މާލޭ ސިޓީގެ މޭޔަރު މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދައުވާގައި އޭނާގެ ފަރާތުން ހުށަހެޅި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
15 ސެޕްޓެމްބަރ 2022
މާލޭ ސިޓީގެ މޭޔަރު މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދައުވާގައި އޭނާގެ ފަރާތުން ހުށަހެޅި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ މުއިއްޒުގެ މައްޗަށް ކުރަނީ އޭނާ ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު، ނޫމަޑި ކުންފުންޏާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލާގައި ނެދަލޭންޑްސްގައި ހުންނަ އާބިޓްރޭޝަންގައި ނޫމަޑިއާ އެއްކޮޅަށް ދޮގު ބަޔާނެއް ދެއްވި ކަމަށް ބުނެ އެވެ.
އެ މައްސަލާގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ ގޮތުގައި މުއިއްޒުގެ ފަރާތުން ހަތަރު ހުށަހެޅުމެއް ހުށަހެޅި އެވެ. އެއީ ކުށްކުރި ތަން ދައުވާގައި އެނގެން ނެތުމުން އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ހުށަހެޅި ހުށަހެޅުމަކާއި ލިޔުމެއް ހޯދަން ހުށަހެޅި ހުށަހެޅުމަކާއި ދައުލަތުގެ ބައެއް ހެކި ބަލައިނުގަތުމަށް ހުށަހެޅި ހުށަހެޅުމެކެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ހަބީބް ވިދާޅުވީ ކުށްކުރިތަން ދައުވާގައި އެނގެން ނެތުމަކީ މުޅި ދައުވާއަށް އޭގެ އަސަރުކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި ބައެއް ބާވަތުގެ ކުށްތަކުގައި އަމަލު ހިންގި ތަން އެނގެން ނޯންނަ ކަން ގާޒީ ފާހަގަ ކުރެއްވި އެވެ.
ލިޔުމެއް ހޯދަން ހުށަހެޅި ހުށަހެޅުމުގައި، އެ ލިޔުން މިހާރު ލިބިފައިވާތީ އިތުރަށް ގޮތެއް ނިންމަންޖެހޭ ކަމެއް ނެތެވެ.
ދައުލަތުން ހުށަހެޅި ދެ ހެކިވެރިއެއް ބަލައިނުގަތުމަށް ހުށަހެޅި ހުށަހެޅުމާ ގުޅިގެން ވެސް ކޯޓުން ނިންމީ އެކަން ބަލައިނުގަތުމަށެވެ. އެއީ މި މަރުހަލާއަކީ ހެކިތައް ވަޒަންކޮށް، ބުރަދަން ދޭ މަރުހަލާ ކަމަށް ނުވާތީ ކަމަށް ގާޒީ ވިދާޅުވި އެވެ.
ރައީސް އޮފީހުގެ ބައްދަލުވުމެއްގެ ޔައުމިއްޔާ ބަލައިނުގަތުމަށް އެދި ހުށަހެޅުމާ ގުޅިގެން ވެސް ކޯޓުން ނިންމީ އެގޮތަށެވެ.
ހުށަހެޅުންތަކާ މެދު ގޮތް ނިންމުމުން ދައުލަތުން ހުށަހަޅާ ހެކިތައް ހާމަކުރި އެވެ. ދައުލަތުން ތިން ހެކިވެރިއަކާއި ބައެއް ލިޔުންތައް ހެކީގެ ގޮތުގައި ހުށަހެޅި އެވެ. ހައުސިން މިނިސްޓަރަކަށް މުއިއްޒު ހުންނެވިއިރު ހިނގި ކަންކަމާއި އޭނާ ފޮނުއްވި ބައެއް ސިޓީތަކާއި އާބިޓްރޭޝަނަށް މުއިއްޒު ދެއްވި ބަޔާން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
އޭގެ ތެރެއިން ބައެއް ސިޓީތަކުގައި، ނޫމަޑިން ބައެއް މަސައްކަތްތައް އެއްކޮށް ނިންމާފައިނުވާ ކަމަށް ބުނެފައިވާ ކަމަށް ދައުލަތުން ބުންޏެވެ. އަދި އެއްބަސްވުމާ މެދު އަމަލުކުރާނެ ގޮތެއްގެ ގާނޫނީ ލަފައާ ގުޅޭގޮތުން ފޮނުވި ސިޓީއެއް ވެސް ހިމެނޭ ކަމަށް ދައުލަތުން ބުނެފައިވެ އެވެ.
ދިފާއުގައި ހެކި ހުށަހަޅަން މުއިއްޒުގެ ފަރާތުން ފުރުސަތަކަށް އެދުމުން އެކަމަށް 10 ދުވަހުގެ މުއްދަތެއް ގާޒީ ދެއްވި އެވެ.
އެ ދައުވާ ސާބިތުވެއްޖެ ނަމަ، އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ. އެކަމަކު އަދަބު އެއަށް ވުރެ ލުއިވުން އަދި ބޮޑުވުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.
ނޫމަޑިއާ އެކު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލާގައި 155 މިލިއަން ޑޮލަރުގެ ބަދަލަށް އެދި އެ ކުންފުނިން އާބިޓްރޭޝަނަށް މައްސަލަ ހުށަހެޅުމުން ސަރުކާރުން ފަހުން ވަނީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، 55 މިލިއަން ޑޮލަރުގެ ބަދަލެއް އެ ކުންފުންޏަށް ދީފަ އެވެ.
މުއިއްޒުގެ ހެކިން ބަލައިނުގަނެވޭނެ ސަބަބެއް ނެތް: ކޯޓް
މުއިއްޒުގެ މައްޗަށް ދައުވާ ސާބިތެއް ނުވި
މުއިއްޒުގެ ޝަރީއަތް ނިމުމަކާ ގާތަށް
މުއިއްޒުގެ މައްސަލާގައި ޖިހާދު ހެކިބަސް ދެއްވައިފި
މުއިއްޒަށް ކުރާ ދައުވާގެ އަޑުއެހުން ކެންސަލްކޮށްފި
މުއިއްޒަށް ހައި ކޯޓުން ވެސް ކާމިޔާބެއް ނުވި
މުއިއްޒުގެ ހުށަހެޅުންތައް ނާކާމިޔާބުވުމުން ހައި ކޯޓަށް
މުއިއްޒުގެ ޝަރީއަތް މިއަދު ނުބޭއްވުނު
މުއިއްޒުގެ ޝަރީއަތް ފަސްކޮށްފި
މުއިއްޒު ވިދާޅުވީ އާބިޓްރޭޝަނަށް ބަޔާން ނުދެއްވާ ކަމަށް