16 އޯގަސްޓް 2021
ނޫމަޑިއާއެކު ސަރުކާރުން ހެދި އެއްބަސްވުން ބާތިލުކުރި މައްސަލައިގައި، ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނެންޓް ކޯޓް އޮފް އާބިޓްރޭޝަނަށް އެއްވެސް ބަޔާނެއް ނުދެއްވާ ކަމަށް ވިދާޅުވެ، ދައުލަތުން ކުރާ ދައުވާ އަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން މިއަދު އިންކާރު ކޮށްފި އެވެ.
ނޫމަޑިއާއެކު ސަރުކާރުން ހެދި އެއްބަސްވުން ބާތިލުކުރި މައްސަލައިގައި، ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނެންޓް ކޯޓް އޮފް އާބިޓްރޭޝަނަށް އެއްވެސް ބަޔާނެއް ނުދެއްވާ ކަމަށް ވިދާޅުވެ، ދައުލަތުން ކުރާ ދައުވާ އަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން މިއަދު އިންކާރު ކޮށްފި އެވެ.
ހައުސިިން ޔުނިޓްތަކެއް އެޅުމަށް ނޫމަޑިއާ އެކު ހެދި އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބާތިލް ކުރި މައްސަލައިގައި ބަދަލަށް 155 މިލިއަން ޑޮލަރު ހޯދަން ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައިގައި ނޫމަޑީގެ ހެއްކެއްގެ ގޮތުގައި، އާބިޓްރޭޝަނަށް ދޮގު ބަޔާނެއް ދެއްވާފައިވާ ކަމަށް ބުނެ ދައުލަތުން ވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ މުއިއްޒަށް ކޮށްފަ އެވެ. ކުށް ސާބިތުވެއްޖެ ނަމަ އަންނާނެ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ.
މި މައްސަލައިގައި އެންމެ ފަހުން އޮތް އަޑުއެހުމުގައި މުއިއްޒަށް ވަނީ ވަކީލަކު ހަމަޖެއްސުމަށް ފުރުސަތު ދީފަ އެވެ. އެހެންވެ، މިއަދުގެ އަޑުއެހުމަށް މުއިއްޒު ވަޑައިގަތީ ވަކީލުންގެ ގޮތުގައި އާދަމް ޝަމީމާއި އަހުމަދު ހުޝާމް ވަޖީހާއެކު އެވެ.
ދައުލަތުގެ ވަކީލު އަހުމަދު ނައުޝާދު ދައުވާ އިއްވަމުން ވިދާޅުވީ، ޖޫން 25، 2019 ގައި ނޫމަޑީގެ ހެކިވެރިއަކަށް މުއިއްޒު ވެ، އެއްބަސްވުމުގައިވާ ގޮތަށް އެ ކުންފުނިން ލަސްތަކެއް ނުވެ ޝެޑިއުލަށް ނުވަތަ މަސައްކަތް ކުރިއަށް ދާ ކަމަށް ވިދާޅުވެ ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދޫކުރި ދިއްފުށިމާދޫ އަނބުރާ ނެގުމުގެ މަޝްވަރާގައި ބައިވެރިވެވަޑައިގެންފައި ނުވާ ކަމަށް މުއިއްޒު އާބިޓްރޭޝަނުގައި ވިދާޅުވެފައިވާ ކަމަށް ނައުޝާދު ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ދައުލަތަށް ގެއްލުންވި ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު: ނޫމަޑި މައްސަލައިގައި ކުރި ދޮގު ބަޔާން ދިނުމުގެ ދައުވާއަށް އޭނާ ވަނީ އިންކާރު ކުރައްވާފައި -- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
ަމުއިއްޒު ދެއްވި ކަމަށް ބުނާ ބަޔާނުގައި ހެއްދެވީ ދޮގުކަން ސާބިތު ކުރަން ދައުލަތުން ވަނީ އޭނާ ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި އިރު ރައީސް އޮފީހަށާއި ސަރުކާރުގެ އެކި އިދާރާތަކަށް ފޮނުވި ސިޓީތަކާއި އެހެނިހެން ލިޔުންތައް ހެކީގެ ގޮތުގައި ހުށަހަޅައިފަ އެވެ.
މިއަދުގެ އަޑުއެހުމުގައި ދިފާއުން ދައުވާ ސާފު ނުވާ ކަމަށް ބުނެ ދައުލަތާ ގިނަ ސުވާލުތަކެއް ކުރި އެވެ. މުއިއްޒުގެ ވަކީލު ޝަމީމް ފުރަތަމަ ސުވާލު ކުރެއްވީ ދައުލަތުން ބުނާ ރަސްމީ އިދާރާ ސާފު ނުވާތީ އެކަމާ ބެހޭ ގޮތުންނެވެ. ދައުލަތުގެ ވަކީލު ވިދާޅުވި ގޮތުގައި ދައުވާ ކުރީ ނެދަލޭންޑްގެ ދަ ހޭގްގައި ހުންނަ ޕާމަނެންޓް ކޯޓް އޮފް އާބިޓްރޭޝަނަކީ ރަސްމީ އިދާރާއެއް ކަމަށް ދެކިގެން ކަމަށެވެ.
މުއިއްޒު ދެއްވި ކަމަށް ދައުލަތުން ބުނާ ބަޔާން ނަގައި އާބިޓްރޭޝަނަށް ހުށަހެޅީ ކޮން ފަރާތެއްތޯ ވެސް ދިފާއުން ސުވާލު ކުރި އެވެ. އަދި އެއީ މުއިއްޒު ހުށަހެޅުއްވި ބަޔާނެއްތޯ ނުވަތަ އެހެން ފަރާތެއް ނަގައި ހުށަހެޅި ބަޔާނެއްތޯ ސުވާލު ކުރި އެވެ.
އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވައި ދައުލަތުގެ ވަކީލު ނައުޝާދު ވިދާޅުވީ، ބަޔާން ނެގުމުގެ ކަންކަން ހިނގާ ގޮތް ދިފާއުން އޮޅުވައިލަން އުޅޭ ކަމަށެވެ. މައްސަލައެއްގައި ކޯޓަށް ބަޔާނެއް ދޭން ލޯ ފާމުގައި ބަޔާން ނަގާފައި ކޯޓަށް ފޮނުވުމުން، ދެން އެ ބަޔާން ދިނީ ލޯ ފާމުން ކަމަށް ބުނެވޭނެތޯ ވަކީލު ސުވާލު އުފެއްދެވި އެވެ.
މުއިއްޒު ކުރި ކަމަށް ބުނާ ކުށަކީ ރާއްޖޭގައި ހުންނަވައިގެން ކުރި ކުށެއްތޯ ނުވަތަ ރާއްޖޭގައި ކުރި ކުށެއްތޯ ވެސް ދިފާއުން ސުވާލު ކުރި އެވެ. އަދި ދައުލަތުން ބުނާ ނޫމަޑީގެ މަސައްކަތުގެ ޝެޑިއުލަކީ ކޮބައިތޯ ސުވާލު ކުރި އެވެ. އެ ޝެޑިއުލަކީ ކޮބައިކަން އެނގޭ ލިޔުމެއް ހުށަހަޅާފައި ނެތް ކަމަށް ޝަމީމް ވިދާޅުވި އެވެ.
ދައުލަތުން އެ ސުވާލުތަކަށް ސީދާ ޖަވާބެއް ނުދީ، އެހެން ވާހަކަތަކެއް ދައްކާ ކަމަށް ވިދާޅުވެ ޖަވާބުތައް ސާފު ނޫން ކަމުގެ ޝަކުވާ ވަކީލު ޝަމީމް ކުރެއްވި އެވެ. އެކަމާ ގުޅިގެން، މައްސަލަ ބައްލަވާ ގާޒީ ސޮފްއަތު ހަބީބު ވިދާޅުވީ، ދިފާއުގެ ބައެއް ސުވާލުތަކަކީ ދައުވާ ސާފު ކުރުމާ ގުޅޭ ކަންކަމެއް ނޫން ކަމަށެވެ. ދެ ބަސްވާ ކަންކަން ހުރި ނަމަ އެކަމެއް ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއްގެ ގޮތުގައި ހުށަހަޅުއްވަން އެދިވަޑައިގަތެވެ.
ސުވާލުތައް ނިމުމުން މުއިއްޒުގެ ފަރާތުން ޝަމީމް ވިދާޅުވީ، ދައުވާގައިވާ ކަންކަމަށް އިންކާރު ކުރައްވާ ކަމަށާއި ދައުވާގައި ބުނާ އެއްވެސް ކަމެއް މުއިއްޒު ނުކުރައްވާ ކަމަށެވެ. އަދި އިންކާރު ކުރައްވަނީ ނެދަލޭންޑްސްގެ ދަ ހޭގްގެ ޕާމަނެންޓް ކޯޓް އޮފް އާބިޓްރޭޝަނަށް އެއްވެސް ބަޔާނެއް ނުދެއްވާ ގޮތަށް ކަމަށް ޝަމީމް ވިދާޅުވި އެވެ.
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު: ނޫމަޑި މައްސަލައިގައި ކުރި ދޮގު ބަޔާން ދިނުމުގެ ދައުވާއަށް އޭނާ ވަނީ އިންކާރު ކުރައްވާފައި -- ފޮޓޯ: ހުސެއިން ޝަޔާހު/މިހާރު
ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް 15 ދުވަސް ދެއްވުމަށް ފަހު، ގާޒީ ސޮފްއަތު ނިންމެވީ މައްސަލައިގައި އަޑުއެހުމެއް އަންނަ ސެޕްޓެމްބަރު 20 ވަނަ ދުވަހުގެ މެންދުރު 1:30 ގައި ބާއްވާށެވެ. އެ އަޑުއެހުމުގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް މާލޭ ސިޓީ ކައުންސިލްގެ ރަސްމީ ދަތުރެއްގައި ސެޕްްޓެމްބަރު 10-18 އަށް ތުރުކީ އަށް ވަޑައިގަތުމުގެ ހުއްދަ އަށް މުއިއްޒުގެ ފަރާތުން ކޯޓުގައި މިއަދު އެދުމުން، ދައުލަތުގެ އިއުތިރާޒެއް ނެތުމުން ގާޒީ ނިންމެވީ އެ ހުއްދަ މުއިއްޒަށް ދެއްވުމަށެވެ.
ކޯޓުން ބޭރުގައި ނޫމަޑި އަށް ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ދޭން މިހާރުގެ ސަރުކާރުން އެއްބަސްވީ އެމްޑީޕީގެ ސަރުކާރުން 2011 އާާއި ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި 2013 ގައި ހައުސިން ޔުނިޓްތަކެއް އަޅަން ވީ އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބާތިލްކުރުމުންނެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނޫމަޑި މައްސަލަ ނިންމި އިރު ކޮމިޓީގައި އެމްޑީޕީގެ މެމްބަރުން ވަނީ ކޮމިޓީއަށް ވަޑައިގެން އިތުރުފުޅު ހެއްދެވުމުގެ އިތުރުން އާބިޓްރޭޝަންގައި ސަރުކާރަށް ގެއްލުންވާ ގޮތަށް ބަޔާން ދެއްވި މައްސަލަ ތަހުގީގުކުރަން ގޮވާލައްވައިފަ އެވެ. އެގޮތަށް އެކަން ކުރަން ކޮމިޓީން އަދި މަޖިލީހުން ފާސް ވެސް ކުރި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ކުރިން ވިދާޅުވެފައިވާ ގޮތުގައި ނޫމަޑީގެ މައްސަލައިގައި ދައުލަތުގެ ހުއްޖަތް ބަލިކަށިވީ އާބިޓްރޭޝަންގައި މުއިއްޒު ކުރިން ދެއްވި ބަޔާން ދައުލަތަށް ގެއްލުންވާ ގޮތަށް ބަދަލުކުރުމުގެ ސަބަބުންނެވެ. އެހެންވެ އެ ފައިސާ ދޭން ޖެހުމާ ގުޅިގެން، މުއިއްޒުގެ މައްސަލަ ސެޓުލްމެންޓް ކޮމިޓީން ބަލައި ފުލުސް އޮފީހަށް ފޮނުވީ އެވެ.
މުއިއްޒުގެ ހެކިން ބަލައިނުގަނެވޭނެ ސަބަބެއް ނެތް: ކޯޓް
މުއިއްޒުގެ ޝަރީއަތް މިއަދު ނުބޭއްވުނު
މުއިއްޒުގެ ޝަރީއަތް: ހުށަހެޅުންތައް ބަލައެއްނުގަތް
މުއިއްޒުގެ މައްޗަށް ދައުވާ ސާބިތެއް ނުވި
މުއިއްޒުގެ ޝަރީއަތް ނިމުމަކާ ގާތަށް
މުއިއްޒުގެ މައްސަލާގައި ޖިހާދު ހެކިބަސް ދެއްވައިފި
މުއިއްޒަށް ކުރާ ދައުވާގެ އަޑުއެހުން ކެންސަލްކޮށްފި
މުއިއްޒަށް ހައި ކޯޓުން ވެސް ކާމިޔާބެއް ނުވި
މުއިއްޒުގެ ހުށަހެޅުންތައް ނާކާމިޔާބުވުމުން ހައި ކޯޓަށް
މުއިއްޒުގެ ޝަރީއަތް ފަސްކޮށްފި