Roadha Mihaaru
އެމްއެންޔޫގެ 117 ކޯހަކަށް ކުރިމަތިލާން ހުޅުވާލައިފި

100 އަށް ވުރެ ގިނަ ކޯސްތަކާއެކު އެމްއެންޔޫގެ ފެބްރުއަރީ މަހުގެ އިންޓޭކަށް ހުޅުވާލައިފި

06 ނޮވެމްބަރ 2022

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ އިންޓޭކުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ އިންޓޭކުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މި ބުރުގައި 117 ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތާއެކު 6،000 އެއްހާ ދަރިވަރުންގެ ޖާގަ ހުޅުވައިލި އެވެ.

ކޯހަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައިގަންނާނީ މިއަދުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ 26 ގެ ނިޔަލަށެވެ.

އެމްއެންޔޫ އިން ބުނިގޮތުގައި މި ފަހަރު ދެ ގޮތަކަށް ކޯހަށް ކުރިމަތިލެވޭނެ އެވެ. އެއީ އެމްއެންޔޫގެ އެޑްމިޝަން ޕޯޓަލް މެދުވެރިކޮށް އަދި ފޯމު ފުރުމަށް ފަހު އެމްއެންޔޫ ސެންޓްރަލްގެ ރިސެޕްޝަނަށް ނުވަަތަ އެ ޔުނިވަސިޓީގެ ހަތަރު ކެމްޕަހަށް ހުށަހެޅައިގެންނެވެ.

އެމްއެންޔޫގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ޔުނިވަސިޓީގެ ވައިސް ޗާންސެލަރު މުހައްމަދު ޝަރީފު ވިދާޅުވީ، މި ފަހަރު ވެސް ހުރިހާ ފެކަލްޓީތަކުން ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޔޫގެ ވައިސް ޗާންސިލަރު މުހައްމަދު ޝަރީފް ވާހަކަ ދައްކަވަނީ ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޔޫގެ ވައިސް ޗާންސިލަރު މުހައްމަދު ޝަރީފް ވާހަކަ ދައްކަވަނީ ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އޭނާ ވިދާޅުވި ގޮތުގައި، ޑިމާންޑު ބޮޑު ކޯސްތަކަށް ދަރިވަރުން ހޮވާނީ މެރިޓް އުސޫލުންނެވެ. އެއީ ކުރިމަތިލާ ދަރިވަރުންގެ ތެރެއިން އެންމެ މަތިން މާކްސް ހޯދާ ދަރިވަރުން ހޮވުމެވެ. އެހެން ކޯސްތަކަށް ހޮވާނީ، ކުރިއެކޭ ވެސް އެއްފަދައިން، ކޯހަށް އެދި ހުށަހަޅާ ތަރުތީބުންނެވެ.

"ބައެއް ކޯސްތަކަކީ ވަރަށް ޝަރުތުތައް މަތި، ކުދިން ނަގާއިރު ވަރަށް ބޮޑަށް ބާލާނެ ކޯސްތައް. މެރިޓު އުސޫލުން އެ އަށް ކުދިން ނަގާއިރު، އިންޓަވިއު ވެސް ކުރާނެ،" ޝަރީފް ވިދާޅުވި އެވެ.

އެމްއެންޔޫގެ ރަޖިސްޓްރާ މުހައްމަދު ލޯމިރު ވިދާޅުވީ، ކޯސްތަކަށް ކުރިމަތިލާ ދަރިވަރުން، ކޯހަށް އެދި ހުށަހަޅާތާ ދެ ހަފުތާގެ ތެރޭގައި ހޮވުނުކަން އަންގާނެ ކަމަށެވެ. އެކަމަކު، މެރިޓް އުސޫލުން ހޮވާ ދަރިވަރުން ކޯހަށް ހޮވުނުކަން އަންގާނީ އަންނަ އަހަރުގެ ޖެނުއަރީ 26 އިން ފެށިގެން ދެ ހަފުތާގެ މުއްދަތުގެ ތެރޭގަ އެވެ.

އެމްއެންޔޫގެ ޓްރެޝަރާ މުހައްމަދު ލޯމިރު މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެމްއެންޔޫގެ ޓްރެޝަރާ މުހައްމަދު ލޯމިރު މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ފެބްރުއަރީ އިންޓޭކުގައި މެރިޓް އުސޫލުން ޖާގަ ދޭ ކޯސްތަކުގެ ތެރޭގައި ހިމެނެނީ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ބެޗެލާސް އޮފް މެޑިކަލް ލެބޯރެޓަރީ ސައިންސާއި ފެކަލްޓީ އޮފް އިންޖިނިއަރިން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ބެޗެލާސް އޮފް އާޓްސް އިން އާކިޓެކްޗަރަލް ޑިޒައިނާއި ސްކޫލް އޮފް މެޑިސިންގެ ޑިގްރީ އިން ޑޮކްޓާ އޮފް މެޑިސިންގެ އިތުރުން ފެކަލްޓީ އޮފް ނާސިންގެ ދެ ކޯހެކެވެ.

މި ފަހަރުގެ އިންޓޭކުގައި އާންމުކޮށް ޑޮކްޓަރުންގެ ކޯހަށް ހުޅުވާލާ 40 ޖާގައިގެ އިތުރަށް 10 ޖާގަ ހުޅުވާލަން ވަނީ ނިންމައިފަ އެވެ. އެއީ ބޭރުގައި ކިޔަވަން ތިބި މީހުންގެ ތެރެއިން އެކި ކަންކަމާ ހެދި ނުކިޔެވިފައި ތިބި ކުދިންނެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޔުނިވަސިޓީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޔުނިވަސިޓީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"....ޔޫކްރެއިންގައި ކިޔަވަން ތިބި ދަރިވަރުންނާއި ރަޝިއާ އަށް ލާރި ނުފޮނުވިގެން ނުކިޔެވި ތިބި ބައެއް ކުދިން މިހާރު ވަނީ ރަޖިސްޓަރީ ކޮށްފައި. އޭގެ ތެރެއިން ވެސް ޖާގަ ދޭނީ މި ޔުނިވަސިޓީގެ އެޑްމިޝަން ޝަރުތުތައް ފުރިހަމަވާ ދަރިވަރުންނަށް،" ޝަރީފް ވިދާޅުވި އެވެ.

މި ދިޔަ މަހު އޭލެވެލް ނިންމި ދަރިވަރުންގެ ތެރެއިން ކޯހަށް ކުރިމަތިލާން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. ސްކޫލް ލީވިން ސެޓްފިކެޓާއި ސްކޫލުގެ ނަތީޖާތަކާއެކު ކޯހަށް ހުށަހެޅޭނެ ކަމަށް އެމްއެންޔޫ އިން ބުނެ އެވެ. އެ ކުދިންގެ އޭލެވެލް ނަތީޖާ ލިބޭ އެންމެ އަވަހަކަށް އެ ހުށަހެޅުމުން، އެ ނަތީޖާ ކަށަވަރުކުރުމަށް ފަހު ކޯހުގައި ރަޖިސްޓަރީ ކޮށްދޭނެ ކަމަށް އެ ޔުނިވަސިޓީން ބުންޏެވެ.

އެމްއެންޔޫއަކީ ރާއްޖޭގެ މަތީ ތައުލިމުދޭ މަރުކަޒުތަކުގެ ތެެރެއިން އެންމެ ކުރީ ސަފުން ފާހަގަކޮށްލެވޭ ޔުނިވަސިޓީއެކެވެ. ރާއްޖޭގެ ފުރަތަމަ ޔުނިވަސިޓީން ފުރަތަމަ ޑިގްރީ ހާސިލްކުރާ ހުރިހާ ދަރިވަރުންނަށް ސަރުކާރުން ދޭ ހިލޭ ޑިގްރީ ސްކޮލަޝިޕް ލިބެ އެވެ.

MNU Portal

MNU Portal

އެމްއެންޔޫގެ ކޯހަކަށް އެދި ހުށަހަޅަން ބޭނުން ކުރާ އެޑްމިޝަން ޕޯޓަލް