Roadha Mihaaru
އެމްއެންޔޫގެ އިންޓޭކަށް ބަދަލުތަކެއް ގެނެސްފި

ދިރާސީ އަހަރަށް ބަދަލު ގެނައުމުން އެމްއެންޔޫގެ އިންޓޭކަށް ބަދަލުތަކެއް ގެނެސްފި

19 މެއި 2021

ސްކޫލުތަކުގެ ދިރާސީ އާ އަހަރު ފަށާ ދުވަސްވަރަށް ބަދަލުތަކެއް ގެނައުމުން، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ އިންޓޭކަށް ވެސް ބަދަލުތަކެއް ގެނެސްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސްކޫލުތަކުގެ ދިރާސީ އާ އަހަރު ފަށާ ދުވަސްވަރަށް ބަދަލުތަކެއް ގެނައުމުން، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ އިންޓޭކަށް ވެސް ބަދަލުތަކެއް ގެނެސްފި އެވެ.

އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފު "މިހާރު" އަށް މިއަދު ވިދާޅުވީ އަހަރަކު ދެ ޗުއްޓީ ލިބޭ ގޮތަށް ކޯހަށް ހުޅުވާލާ ދުވަސްވަރަށް ބަދަލުތަކެއް ގެންނަން އެކަޑެމިކް ސެނެޓުން ފާސްކޮށްފައިވާ ކަމަށެވެ. އެހެންވެ، މި އަހަރު ދެން ކޯސްތަކަށް ހުޅުވާލާނީ އެ އުސޫލުން ކަމަށް ވިދާޅުވި އެވެ.

އެންމެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ ޔުނިވާސިޓީގައި ކޮންމެ އަހަރަކު ވެސް ދެ އިންޓޭކަށް ހުޅުވާލަ އެވެ. އެއީ ޖެނުއަރީ އަދި ޖޫން-ޖުލައިގެ އިންޓޭކެވެ. ޑިމާންޑު ބޮޑުވުމުން ނާސިން ކޯހަށް ހާއްސަކޮށް އިތުރު އެއް އިންޓޭކް ހުޅުވާލަ އެވެ.

ސެނެޓުން ނިންމާފައިވަނީ ޖެނުއަރީ-ފެބްރުއަރީ އަދި އޮގަސްޓް މަހު އިންޓޭކަށް ހުޅުވާލާށެވެ. އެހެންވެ، ޑރ. ޝަރީފް ވިދާޅުވީ މި އަހަރުގެ ދެ ވަނަ ބުރަށް އޮގަސްޓް މަހު ހުޅުވާލާނެ ކަމަށެވެ.

"މި އަހަރުގެ ޑިސެމްބަރު-ޖެނުއަރީގައި ތިން ހަފުތާގެ ޗުއްޓީއެއް އަދި އަހަރުގެ މެދުތެރެއިން ވެސް ތިން ހަފުތާގެ ޗުއްޓީއެއް ލިބޭނެ،" ޑރ. ޝަރީފު ވިދާޅުވި އެވެ.

މީގެ ކުރިން ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަމުން އައީ ޖެނުއަރީގަ އެވެ. ނަމަވެސް މި އަހަރުން ފެށިގެން ދިރާސީ އާ އަހަރު ފަށާނީ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

ދިރާސީ އަހަރު ފަށާ ދުވަސްވަރަށް ބަދަލު ގެނައުމާ ގުޅިގެން އޯ ލެވެލް އަދި އޭ ލެވެލް އިމްތިހާނު ވެސް ދެން އޮންނާނީ މެއި/ޖޫން މަހުގެ ތެރޭގަ އެވެ.