Roadha Mihaaru
ވަޅިއެއް ހިފައިގެން ހުރެ ބިރު ދެއްކި މީހަކު ޖަލަށް

ރިސޯޓެއްގައި ވަޅިއެއް ހިފައިގެން މުވައްޒަފަކަށް އިންޒާރު ދިން މީހަކު ޖަލަށް

15 އޯގަސްޓް 2021

ކ. މާދޫފިނޮޅު ރިސޯޓުގައި ދެ މުވައްޒަފެއްގެ ދެމެދުގައި ޖެހުނު މައްސަލައެއްގައި ވަޅިއެއް ހިފައިގެން ހުރެ އެހެން މުވައްޒަފަށް ބިރު ދެއްކުމުން އެ މީހާ އެއް އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަކަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ކ. މާދޫފިނޮޅު ރިސޯޓުގައި ދެ މުވައްޒަފެއްގެ ދެމެދުގައި ޖެހުނު މައްސަލައެއްގައި ވަޅިއެއް ހިފައިގެން ހުރެ އެހެން މުވައްޒަފަށް ބިރު ދެއްކުމުން އެ މީހާ އެއް އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަކަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ދައުލަތުން އެ މައްސަލައިގައި ކުރި ދައުވާގައި ބުނީ، އޮކްޓޯބަރު 17، 2015 ގައި މާދޫ ފިނޮޅުގެ ކެންޓީނުގައި އެ ރިސޯޓުގެ މުވައްޒަފަކު ކޮފީ ބޯން އިންދައި، ދައުވާ ލިބުނު މީހާ، ދިގުމިނުގައި 12 އިންޗި ހުރި ވަޅިއަކުން ޖަހައި އެހެން މީހެއްގެ ކޮފީ ތަށި ބުރުވައިލި ކަމަށެވެ.

"ކަލޭ ފުއްޕައިގެން ނޫޅޭ" އެ މީހާ އަށް ދިމާ އަށް ބުނެ އިންޒާރުދީ، ބިރު ވެސް ދެއްކި ކަމަށް ދައުލަތުން ބުންޏެވެ.

އެ މީހާ ކޯޓުގައި އިއުތިރާފު ވުމުން، އޭނާގެ މައްސަލަ ކުރިއަށް ގެންދިޔައީ އަވަސް ނިޔާގެ ގޮތުގަ އެވެ. ދައުލަތުން އެދުނީ ދެވޭނެ އެންމެ ކުޑަ އަދަބެއް އޭނާ އަށް ކަނޑައަޅައިދިނުމަށެވެ.

ދައުވާ ލިބުނު މީހާ އިއުތިރާފުވެ، އެކަން ހިނގައި ދިޔަ ގޮތް ޝަރީއަތުގައި އަދި ތަހުގީގުގައި ވެސް ކިޔައިދީފައިވާތީ އެއީ ކުށެއް ކުރެވުނުކަން އޭނާގެ އަމިއްލަ ޒަމީރަށް ވެސް ގަބޫލު ކުރެވޭ، ދަލާލަތު ކުރާ ކަމެއް ކަމަށް އެ މައްސަލައިގައި މި މަހުގެ ހަތަރު ވަނަ ދުވަހު ގާޒީ ސޮފްއަތު ހަބީބު ކުރެއްވި ހުކުމުގައިވެ އެވެ.

އަދި އޭނާގެ އިއުތިރާފުގެ ސަބަބުން އަޑުއެހުންތައް ބާއްވަން ކުރަން ޖެހޭ ހަރަދުތައް މަދުވެ، ދައުލަތަށް މާލީ ގޮތުން ލުޔެއް ވެސް ލިބޭތީ އެންމެ އިންސާފުވެރި ގޮތަކީ އެންމެ ލުއި އަދަބެއް ދިނުން ކަމަށް ހުކުމުގައިވެ އެވެ.

އެހެންކަމުން، ގާޒީ ސޮފްއަތު ހުކުމް ކުރެއްވީ، އޭނާ އެއް އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގައިވާ ގޮތުން މީހެއްގެ ފުރާނަ އަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ދީފާނެ ކަމުގެ ބިރު ދެއްކުން ނުވަތަ އިންޒާރު ދިނުމުގެ ކުށުގެ އަދަބަކީ ހަ މަހާއި 18 މަސް ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ. އެކަން ކުރީ ތޫނު އެއްޗެއް ބޭނުންކޮށްގެން ނަމަ ކުށުގެ އަދަބަށް އެއް އަހަރު ދުވަހާއި ތިން އަހަރު ދުވަހާ ދެމެދުގެ މުއްދަތެއް އިތުރު ކުރެވިދާނެ އެވެ.