Roadha Mihaaru
ރިސޯޓެއްގައި މިރޭ ވެސް އަލިފާނުގެ ހާދިސާއެއް

ރިސޯޓެއްގައި މިރޭ ވެސް އަލިފާނުގެ ހާދިސާއެއް، އަލިފާން ކޮންޓްރޯލް ކޮށްފި

15 އޯގަސްޓް 2021

އދ. އަތޮޅުގައި އޮންނަ ރިސޯޓެއް ކަމަށްވާ ޑައިމަންޑްސް އަތުރުގާ މޯލްޑިވްސް ރިސޯޓް އެންޑް ސްޕާގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އދ. އަތޮޅުގައި އޮންނަ ރިސޯޓެއް ކަމަށްވާ ޑައިމަންޑްސް އަތުރުގާ މޯލްޑިވްސް ރިސޯޓް އެންޑް ސްޕާގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމަށް މައުލޫމާތެއް ނުލިބެ އެވެ.

އެމްއެންޑީއެފުން ބުނީ މި އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިރޭ 20:22 ގަ ކަމަށެވެ. އަދި މިހާރު މި އަލިފާންގަނޑު ކޮންޓުރޯލް ކުރެވިފައި ކަމަށެވެ. އިތުރު ތަފުސީލެއް ނުދެ އެވެ.

ދ. އަތޮޅުގައި ހިންގަމުން އަންނަ ނިޔާމަ ރިސޯޓުގެ ވޯޓާ ވިލާތަކެއްގައި ރޭ ވެސް އަލިފާން ރޯވެ، ވަރަށް ބޮޑެތި ގެއްލުންތަކެއްވެފައިވެ އެވެ. އަދި އެ ރިސޯޓަށް ސިފައިން ދިއުމުގެ ކުރިން ވަނީ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފަ އެވެ. އެ ހާދިސާގައި ވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.

ރިސޯޓުތަކުގެ އަލިފާނުގެ ހާދިސާތައް މި ދުވަސްކޮޅު ގިނަވެފައިވާއިރު، މިދިޔަ ހަފުތާގައި ވަނީ މާލެ އަތޮޅުގައި ހިންގަމުން އަންނަ އޯޒެން ލައިފް މާދޫ ރިސޯޓުގައި ވެސް ތެޔޮ ފީފާއެއްގައި ރޯވެ އެ ތަނުގައި މަސައްކަތް ކުރާ ހަތަރު މުވައްޒަފަކު ފިހިފަ އެވެ. އެ މީހުންނަށް ވަނީ މާލެ ގެެނެސް ފަރުވާ ވެސް ދީފަ އެވެ.