Roadha Mihaaru
އޭ ލެވެލްއާ ނުލައި މަތީތައުލީމަށް ދެވިދާނެތަ؟

އޭ ލެވެލްއާ ނުލައި މަތީތައުލީމަށް ދެވިދާނެތަ؟

15 އޯގަސްޓް 2021

ރާއްޖޭގައި ސާނަވީ އިމްތިހާނު ނިންމާ ދަރިވަރުންގެ ތެރެއިން މަތީ ސާނަވީ އަށް ދަނީ ގާތްގަނޑަކަށް 30 ޕަސެންްޓު ދަރިވަރުންނެވެ. ޒަމާނުއްސުރެ ގަބޫލުކުރެވޭ ގޮތުގައި މަތީ ތައުލީމަށް ދިއުމަށް މަތީ ސާނަވީގެ ނަތީޖާއަކީ ކޮންމެހެން މުހިއްމު އެއްޗެކެވެ. މަތީ ސާނަވީ އަށް ފުރުސަތު ނުލިބޭ ދަރިވަރުން ޑިގްރީ ފެންވަރަށް ކިޔެވުމަށް ފުރުސަތު ހޯދުމުގައި ދަތިތަކާ ކުރިމަތިވެ އެވެ.

ރާއްޖޭގައި ސާނަވީ އިމްތިހާނު ނިންމާ ދަރިވަރުންގެ ތެރެއިން މަތީ ސާނަވީ އަށް ދަނީ ގާތްގަނޑަކަށް 30 ޕަސެންްޓު ދަރިވަރުންނެވެ. ޒަމާނުއްސުރެ ގަބޫލުކުރެވޭ ގޮތުގައި މަތީ ތައުލީމަށް ދިއުމަށް މަތީ ސާނަވީގެ ނަތީޖާއަކީ ކޮންމެހެން މުހިއްމު އެއްޗެކެވެ. މަތީ ސާނަވީ އަށް ފުރުސަތު ނުލިބޭ ދަރިވަރުން ޑިގްރީ ފެންވަރަށް ކިޔެވުމަށް ފުރުސަތު ހޯދުމުގައި ދަތިތަކާ ކުރިމަތިވެ އެވެ.

ނަމަވެސް ވޭތުވެދިޔަ 10 އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ މަތީ ތައުލީމަށް އައި އިންގިލާބާ ގުޅިގެން، މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ހަމަހަމަ ގޮތެއްގައި އެކަމަށް އެދޭ ހުރިހާ ފަރާތްތަކަށް ވެސް މިހާރު އެބަ އޮތެވެ. އޭލެވެލް ނުހެދިޔަސް މަތީ ތައުލީމަށް ދެވޭނެ އިތުރު ގޮތްތަކެއް މިހާރު އޮތީ ތައާރަފުވެފަ އެވެ.

އޯލެވެލް ނިންމާލުމަށް ފަހު އޭލެވެލް ހެދުމުގެ ބަދަލުގައި ފައުންޑޭޝަން ޕްރޮގްރާމެއް ހަދައިގެން ޑިގްރީ އަށް ކިޔަވަން ފެށުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އާންމު ކަމެކެވެ.

ރާއްޖޭގައި އެންމެ ފެންވަރު ރަނގަޅު ފުރަތަމަ ޑިގްރީ އަދި މާސްޓާސް ހިންގާ ފަރާތް ކަމަށްވާ ވިލާ ކޮލެޖުގެ ފަރާތުން ހިންގާ ޑިގްރީ ޕްރޮގްމާތަކުގައި ވެސް އޯ ލެވެލް ނުވަތަ އެސްއެސްސީ އިން ތިން މާއްދާއިން ފާސްވެފައިވާ ދަރިވަރުންނަށް އެއް އަހަރު ދުވަހުގެ ފައުންޑޭޝަނަކަށް ފަހު ވިލާ ކޮލެޖުގެ އަމިއްލަ ޑިގްރީ ނުވަތަ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްގެ ޑިގްރީ އަށް ވަނުމުގެ ފުރުސަތު އޮވެ އެވެ.

ވިލާ ކޮލެޖުގެ ސެންޓަ ފޯ ފައުންޑޭޝަން ސްޓަޑީސްގެ ޑިރެކްޓަރު އަލީ ޝަރީފް ވިދާޅުވި ގޮތުގައި އެ ކޮލެޖުގެ ކޮންމެ ސެމިސްޓާ އަކުހެން ވެސް އެތައް ދަރިވަރުން ޑިގްރީ ފައުންޑޭޝަން ޕްރޮގްރާމް ނިންމުމަށް ފަހު، އެ ކޮލެޖުގައި ހިންގާ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދި ވެސްޓް އޮފް އިންގްލޭންޑް (ޔޫވީ) އަދި ވިލާ ކޮލެޖުގެ އަމިއްލަ ޑިގްރީތަކަށް ކިޔަވަން ފަށަ އެވެ.

"ފައުންޑޭޝަން ނިންމުމަށް ފަހު ޑިގްރީ އަށް ދާ ދަރިވަރުން ތިބެނީ ޔުނިވާސިޓީ ތައުލީމަށް އަހުލުވެރިވެފައި. އޭގެ ސަބަބުން އެ ކުދިންނަށް ޑިގްރީ އަށް ކިޔެވުމުގައި ފަސޭހަކަތަކެއް ހުރޭ. ސްކޫލްގައި ކިޔެވުމާއި ޔުނިވާސިޓީގައި ކިޔެވުމާ ތަފާތު. ޔުނިވާސިޓީ ތައުލީމުގައި ކޮމިއުނިކޭޝަން ސްކިލްސް، އެކަޑެމިކް ރައިޓިން ސްކިލްސް، ރިސާޗް ކުރުން ފަދަ ހުނަރުތައް މުހިއްމު،" އޭނާ ވިދާޅުވި އެވެ.

"ފައުންޑޭޝަން ޕްރޮގްރާމަތްކުގެ އެސެސްމަންޓްތައް ވެސް މި ހުންނަނީ މި ކަހަލަ ބައެއް ހުނަރުތައް ދަރިވަރުންނަށް ލިބިފައިވާކަން ވަޒަންކޮށް ޔަގީން ކުރެވޭގޮތަށް. އެހެންވެ އިމްތިހާނުގެ އިތުރުން އެސައިންމެންޓްސް އާއި ޕްރެސްންޒެންޓޭޝަންތަކާ ކަންތައް ދަރިވަރުންގެ ފެންވަރު ވަޒަން ކުރުމުގައި ބޭނުންކުރެވޭ. ފައުންޑޭޝަން ޕްރޮގްރާމެއްގެ އެންމެ މުހިންމު އެއް ބޭނުމަކީ ޑިގްރީ އަށް ދާން ބޭނުންވާ އެކަޑެމިކް ނޮލެޖާ އެކު މިފަދަ ސްކިލްތައް ޑިވެލޮޕްވެގެން ދިއުން."

ވިލާ ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓާ، އެކަޑެމިކް އެންޑް ސްޓޫޑަންޓްސް ޑރ. އަބްދުﷲ ސޯދިގު ވިދާޅުވީ ފައުންޑޭޝަން ޕްރޮގްރާމްތައް ޑިޒައިންކޮށްފައި ހުންނަނީ ދަރިވަރުން ޔުނިވާސިޓީ ތައުލީމަށް ހޭނުމަށް ކަމަށް ވާތީ، ޑިގްރީގެ ފުރަތަމަ މަރުހަލާ ވެސް ފައުންޑޭޝަން ހަދާ ދަރިވަރުންނަށް ވަރަށް ފަސޭހަ ވެގެންދާ ކަމަށެވެ.

ވިލާ ކޮލެޖުގެ ދަރިވަރުންތަކެއް: އޭލެވެލް ނުހެދިޔަސް މަތީ ތައުލީމަށް ދާން ފުރުސަތުތައް އެބަހުރި.-- ފައިލް ފޮޓޯ: މިހާރު

ވިލާ ކޮލެޖުގެ ދަރިވަރުންތަކެއް: އޭލެވެލް ނުހެދިޔަސް މަތީ ތައުލީމަށް ދާން ފުރުސަތުތައް އެބަހުރި.-- ފައިލް ފޮޓޯ: މިހާރު

"ގިނަ ކުދިން ފައުންޑޭޝަން ހަދާނީ އެ ކުދިން ޑިގްރީ ހަދަން އިހުތިޔާރު ކުރާ ދާއިރާއަކުން. އެހެންވެ އެ ކުދިން ކިޔަވަން ފަށައި ގަންނަނީ ވެސް އެ ދާއިރާގެ ކޮންމެވެސް ވަރެއްގެ ނޮލެޖަކާ އެކު. ވިލާ ކޮލެޖުގެ ފައުންޑޭޝަން ނިންމި ދަރިވަރުން މެލޭޝިއާ، އޮސްޓްރޭލިއާ، ޔޫކޭ ފަދަ ގައުމުތަކުގެ ޔުނިވާސިޓީގައި ވެސް ޑިގްރީ އަށް ކިޔަވަމުންދޭ. ނަތީޖާ ވެސް ރަނގަޅު." ސޯދިގު ވިދާޅުވި އެވެ.

ވިލާ ކޮލެޖުގައި ފައުންޑޭޝަން ނިންމުމަށް ފަހު ޑިގްރީއަށް ކިޔަވަމުން އަންނަ ދަރިވަރަކު ބުނި ގޮތުގައި އޯލެވެލްގައި އޭނާ ފާސްވީ ތިން މާއްދާއިންނެވެ. ވިލާ ކޮލެޖުގެ ފައުންޑޭޝަން ކޯހެއް ނިންމުމަށް ފަހު ޔުނިވާސިޓީ އޮފް ދި ވެސްޓް އޮފް އިންގްލޭންޑުގެ ޑިގްރީ ކޯސް ފަށައިގެން މިހާރު ކިޔަވަމުން އަންނަނީ ޑިގްރީގެ ފަހު އަހަރެވެ.

"އަޅުގަނޑު ޑިގްރީ ހަދަން ފެށީ ފައުންޑޭޝަން ކޯހެއް ހެދުމަށް ފަހު. އެކަޑްމިކް ރިފަރެންސިން، ގްރޫޕް އެސައިންމެންޓްސް، އިންޑިވިޖުއަލް އެސައިންމަންޓްސް، ޕްރެޒެންޓޭޝަން ކަހަލަ ކަންތައް ދަސްވެފައި ހުރުމުން އަލަށް އެ ކަންތައްތައް ކުރަން ޖެހުނު ދަރިވަރުންނާ އަޅާބަލާ އިރު ވަރަށް ފަސޭހަވި،" އޭނާ ކިޔައިދިނެވެ.

"އޭގެ އިތުރުން ފައުންޑޭޝަން ހެދުމަށް ނަގާ މުއްދަތު ކުރުވީމަ އަޅުގަނޑާއެކު ސްކޫލުގައި އުޅުނު ކުދިން ޑިގްރީ އަށް ކިޔަވަމުންދާ އިރު އަޅުގަނޑު ހުންނާނީ ޑިގްރީ ނިމި ވަޒީފާގެ މައިދާނުގައި. އަޅުގަނޑުގެ އޯލެވެލް ކްލާސްމޭޓުން އޭލެވެލް އަށް ތައްޔާރުވާން ފެށިއިރު އަޅުގަނޑުގެ ޑިގްރީގެ ފުރަތަމަ އަހަރު ނިމިއްޖެ."

ގިނަ ދާއިރާތަކުން ފައުންޑޭޝަން ޕްރޮގްރާމްތައް ހިންގާ ވިލާ ކޮލެޖުގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި އެ ކޮލެޖުގައި ވަރަށް ގިނަ ދާއިރާތަކުން ފައުންޑޭޝަނަށް ކިޔެވުމުގު ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ. އެންމެ ގިނަ ދަރިވަރުން ހަދަނީ ބިޒްނަސް، އައިޓީ، ހިއުމަން ރިސޯސަސް، ލޯ، އެކައުންޓިން, ސައިކޮލޮޖީ، އަދި ޓީޗިން ދާއިރާގެ ފައުންޑޭޝަނެވެ. މީގެ އިތުރުން އިންޓީރިއާ ޑިޒައިން، އިންޖިނިއަރިންގެ ޓޫރިޒަމް އާއި މާކެޓިން އަކީ ވެސް ދަރިވަރުންގެ މެދުގައި މަގުބޫލްކަން އިތުރުވަމުން އަންނަ ދާއިރާތަކެވެ. ހަމަ އެއާއެކު ސެޓްފިކެޓް 4 އިން ނާސިން އާއި ފާމަސީ އަކީ ވެސް ޑިމާންޑް ބޮޑު ޕްރޮގްރާމްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ވިލާ ކޮލެޖުގެ ފައުންޑޭޝަން ކޯސްތަކުގައި ކޮލެޖަށް ހާޒިރުވެގެން ފޭސް ޓު ފޭސްކޮށް ކިޔަވަން ނުވަތަ އޮންލައިންކޮށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. ވިލާ ކޮލެޖުގެ މާލޭގައި ހުންނަ ކިއުއައި ކެމްޕަސްގެ އިތުރުން ސ. ހިތަދޫ، ލ. ގަމު، އދ. މަހިބަދޫ، ޅ. ނައިފަރު، ށ. ފޮނުދޫގައި ހުންނަ ލޭކްސައިޑް ކެމްޕަހުގައި ވެސް މި ޕްރޮގްރާމްތައް ހިންގޭނެއެވެ. އެ ކޯސްތަކުގައި ބައިވެރިވާ ދަރިވަރުންނަށް މަހުން މަހަށް ބަހާލައިގެން ފީ ދެއްކޭނެ އިންތިޒާމް ވެސް ހަމަޖައްސާފައި ވެ އެވެ.

ވިލާ ކޮލެޖުން ބުނީ ފައުންޑޭޝަން ޕްރޮގްރާމަށް ވަދެވޭ ވަރަށް ފާސް ހަމަ ނުވާ ދަރިވަރުންނަށް ވެސް ތިން މަސް ދުވަހުގެ ސެޓްފިކެޓް ތިނެއްގެ ފެންވަރުގެ ކޯހެއް ހެދުމަށް ފަހު ފައުންޑޭޝަން ޕްރޮގްރާމްތަކުގައި ބައިވެރިވެވޭނެ ކަމަށެވެ.

އެ ކޮލެޖުގައި އަހަރަކު ތިން އިންޓޭކަށް ކިޔަވައިދެމުން ގެންދާއިރު ކޮންމެ އިންޓޭކެއްގައި ވެސް 1000-1500 ދަރިވަރުން މަތީ ތައުލީމް ހާސިލްކުރުމަށް އަލަށް ގުޅެ އެވެ. ވިލާ ކޮލެޖުގެ ޕާޓްނަރު ޔުނިވާސިޓީ ކަމަށްވާ، އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދި ވެސްޓް އޮފް އިންގްލޭންޑަކީ (ޔޫވީ) އަކީ ޔޫކޭގައި 21 ވަނައަށް ރޭންކް ކުރެވިފައިވާ އަދި އެ ގަައުމުގެ ސަރުކާރުން ހަޔަ އެޑިއުކޭޝަން އިންސްޓިޓިއުޓްތައް ވަޒަން ކުރުމަށް ގެންގުޅޭ މިންގަނޑެއް ކަމަށްވާ "ޓީޗިން އެކްސެލެންސް ފްރޭމްވޯކް"ގެ ގޯލްޑް ސްޓޭޓަސްގައި ގިންތި ކުރެވިފައިވާ ޔުނިވާސިޓީއެކެވެ.

ވިލާ ކޮލެޖުގެ ދަރިވަރުން ދެކޭ ގޮތުގައި އަމިއްލަ ގައުމުގައި ތިބެ މި ފަދަ ޔުނިވާސިޓީއެއްގެ ޕްރޮގްރާމް ފުރިހަމަކުރުމަށް މަގުފަހިވެފައި ވުމަކީ އެ ކުދީންނަށް ލިބިފައިވާ އަގުހުރި ފުރުސަތެކެވެ.