Roadha Mihaaru
މުއިއްޒުގެ މައްޗަށް ދައުވާ ސާބިތެއް ނުވި

ދޮގު ބަޔާން ދިނުމުގެ ދައުވާއިން މުއިއްޒުގެ މައްޗަށް ސާބިތެއް ނުވި

18 މެއި 2023

ދޮގު ބަޔާނެއް ދެއްވި ކަމަށް ބުނެ މާލޭ ސިޓީގެ މޭޔަރު މުހައްމަދު މުއިއްޒުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދޮގު ބަޔާނެއް ދެއްވި ކަމަށް ބުނެ މާލޭ ސިޓީގެ މޭޔަރު މުހައްމަދު މުއިއްޒުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.

މުއިއްޒުގެ މައްޗަށް ދައުވާ ދައުލަތުން ކުރީ ނޫމަޑި ކުންފުންޏާ އެކު ސަރުކާރުން ހެދި އެއްބަސްވުން ކުރީގެ ސަރުކާރުން ބާތިލްކުރި މައްސަލާގައި ނެދަލެންޑްސްގެ އާބިޓްރޭޝަންގައި ނޫމަޑިއާ އެއްކޮޅަށް 2019 ވަނަ އަހަރު ދޮގު ބަޔާނެއް ދެއްވި ކަމަށް ބުނެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި މަޖިލީހުގައި ހުކުމް އިއްވަވަމުން އެ މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ހަބީބް ވިދާޅުވީ ދައުލަތުން ކޯޓަށް ހުށަހެޅި ބަޔާނަކީ އާބިޓްރޭޝަނަށް މުއިއްޒު ދެއްވި ބަޔާނެއް ކަން ކަށަވަރު ކުރަން ދައުލަތުން މަސައްކަތް ކޮށްފައިވާކަން އެނގެން ނެތް ކަމަށެވެ. އަދި އެ ބަޔާނުގައި އޮތް ސޮޔަކީ މުއިއްޒުގެ ސޮޔެއް ކަން ކަށަވަރު ކުރަން މަސައްކަތް ކޮށްފައިވާ ކަން އެނގެން ނެތް ކަމަށާއި އެހެންވެ، އެއީ އޭނާ ދެއްވި ބަޔާނެއް ކަމާ ޝައްކު އުފެދޭ ކަމަށް ގާޒީ ވިދާޅުވި އެވެ.

ނޫމަޑިއާ ސަރުކާރުން ހަވާލުކުރި ހައުސިން މަޝްރޫއު ޝެޑިއުލާ އެއްގޮތަށް ކުރިއަށް ގޮސްފައިނުވާ ކަމަށް ދައުލަތުން ބުނެފައި ވިޔަސް، އެފަދަ ޝެޑިއުލެއް އޮތްކަން ދައުލަތަށް ބުނެ ނުދެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ދައުލަތުން ބުނާ ނަމަ އެފަދަ އެއްވެސް ނިންމުމެއް ދައުލަތަަށް ހުށަހެޅިފައިނުވާ ކަމަށާއި އެހެންވެ އެ ހާލަތުގައި ދައުވާ ބަލިކަށިވެގެންދާނެ ކަމަށް ގާޒީ ސޮފްވަތު ވިދާޅުވި އެވެ.

ގާޒީ ސޮފްވަތު ހަބީބް ވިދާޅުވި ގޮތުގައި އާބިޓްރޭޝަނަށް މުއިއްޒު ބަޔާނެއް ދެއްވިކަމާ މެދު ސުވާލު އުފެދިފައިވާތީ ކުށުގެ ރުކުންތައް ފުރިހަމައެއް ނުވެ އެވެ. އެހެންވެ، އެ ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންގަނޑުން ސާބިތުނުވާ ކަމަށް ހުކުމް ކުރެއްވީ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެ ދައުވާ ސާބިތުވިޔަސް، މުއިއްޒުގެ މައްޗަށް އަންނާނެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

ނޫމަޑިން ދައުލަތާ ދެކޮޅަށް އާބިޓްރޭޝަނަށް ހުށަހެޅި މައްސަލާގައި ސަރުކާރުން ވަނީ ކޯޓުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް 55 މިލިއަން ޑޮލަރު ދޭން ނިންމައިފަ އެވެ.