުގައި ދައްކާ ޗާޓުތަކާއި ކުރެހުންތަކާއި ޑެމޮންސްޓްރޭޝަންތަކާއި ހަދާ އެކްސްޕެރިމެންޓުތައް އަދި މެޝިން ބޭނުންކޮށްގެން ހަދާ ނުވަތަ ދައްކާ އެއްޗެހި ހިމެނެވެ.

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު: މިއަދު އޭޖީ އޮފީހުން ވަނީ ހެއްކާ ބެހޭ ބިލެއް މަޖިލީހަށް ފޮނުވާފައި --

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު: މިއަދު އޭޖީ އޮފީހުން ވަނީ ހެއްކާ ބެހޭ ބިލެއް މަޖިލީހަށް ފޮނުވާފައި --

ހެކިބަސް ނެގުމުގެ މަރުހަލާތައް ވެސް މި ބިލުގައި ވަނީ ހިމަނައިފަ އެވެ. އެ މަރުހަލާތަކަކީ އެގްޒާމިން ކުރުން، ކްރޮސް އެގްޒާމިން ކުރުން އަދި ރީ-އެގްޒާމައިން ކުރުމެވެ.

އެގްޒާމިން ކުރުމުގެ މަރުހަލާ އަކީ ހެކިބަސްދޭ މީހާއާ، އެ މީހާ ހެއްކެއްގެ ގޮތުގައި ހުށަހެޅި ފަރާތުން ސުވާލު ކުރުމެވެ. މައްސަލައިގައި ހިމެނޭ އަނެއް ފަރާތުން ހަމަ އެ މީހާއާ ސުވާލު ކުރުމުގެ މަރުހަލާއަކީ ކްރޮސް އެގްޒާމިން ކުރުމެވެ. އަދި ރީ-އެގްޒާމިން ކުރުމަކީ ކްރޮސް އެގްޒާމިންކޮށް ނިމުމުން ހެކި ހުށަހެޅި މީހާގެ ފަރާތުން އަލުން ހެއްކާ ސުވާލު ކުރުމެވެ.

އޭޖީ އޮފީހުން ބުނި ގޮތުގައި ބިލުގެ ތިން ވަނަ ބައިގައި ވަނީ ހެކި ވަޒަން ކުރުމުގެ އުސޫލުތައް ބަޔާންކޮށްފަ އެވެ. އެގޮތުން ރައުޔުގެ އުސޫލާއި އިހްތިމާލުގެ އުސޫލާއި ނާދިރުވުމުގެ އުސޫލާއި އަދި އިތުބާރުގެ އުސޫލާ ގުޅޭ ހަމަަތައް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި އިވުނު ކަމަށް ބުނާ ހެކީގެ ތެރެއިން ޝަރީއަތަށް ބަލައިގަނެވޭނެ ހެއްކާއި އެފަދަ ހެއްކެއް ޝަރީއަތަށް ބަލައިގަނެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެ އެވެ.

ހެކީގެ ގޮތުގައި ކޯޓަށް ހުށަނޭޅުމުގެ ހާއްސަ އިމްތިޔާޒު ލިބިގެންވާ ކަންކަން ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ހެކީގެ ގޮތުގައި ހުށަނޭޅެ ކަންކަން:

- ދެމަފިރިންގެ ދެމެދުގައި ދެއްކެވޭ ވާހަކަތަކާއި ހިއްސާ ކުރެވޭ މައުލޫމާތު.

- ދައުލަތުގެ އިދާރާއަކުން އުފައްދާ ނުވަތަ ގެންގުޅޭ ނުވަތަ ބަލަހައްޓަމުންދާ މައުލޫމާތުގެ ތެރެއިން ގާނޫނެއްގެ ދަށުން ދޫކުރުން މަނާ ކުރެވިގެންވާ ނުވަތަ ހިފެހެއްޓިގެންވާ މައުލޫމާތު.

- ދައުލަތުގެ މުވައްޒަފަކަށް މަގާމުގެ ހައިސިއްޔަތުން ލިބިފައިވާ ސިއްރު މައުލޫމާތު.

- ކުށެއް ކުރި ކަމުގެ މައުލޫމާތު ހާމަކުރާ ފަރާތް އަންގައިދޭ މައުލޫމާތު.

- ވަކީލާއި މުވައްކިލާ ދެމެދު ބަދަލު ކުރެވޭ މައުލޫމާތު.

- ގާނޫނީ ލަފާ ދޭ މީހުންނާއެކު ކުރެވޭ މުއާމަލާތު.

- ނޫސްވެރިންނާއެކު ކުރެވޭ މުއާމަލާތު.

ހެއްކާ ބެހޭ އާ ގާނޫނެއް ނެތުމުން މީގެ ކުރިން ބައެއް ގާނޫނީ މައްސަލަތައް ދިމާވެފައިވެ އެވެ. އެގޮތުން ސިއްރުން ހެކިބަސް ނެގޭނީ ހެއްކާ ބެހޭ ގާނޫނުގައިވާ ގޮތަށް ކަމަށް ޖިނާއި އިޖުރާއަތުގެ ގާނޫނުގައި އޮންނާތީ، އަދި މިހާރު އަމަލު ކުރާ ހެއްކާ ބެހޭ ގާނޫނުގައި ސިއްރު ހެއްކާ ބެހޭ އެއްވެސް ވާހަކައެއް ނެތުމުން ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށް ކުރިން ހައި ކޯޓުން ނިންމި އެވެ. އެ މައްސަލައަށް ހައްލެއް ގެނައީ ސުޕްރީމް ކޯޓުންނެވެ.