Roadha Mihaaru
ގައުމީ ޔުނިވާސިޓީގެ ފަހި ދުވަސް މާދަމާ

ގައުމީ ޔުނިވާސިޓީގެ ފަހި ދުވަސް މާދަމާ

16 އޯގަސްޓް 2021

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ކޮންމެ އަހަރަކުވެސް ބާއްވާ ފަހި ދުވަސް، މާދަމާ އޮންނާނެ ކަމަށް އެ ޔުނިވާސިޓީން ބުނެފި އެވެ.

މަރިޔަމް ޝަހުދާ މަރިޔަމް ޝަހުދާ

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ކޮންމެ އަހަރަކުވެސް ބާއްވާ ފަހި ދުވަސް، މާދަމާ އޮންނާނެ ކަމަށް އެ ޔުނިވާސިޓީން ބުނެފި އެވެ.

އެމްއެންޔޫ އިން ކޮންމެ އަހަރަކުވެސް "ފަހި ދުވަސް" ކުރިއަށް ގެންދަނީ، ޔުނިވާސިޓީގެ ހުރިހާ ފެކަލްޓީތަކާއި ސެންޓަރުތައް ބައިވެރިވެގެން، ފެކަލްޓީތަކުގެ މައުލޫމާތު ދިނުމަށެވެ.

އެގޮތުން މާދަމާ ފަހި ދުވަހުގެ ހަރަކާތްތައް ޔުނިވާސިޓީގެ މައި މަރުކަޒުގައި، ހަވީރު 4-6 އަށް އަދި ރޭގަނޑު 8-10 އަށް ކުރިއަށް ދާނެ ކަމަށް އެ ޔުނިވާސިޓީން ބުނެ އެވެ.

މި ހަރަކާތުގައި އޯލެވެލް އަދި އެހެނިހެން ނަތީޖާ ލިބިފައިވާ ދަރިވަރުން ޔުނިވާސިޓީގެ ކޯސްތަކަށް ހުށަހެޅި ފޯމު ބަލައިގަތުން ކުރިއަށްދާނެ އެވެ. އަދި ޔުނިވާސިޓީގެ އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރުމަށް ބޭނުންވާ ލިޔުންތައް އެޓެސްޓު ކޮށްދިނުމުގެ ހިދުމަތް ވެސް މި ހަރަކާތުގައި ފޯރުކޮށްދޭނެ ކަމަށް އެމްއެންޔޫ އިން ބުނެ އެވެ.

މީގެ އިތުރުން އޮގަސްޓް މަހުގެ އިންޓޭކަށް ހުޅުވާލާފައިވާ ކޯސްތަކުގެ މައުލޫމާތު ފަހި ދުވަހުގެ ބައިވެރިންނާ ހިއްސާ ކުރާނެ ކަމަށް އެމްއެންޔޫ އިން ބުނެ އެވެ. އަދި މި ހަރަކާތުގައި މައުލޫމާތު ފޯރުކޮށް ދޭނީ ބަހާއި އިންސާނީ އިލްމުތަކުގެ ދާއިރާ، ތައުލީމީ، އިންޖީނިއަރިން، ސިއްހީ ދާއިރާ، ޓޫރިޒަމާއި މެހެމާންދާރީގެ ދާއިރާ، ދީނީ އިލްމުގެ ދާއިރާ، ސައިންސުގެ ދާއިރާ، ޝަރީއަތާއި ގާނޫނުގެ ދާއިރާ، ވިޔަފާރީގެ ދާއިރާ، ނިޔަމިކަމުގެ ދާއިރާގެ އިތުރުން ފައުންޑޭޝަން ކޯސްތަކާ ގުޅޭގޮތުންނެވެ.

އެމްއެންޔޫގެ މި އަހަރުގެ އޮގަސްޓް އިންޓޭކުގެ ކިޔެވުން އަންނަ ހަފްތާގައި ފަށާއިރު، ކޯސްތަކުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ބުރާސްފަތި ދުވަހެވެ. އަދި ސްކޮލާޝިޕަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު މަހު 9 ވަނަ ދުވަސް ކަމަށް އެމްއެންޔޫ އިން ބުނެ އެވެ.