Roadha Mihaaru
"އިންޑިއާ ޓޫރިސްޓުންނަށް ވީތީ ތަފާތުކޮށްގެން ނުވާނެ"

އިންޑިއާ ޓޫރިސްޓުންނަށް ވީތީ ތަފާތުކޮށްގެން ނުވާނެ: ގޭމް

15 އޯގަސްޓް 2021

ޓޫރިސްޓުންގެ ގޮތުގައި ރާއްޖެއަށް އަންނަ އިންޑިއާ މީހުންނަކީ ވެސް އުސޫލާ އެއްގޮތަށް އަންނަ މީހުން ކަމަށާއި އިންޑިއާއަށް ނިސްބަތް ވީތީ އެ މީހުންނާ ތަފާތުކޮށްގެން ނުވާނެ ކަމަށް ގެސްޓު ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން މިއަދު ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ޓޫރިސްޓުންގެ ގޮތުގައި ރާއްޖެއަށް އަންނަ އިންޑިއާ މީހުންނަކީ ވެސް އުސޫލާ އެއްގޮތަށް އަންނަ މީހުން ކަމަށާއި އިންޑިއާއަށް ނިސްބަތް ވީތީ އެ މީހުންނާ ތަފާތުކޮށްގެން ނުވާނެ ކަމަށް ގެސްޓު ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން މިއަދު ބުނެފި އެވެ.

މާލެ ސަރަހައްދުގެ ގެސްޓު ހައުސްތަކަށް، ކޮވިޑްގެ ހާލަތު ގޯސް އިންޑިއާ ޓޫރިސްޓުން ޗެކިން ވާތީ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެކަމާ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އިންޑިއާގައި ބަލި ފެތުރޭއިރު ކަރަންޓީންވުމުގެ ބޭނުމުގައި ރާއްޖެ އަންނަ ޓޫރިސްޓުން ބޭރަށް ނުކުމެ އުޅުމަކީ ނުރައްކަލެއް ކަމަށް ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރި ބައެއް މީހުން ވަނީ ބުނެފަ އެވެ.

ވެކްސިން ފުރިހަމަކޮށްގެން ރާއްޖޭން ބޭނުން އަންނަ މީހުން ކަރަންޓީނުގައި ތިބޭކަށް ނުޖެހެ އެވެ. ކޮވިޑްގެ ހާލަތު އިންޑިއާގައި އަދިވެސް ގޯސްކޮށް އޮތުމުން އެ ގައުމުން އެހެން ގައުމުތަކަށް ދަތުރުކުރުން މަނާކޮށްފައި ވާތީ، ރާއްޖޭ މަގުން އެހެން ގައުމުތަކަށް ދާން ގިނަ އަދަދެއްގެ އިންޑިއާ މީހުން ރާއްޖެއަށް އާދެ އެވެ.

މިކަމާ ގުޅޭގޮތުން ގޭމްގެ ސެކެޓްރީ ޖެނެރަލް ސައުދުﷲ އަހުމަދު ހަސަން (ސައުދު) "މިހާރު" އަށް ވިދާޅުވީ "ކަރަންޓީނު ވުމުގެ ބޭނުމުގައި" މީހުން ރާއްޖެ އަންނަނީ ޓޫރިސްޓުންގެ ގޮތުގައި ކަމަށް ވާއިރު އެ މީހުންނާ މެދު އަމަލު ކުރަން ޖެހޭނީ ވެސް ޓޫރިސްޓުންނާ މެދު އަމަލުކުރާ ގޮތަށް ކަމަށެވެ. އަދި ވަކި ގައުމަކަށް ނިސްބަތްވާތީ ތަފާތު ކޮށްގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރާއްޖެއަށް އަންނަން ނުދޭނެ ކަރަންޓީން ވިސާއެއް. ހަމަ ޓޫރިސްޓު ވިސާގައި އަންނަނީ. އެ މީހުން ވެސް ގްރީން ޓެކްސް ދައްކާނެ. އެހެންވީމާ އެ މީހުންނާ މެދު އަމަލު ކުރަން ވެސް ޖެހޭނީ ޓޫރިސްޓުން ގޮތަށް،" ސައުދު ވިދާޅުވި އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކަށް ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން އިންޑިއާއިން ރާއްޖޭގެ ގެސްޓު ހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މީގެ ތެރޭގައި އިންޑިއާއިން ސީދާ ނުދެވޭ ގައުމުތަކަށް ދިއުމަށް ރާއްޖޭގައި ކަރަންޓީން މުއްދަތު ފުރިހަމަ ކުރަން އަންނަ ޓޫރިސްޓުން ވެސް ހިމެނެ އެވެ.

ސައުދު ވިދާޅުވީ މާލެ ސަރަހައްދުގެ ގެސްޓު ހައުސްތަކަށް ޓޫރިސްޓުން ގެންނަނީ އެޗްޕީއެގެ ގަވާއިދާ އެއްގޮތަށް ކަމުގެ ފުރިހަމަ ޔަގީން ކަން އެބައޮތް ކަމަށެވެ. އެހެންކަމުން އެ ހުރިހާ ޓޫރިސްޓުންނަކީ ވެސް ކޮވިޑް-19ގެ ވެކްސިން ފުރިހަމަ ކޮށްފައިވާ ޓޫރިސްޓުން ކަމަށާއި ތަފާތު ކުރުން ހުއްޓާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓޫރިސްޓުން އައުމުގެ ކުރިން އެއާލައިނުން ބަލާނެ ދަނީ ކޮން ތަނަކަށް ކަމާއި، އެތަނަކަށް ދެވެން އޮންނަ ގަވާއިދުތައް. ހަމައެގޮތަށް ވީއައިއޭއަށް އައުމުން އިމިގްރޭޝަނުން ވެސް ބަލާނެ މާލޭގެ ގެސްޓުހައުސްއަކަށް އަންނަންޏާ އެއީ ދެ ޑޯޒު ޖަހާފައި ހުރި މީހެއްތޯ. އެއަށްފަހު ހުއްދަ ދޭނީ،" ސައުދު ވިދާޅުވި އެވެ.

އެޗްޕީއޭ އިން މިދިޔަ ހަފުތާގައި ނެރުނު އުސޫލުގައި ބުނެފައިވާގޮތުގައި މާލެ ހިމެނޭހެން، މީހުން ދިރިއުޅޭ ރަށްރަށަށް ޓޫރިސްޓުންނަށް ދެވޭނީ ވެކްސިން ފުރިހަމަ ކޮށްގެންނެވެ. އަދި ވަކި ޝަރުތުތަކެއް ހަމަވާ ރަށްތަކަށް ވެކްސިން ފުރިހަމަ ނުކުރާ ޓޫރިސްޓުންނަށް ވެސް ދެވޭނެ އުސޫލެއް ވަނީ ހަދައިފަ އެވެ.

އެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ވެކްސިން ފުރިހަމަ ނުކުރާ ޓޫރިސްޓުންނަށް ދެވޭނީ ރަށުގެ އާބާދީގެ 60 ޕަސެންޓު ވެކްސިން ފުރިހަމަކޮށްފައިވާނަމަ އެވެ. އަދި އެ ރަށެއްގައި ޓޫރިސްޓުންނަށް ހިދުމަތްދޭ މުވައްޒަފުންގެ 95 ޕަސެންޓު ވެކްސިން ފުރިހަމަ ކުރަން ޖެހޭއިރު 65 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓު ވެކްސިން ފުރިހަމަ ކުރަން ޖެހޭނެ އެވެ.

މާލޭގެ އާބާދީގެ 60 ޕަސެންޓު ވެކްސިން ފުރިހަމަ ނުކުރާތީ މި ސަރަހައްދުގެ ގެސްޓުހައުސްތަކަށް ޗެކިން ކުރެވޭނީ ހަމައެކަނި ވެކްސިން ފުރިހަމަ ކޮށްފައިވާ ޓޫރިސްޓުންނަށެވެ.