Roadha Mihaaru
ކުރީގެ އަނބިމީހާއަށް މަރުގެ އިންޒާރު ދީގެން ޖަލަށް

އެހެން މީހަކާ ކައިވެނިކޮށްފި ނަމަ މަރާލާނެ ކަމަށް ބުނި މީހަކު ހަ މަހަށް ޖަލަށް

17 ޖެނުއަރީ 2018

ކުރީގެ އަނބިމީހާ އެހެން މީހަކާ ކައިވެނިކޮށްފި ނަމަ މަރާލާނެ ކަމަށް ބުނެ، އިންޒާރު ދިން މީހަކު ހަ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ އަނބިމީހާ އެހެން މީހަކާ ކައިވެނިކޮށްފި ނަމަ މަރާލާނެ ކަމަށް ބުނެ، އިންޒާރު ދިން މީހަކު ހަ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި ހުކުމް ކޮށްފައިވަނީ ކ. ގުރައިދޫ މީހަކަށެވެ. އެ މީހާ ޖަލަށްލާން މިމަހުގެ 11 ވަނަ ދުވަހު ކޯޓުން ހުކުމްކުރީ ޖެނުއަރީ، 2016 ގައި އޭނާގެ ކުރީގެ އަނބިމީހާގެ ގެއަށް އޭނާ ގޮސް އެ ދެ މީހުން ޒުވާބު ކުރުމުގެ ތެރޭގައި އަންހެން މީހާ އަށް އޭނާ މަރުގެ އިންޒާރު ދީފައިވާތީ އެވެ.

ދައުވާގައިވާ ގޮތުން އަންހެން މީހާއަށް އިންޒާރު ދެމުން އޭނާ ބުނެފައިވަނީ "އެއްވެސް މީހަކާ އިންނާކަށް ނުކެރޭނޭ، މީހަކާ އިނދެފިއްޔާ ދެ މީހުން އެއްކޮށް މަރާލާނަމޭ" ކަމަށެވެ. އެ ދައުވާއަށް އޭނާ އިންކާރު ކުރިޔަސް ހެކިންގެ ބަހަށް ބަލާއިރު އޭނާ އެގޮތަށް ބުނެ، އިންޒާރު ދިންކަން ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.

އެހެންވެ، އެ ކުށުގެ އަދަބެއްގެ ގޮތުން އޭނާ ހަ މަހަށް ޖަލަށްލާން ހުކުމްކުރީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުންނެވެ.